ކާމިޔާބު ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާ ޑާކްރެއިންގެ ފިލްމު "ބީވީމާ" ގެ ލީޑު ރޯލުން ފެންނާނެ ކަމަށް ހާމަކޮށްފިއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިއަދު ވަނީ އެ ފިލްމު ކުންފުނީގެ ކުރިޔަށް އޮތް ފިލްމު "ބީވީމާ" ގެ ލިޑު ރޯލުން ފެނިގެންދާނެ ތަރިންގެ އިތުރުން މުހިއްމު ރޯލު ތަކުން ފެނިގެންދާނެ ތަރިންގެ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލާފައެވެ.
އަޝްފާގެ ފީޗާ ފިލްމު ކުޅެން ފެށި ހަބަރު ވެގެންދާނީ އަޝްފާގެ އެކްޓިން ފިލްމަކުން ބަލާލަން ބޭނުންވެފައި ތިބި މީހުންނަށް އުފާވެރި ހަބަރަކަށެވެ. އޭނާ އާއެކު އެ ފިލްމުގައި ފިރިހެން ލީޑަކަށް ހަރަކާތްތެރި ވާނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

"ބީވީމާ" ގެ މުހިއްމު ރޯލުތަކުން އަހުމަދު ޒިދާން (ނާނަ) އާއި ޑާކްރެއިންގެ "ގޮށްރާޅު" އިން ފެނިގެންދިޔަ އާޝާ ވެސް ފެނިގެންދާއިރު އަލީ ޝަޒްލީމް އާއި، އާއިޝަތު އަލީގެ އިތުރުން، އައިޝަތު ޔާދާ އަދި ހުނޭޝާ ފަދަ ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކްރެއިން އިން ބުނެއެވެ.

ފިލްމީ ދާއިރާއަށް އަލަށް ނުކުތް ގިނަ ތަރިންތަކެއް ވެސް "ބީވީމާ" އިން ފެނިގެންދާއިރު އެ ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރު އަހުމަދު ޒަރީރް އަމިއްލަ ވާހަކަ އަކަށް ލިޔެ ޑައިރެކްޓްކުރާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.
މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ޕްރޮޑިއުސްކުރާ އެ ފިލްމުގެ އެޑިޓިންގެ މަސައްކަތް ކުރާނީ އަލީ ޝިފާއު (ޗިއްޕެ) އަދި ތަރިންގެ ކޮސްޓިއުމް ތައްޔާރުކޮށް މޭކަޕް ކޮށްދެނީ ސޭންޑީއެވެ.
