ބޮނޑިތާން ކުރުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މޮޅު ފަރުވާއެކެވެ. ބޮނޑިތާން ކުރުމުގައި ތަފާތު އެކި ގޮތްގޮތަށް ބޮނޑިތާން ކުރެވެއެވެ. އޭގެތެރޭގައި ބޭހެއް ބޭނުންކޮށްގެން ކުރާ ބޮނޑިތާނަކާއި ފިނި ނުވަތަ ތާފަނާ ފެނުން ކުރާ ބޮނޑިތާނެވެ. މިއީ ފޮތިގަނޑެއް ތެންމައިގެން ނުވަތަ ފޮތިގަނޑެއްފެ ތެރެއަށް ބޭހެއް (ދިވެހި ބޭހެއް) އެޅުމަށްފަހު ގައިގެ ކޮންމެސް ތަނެއްގައި އޮބާ އޮބުމެކެވެ. އާންމުގޮތެއްގައި ބޮނޑިތާންކޮށް އުޅެނީ ރިހުމާއި ތަދު ހުންނަ ތަންތަނުގައެވެ.

މި ލިޔުމުގައި މި ބަލައިލަނީ ފިނި އަދި ހޫނު ބޮނޑިތާނުގެ ތަފާތަށާއި އެކަމުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތަކަށެވެ. އެގޮތުން ކުރެވޭ އެންމެ އާންމު އެއް ބޮނޑިތާނަކަށް ވާނީ ފިނިފެނުން ނުވަތަ އައިސް ޕެކުން ކުރެވޭ ބޮނޑިތާނެވެ. މިއީ ކުއްލިގޮތުގައި ލިބޭ ބައެއް އަނިޔާތަކަށް ދެވަނައެއްނެތް މޮޅު ފަރުވާއެކެވެ. އާންމުގޮތެއްގައި ފިނިން ބޮނޑިތާން ކުރެވެނީ ހުޅު ހުޅަށް ލިބޭ އަނިޔާތަކާއި ޖެހި ތަދުވާ ތަންތަނަށެވެ. ފިނިން ބޮނޑިތާން ކުރުމުން އެ ބޮނޑިތާން ކުރެވޭ ސަރަހައްދެއްގައި ހުންނަ ލޭ ހޮޅިތައް ހިމަވާން ފަށައެވެ. އެއާއި އެކު އެސަރަހައްދަށް ދަތުރުކުރާ ލޭގެ މިންވަރު މަދުކޮށްދެއެވެ. ނަތީޖާއަކަށް ވަނީ އެ ތަނެއް ދުޅަވުމުން ރައްކާތެރިކޮށްދިނުމެވެ. މީގެ އިތުރުން އެތަނެއްގައި ލޭނުބައިވުމާއި ނޫފަގަތުން ފަދަކަންކަމުން ދުރުކޮށްދޭނެއެވެ. އަދި ފިނީގެ ސަބަބުން އެތަނެއްގައި ޖަރާސީމު އަށަގަތުން ނުވަތަ އިންފެކްޝަން އުފެދުމުންވެސް ސަލާމަތް ކޮށްދޭނެއެވެ. ހަމައެއާއި އެކު ފިނީގެ ސަބަބުންނާއި ލޭހޮޅިތައް ހިމަވުމާއި އެކު ހިއްސު ދެނެގަންނަ ނާރުތަކުން ހިއްސު ދެނެގަތުމުގައި ކޮށިކަމެއް ހުންނާނެއެވެ. ނަތީޖާއަކަށް ވާނީ އެތަނެއްގައި އަޅާ ވޭނެއް ނުވަތަ ތަދެއް އިންސާނާއަށް އިހުސާސް ކުރެވޭމިންވަރު މަދުވުމެވެ. ނުވަތަ ކުޑަވުމެވެ. އެހެންކަމުން ތަދު ކެނޑުމަށްވެސް ފިނި ބޮނޑިތާނަކީ ރަނގަޅު ފަރުވާއެކެވެ. މިއީ އިސްވެ ދެންނެވުނު ފަދަ އަނިޔާތަކަށް އެންމެ ފުރަތަނަ ބޭނުން ވާނޭ އަވަސް ފަރުވާވެސް މެއެވެ.

ތާފަނާ ފެނުން ބޮނޑިތާން ކުރުމަކީވެސް، އަމުދަކުން އާންމު ނޫން ކަމެކޭ ނުބުނެވޭނެއެވެ. އިހު އެވޭލާ ދުވަސްތަކުގައި އެންމެ މަޝްހޫރުކޮށް ކޮށްއުޅޭނީ ކޮންމެވެސް ޒާތެއްގެ ތާފަނާ ބޮނޑިތާނެކެވެ. ތާފަނާ ފެނުން ބޮނޑިތާން ކުރުމުން، އެ ބޮނޑިތާން ކުރެވޭ ތަނެއްގައި ހުންނަ ލޭހޮޅިތައް ފުޅާވެ ބޮޑުވެއެވެ. އެއާއި އެކު ލޭދައުރުކުރުން އަވަސްވެ ގިނަވެއެވެ. މިއީ އިސްވެ ދެންނެވުނު ފަދަ ކުއްލި އަނިޔާތަކުގައި އެންމެ ފުރަތަމަ ފަރުވާގެ ގޮތުގައި ބޭނުން ކުރުން އެންމެ ރަނަގަޅު ފަރުވާއެއް ނޫނެވެ. ނަމަވެސް ތާފަނާ ބޮނޑިތާނަކީ ދިގުމުއްދަތެއްހައި ހުންނަ އެފަދަ ތަދުތަކާއި ކަނޑައިގެން ނުދާފަދަ ދެމިގެންދާ ރިހުންތަކަށް އޮތް ރަނގަޅު ފަރުވާއެކެވެ. އިސްވެ ދެންނެވުނު ފަދައިން މިކަމުގެ ސަބަބުން ލޭދައުރުވުން ރަނަގަޅު ކޮށްދޭނެއެވެ. އެއާއި އެކު އަސަރަހައްދަކަށް ބޭނުންވާ އޮކްސިޖަންއާއި އެހެނިހެން ފައިދާ ހުރި މާއްދާތައް އޭގެ ހަމައަށް ލިބެމުން ދާނެއެވެ. ނަތީޖާއަކަށް ވަނީ އެތަނެއްގައި އެ ހުންނަ އަނިޔާއެއް ރަނގަޅުވާން ފަސޭހަވެ އަވަސްވުމެވެ. ހަމަ އެއާއި އެކު ލޭދައުރުވުން ރަނގަޅުވުމާއި އެކު ރިހޭ ރިހުމާއި ތަދުވާ ތަދުވުންވެސް ލުއިވާނެއެވެ. މީގެ އިތުރުން އެތަނެއްގައި ޖަމާވެފައި ހުންނަ ނުބައި ލޭތަކާއި އެހެނިހެން ބޭކާރު މާއްދާތަށް ފަސޭހަކަމާއި އެކު ބޭރުކޮށްދޭނެއެވެ. ރަނގަޅަށް ލޭ ދައުރުވާނަމަ މިއީ ދުޅަފިލުވުމަށްވެސް ބޭނުން ކުރެވިދާނޭ ފަރުވާއެކެވެ.

މި ބަލައިލެވުނީ ފިނި އަދި ތާފަނާ ބޮނޑިތާނުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ކަންކަން ވަމުންދާ ގޮތަށެވެ. ޖުމުލަކޮށް ބުނާނަމަ މި ދެ ބޮނޑިތާނަކީވެސް އެއްފަރުވާއެއް ހޯދުމަށް ކުރެވޭ ބޮނޑިތާނެކެވެ. ނަމަވެސް އަވަސް ފަރުވާއަށް އެންމެ ރަނަގަޅީ ފިނި ބޮނޑިތާނެވެ. ދެމިގެންވާ ފަރުވާއެއްގެ ގޮތުން އެންމެ ރަނަގަޅީ ތާފަނާ ބޮނޑިތާނެވެ. ނަމަވެސް އަވަސް ފަރުވާއަށް ފަހު ދެން ހިނގާ ކުރު މުއްދަތަކަށް ދެމިގެންދާ ފަރުވާތަކުގައި މި ދެ ވައްތަރުގެ ބޮނޑިދާން މަސްހުނިކޮށް ބޭނުންކުރުން ރަނގަޅެވެ. ހަމަ އެކަނި އެއްވައްތަރަކަށް ތަބާ ނުވެ ދެ ވައްތަރު ބޮނޑިތާން ބޭނުން ކުރުން ރަނގަޅެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ މުހިންމު އެއް ކަމަކީ އޮޕަރޭޝަން ތަކުގެ ފަހުގައި މަދުވެގެން ދެދުވަސްވަންދެން ތާފަނާ ބޮނޑިތާން ކުރުން ރަނަގަޅު ނުވާނެއެވެ. އެހެނީ އޭގެ ސަބަބުން އެ ތަނެއްގެ ތެރޭގައި ލޭ ޖަމާވެ ދުޅަ އިތުރުވެދާނެތީއެވެ. އަދި ޖަރާސީމު އަށަގަތުމަށްވެސް ފަހިވާނެތީއެވެ. ނަމަވެސް އޮޕަރޭޝަން ތަކުގެ ތިން ހަތަރު ދުވަސްފަހުން ތާފަނާ ބޮނޑިތާނަކީވެސް ތަދުކަނޑުވަން ރަނަގަޅު ފަރުވާއެކެވެ. އެމީހެއްގެ ހާލަތަށް ބަލާ އެންމެ ރަނގަޅު ފަރުވާއެއް ނުވަތަ ދެފަރުވާ އެއްކޮށް ނަމަވެސް ކުރުން މުހިންމެވެ.