ށަވިޔަނި އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ މާކަނޑޫދުއަކީ ބިމުގެ ބޮޑުމިނުގައި 88.4 ހެކްޓަރު ހުރި ބޮޑު ރަށެކެވެ. ބިމުގެ ގޮތުން ކިތަންމެ ބޮޑު ނަމަވެސް އެރަށަކީ ދިރިއުޅުމަށް ދަތިވާ ވަރަށް ބޮޑެތި، ގިނަ  މައްސަލަތަކެއް ހުރި ރަށެކެވެ. ރާއްޖޭގެ އެހެނިހެން ބައެއް ރަށްރަށެކޭ އެއްގޮތަށް މާކަނޑޫދުއަކީ ވެސް ގާމަތީ ރަށެކެވެ. ރަށުގެ އެއްވެސް ފަރާތެއްގައި، އެއްވެސް ވަރެއްގެ ފަޅެއް ނެތުމަކީ ރަށުގައި މީހުން ދިރިއުޅުމަށް ދިމާވާ އެންމެ ބޮޑު ދަތިކަމެވެ. ރަށަށް އަރާފައިބާ ހެދުމާއި، ރަށުގައި އޮޑިދޯނި ފަހަރު ގެންގުޅުން ވެފައި އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އަދި ހަމަ އެހެންމެ މާކަނޑުދުއަކީ އާދަޔާ ޚިލާފަށް ގިރާ ރަށަކަށް ވާތީ، ރަށުގެ ގޮނޑުދޮށާ ކައިރީގައި ހުރި އާންމުންގެ ގެދޮރާއި، އެހެނިހެން އިމާރާތްތައް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި ރަށު މަދަރުސާ އާއި ގަބުރުސްތާނު ހިމެނެއެވެ. ރަށުގެ އިރުމަތީ ފަރާތު އަތިރިމަތީގައި ހުންނަ ރަށު މަދަރުސާގެ ބައެއް ކުލާސްރޫމްތަކަށް އިރުވައި މޫސުމުގައި ރާޅުއަރައި، އެތަންތަން ބޭނުން ނުކުރެވޭ ހިސާބަށް ދެއެވެ.

މާކަނޑޫދޫ ސްކޫލްގެ ބައެެއް ކުލާސްރޫމްތައް

ކުކުޅުބިސް ބުރަށް އޮންނަ މާކަނޑޫދޫގެ ބޮޑު ބަޔަކީ ކުޅިއާއި ޗަސްބިމެވެ. ރަށުގެ ހިކިފަސް ތަނަކީ ރަށުގެ ވަށައިގެންވާ 120 ފޫޓު ފުޅާ ބުރެއްގެ ޖާގައެވެ. ރަށުގެ މެދުތެރެއަކީ ޗަސްބިމެވެ. އެހެންކަމުން ރަށުގައި ބިމުގެ ދަތިކަން ވަނީ ނިހާޔަތަށް ބޮޑުވެފައެވެ. ހިކިފަސް ސަރަހައްދުގައި ގެދޮރު އަޅާނެ އިތުރު ޖާގަ ނެތުމުން ޗަސްބިން ހިއްކައިގެން ވެސް ވަރަށް ގިނަ ގެދޮރު އަޅާފައި ވެއެވެ. އަދި ރަށުގެ ގިނަ މަގުތައް ވެސް ހެދިފައި ހުރީ ޗަސްބިމަށް ގަލާއި ވެލި އަޅައިގެން، ޗަސްބިން ހިއްކައިގެންނެވެ. މިގޮތަށް ޗަސްބިން ހިއްކައިގެން ގެދޮރު އެޅުމުން ދިމާވާ މައްސަލަތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ގޭގޭގެ ފެންވަޅުތަކުގެ ފެން، ކުޅީގެ ފެންގަނޑު ހުންނަ ކުލައިގައި ހުރުމާއި (ރަތްކުލަ، ކިލާކުލަ، ކަޅުކުލަ)، ފެނުގެ ވަސް ނުބައި ވުމާއި، ގޭގޭގެ ފާރުތައް ކަނޑައިގެން ދިއުމާއި، މުޅިގެ އެއްކޮށް މަޑުމަޑުން އަޑިއަށް ގެނބެމުން ދިޔުން ހިމެނެއެވެ.

މާކަނޑޫދުއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން އެ ރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި އެކި ސިފަސިފައިގައި ސަރުކާރުގެ ރަސްމީ ފަރާތްތަކުގައި ދަންނަވަމުން ގެންދިޔައެވެ. އެގޮތުން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ވެސް މާކަނޑޫދޫ ރައްޔިތުން އެކަމަށް އެދެމުން ދިޔަކަން ތާރީޚީ ލިޔުންތަކުން ފެންނަން ހުރި ކަމަށް އިލްޔާސް ޙުސައިން އިބްރާހިމް (1999) ވިދާޅުވެއެވެ. އަދި އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް މާކަނޑުދޫ ރައްޔިތުން ވަނީ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. މިއީ މިފަދަ ގޮތަކަށް ރަށެއްގެ ރައްޔިތުން އަމިއްލައަށް އެދިގެން އެހެން ރަށަކަށް ބަދަލުވުމަށް ރައީސް މައުމޫންގެ ސަރުކާރަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

