އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް 2-0 އިން ބަލިކޮށް އާސެނަލުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި އާސެނަލްގެ ދަނޑުގައި ޖެހިޖެހިގެން އެ ޓީމު މޮޅުވި ފަސްވަނަ މެޗެވެ. މިފަހަރުގެ ސީޒަނުގައި އާސެނަލަށް ވުރެ އަމިއްލަ ދަނޑުގައި އެންމެ ރަނގަޅު ރެކޯޑެއް އޮތީ ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލުން ވަނީ ކުޅުނު 17 މެޗުން ހޯދީ 29 ޕޮއިންޓާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ސިޓީ އަށް 17 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވިި ވެސްޓް ހޭމް އޮތީ 28 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސްއެވެ. ރޭގެ މެޗަށް ނެގި ސްކޮޑުން ވެސް އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ ބާކީ ކޮށްފައެވެ. އަހުލާގީ މައްސަލައެއްގެ ސަބަބުން ދާދިފަހުން އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލާފައިވާއިރު، ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ އަލެކްސެންޑަ ލަކަޒޭ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް ލީޑްނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ސްކޮޓްލެންޑްގެ ފުލްބެކް ކިއެރަން ޓިއާނީ އަށެވެ. ޕެނަލްޓީއޭރިޔާ ބޭރުން ޓިއާނީ ފޮނުވާލި ބޯޅަ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ މަތަކުރުމުން ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ލަނޑު، 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެއްލީ އެވެ. މިއީ ލަކަޒޭ ދިން ތުރޫ ޕާހަކުން މާޓިނެއްލީ ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ވެސްޓް ހޭމުން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އާސެނަލްގެ ފޯވާޑް ލަކަޒޭ އަށް ކުރި ފައުލަކަށް ވެސްޓް ހޭމްގެ ޗެކްރިޕަބްލިކް ފުލްބެކް ލަޑިމިއާ ސޯފަލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. އެކަމަކު، ލަކަޒޭ ފޮނުވާލި ޕެނަލްޓީ ވެސްޓް ހޭމްގެ ކީޕަރު ފަބިއާންސްކީ މަތަކުރިއެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެމީލް ސްމިތު ރޯވް އެވެ. 

ލީގުގައި ރޭ ބްރައިޓަންގެ ދަނޑުގައި 1-0 އިން ވުލްވްސް އަތުން އެ ޓީމު ބަލިވިއިރު، އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ.