މިފަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ރޭ ކްލަބު ވެލެންސިއާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ހޯދީ މޮޅާއެކު މާޒިޔާ އިން އެ މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ގާއިމްކޮށްފިއެވެ.

މިއީ މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލި ހަތަރުވަނަ ފަހަރެވެ. މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ ޓީމަކީ ވެސް މާޒިޔާ އެވެ. މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2015، 2016 އާއި 2017 އަދި 2021 ގައެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި މާޒިޔާ އަށް ލީޑްނަގައިދިނީ އިބްރާހިމް އައިސަމް އެވެ. އޭގެ 11 މިނެޓުފަހުން، މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ވަނީ މާޒިޔާގެ ތިންވަނަ ލަނޑުޖަހައިދީފައެވެ. މިއީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކޯނޭ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާގެ ހަތަރުވަނަ ލަނޑުޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މާޒިޔާގެ ފޯވާޑް ކޯނޭ އަށް ވެލެންސިއާގެ އަހުމަދު ސިޒާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިހާން (ނިހާޓް) އެވެ.

ވެލެންސިއާ އަށް މުޅި މެޗުގައި ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅުު ފުރުޞަތުގައި ފަހު ހާފުގައި ހިލޭޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ކިރަން ކުމާރު މަތަކުރިއެވެ. އޭގެކުރީން، ފުރަތަމަ ހާފުގައި އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ގަމާލް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

އާ ސީޒަނުގައި ދެން އޮތީ އަންނަ އާދީއްތަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕްގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ދަ ގްރާންޑޭ ކުޅޭ މެޗެވެ.