މާކަނޑޫދުއަކީ މީހުން ދިރިއުޅުމަށް ރަނގަޅު ރަށެއް ކަމުގައި ހެދުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ހިނގާނެއެވެ. ރަށް ވަށައިގެން ރަނގަޅު ފެންވަރެއްގައި ތޮށިލައިގެން ނުގިރާ ގޮތަށް ހަދަން ޖެހެއެވެ. އަދި ރަށުގައި ގެ އަޅާނެ ބިން ހިއްކަން ޖެހެއެވެ. އަދި ރަށުގެ ބަނދަރު ހަދަންޖެހެ އެވެ. ބަނދަރު ހެދެން އަންނަނީ ރަށުގައި އޮތް ކުޅިން ބައެއް ކަނޑަށް ފޫވައްޓާލުމަށްފަހު ޝީޓްޕައިލް  ކޮށްގެންނެވެ. މި މަސައްކަތްތަކަށް ދާނެ ޚަރަދު ލަފާކުރުމަށް ކުރެވުނު ދިރާސާ ރިޕޯޓުން ދައްކާގޮތުގައި މިހުރިހާ މަސައްކަތަކަށް ގާތްގަނޑަކަށް، 178 މިލިޔަން ރުފިޔާ ޚަރަދުވާނެވެ. އެހެންކަމުން މި ވަރުގެ ބޮޑު ޚަރަދެއްކޮށްގެން މާކަނޑޫދޫ ތަރައްޤީ ކުރުމަށްވުރެ، މާކަނޑޫދޫ ރައްޔިތުން މިލަންދުއަށް ނުވަތަ ފުނަދުއަށް ބަދަލު ކުރެވިއްޖެނަމަ، މާ ޚަރަދުކުޑަ ވާނެއެވެ (އިލްޔާސް ޙުސައިން އިބްރާހިމް، 1999).

މާކަނޑޫދޫގެ ޗަސްބިމުން ބައެއް

މާކަނޑޫދުއަކީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު ތިމާވެށީގެ ގޮތުން ވަރަށް ޚާއްޞަ ތަފާތު ރަށެކެވެ. ގެދޮރު އެޅުމަށް ރަށުގެ ޗަސްބިން ހިއްކައި، ބަނދަރު ހެދުމަށް ރަށުގެ ކުޅި މޫދާ ގުޅުވާލައިފިނަމަ ރަށުގެ ޤުދުރަތީ މާޙައުލު ވަރަށް ބޮޑަށް ހަލާކުވެގެން ދާނެތީ، އެއީ އެއްވެސް ޙާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ތިމާވެށްޓާ ގުޅޭ ވަރަށް ގިނަ ފަރާތްތަކުން ދެކެމުންދެއެވެ. އެހެންކަމުން ރައީސް މައުމޫނުގެ ސަރުކާރަށް ޤަބޫލުކުރެވުނީ މާކަނޑޫދޫ މީހުން އެދެމުން ދިޔަ ގޮތަށް، މާކަނޑޫދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ވެއްޖެކަމެވެ. އެގޮތުން މީލާދީން 1992 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގައި ވަނީ އެމައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ދިރިއުޅެން ފަސޭހަ ރަށަކަށް މާކަނޑޫދޫ ރައްޔިތުން ބަދަލުކޮށްދިނުމަށް އެދިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އެންވަޔަރަންމަންޓުން ބެއްލެވުމަށްފަހު، ވަޒީރުންގެ މަޖިލީހަށް ފޮނުއްވާފައިވާ ރިޕޯޓުގައި ވަނީ މާކަނޑޫދޫ މީހުން ބަދަލުކުރުމަށް އެންމެ ރަނގަޅު ރަށެއްކަމަށް ފެނިވަޑައިގަންނަވަނީ ށ.ފުނަދޫ ކަމުގައެވެ. ނަމަވެސް މި ހުށަހެޅުއްވުމާ މެދު ވަޒީރުންގެ މަޖިލީހަށް މުޅިން އެއްބަސްވެ ވަޑައެއްނުގެންނެވުނެވެ. އެހެންކަމުން މާކަނޑޫދޫ މީހުން ބަދަލު ކުރާނެ ރަށަކާ ބެހޭގޮތުން އިތުރަށް ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ދެއްވުމާ ގުޅިގެން، އޭރުގެ އެޓޯލްސް މިނިސްޓަރ އޮނޮރަބަލް އިލްޔާސް އިބްރާހީމް މާކަނޑޫދޫ އަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ. އަދި ރަށުގެ ވެރިންނަށާއި ރަށްކުރިއަރުވާ ކޮމެޓީއަށް އެކަންތައް އޮތްގޮތް ސާފުކޮށްދެއްވުމުން ރަށުގެ ރައްޔިތުން ނިންމީ މިލަންދުއަށް ބަދަލުވާށެވެ (އިލްޔާސް ޙުސައިން އިބްރާހިމް، 1999). އެހެންކަމުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން މިލަންދޫގެ ބިން ހެޔޮގޮތުގައި ބޭނުން ކުރާނެ ގޮތުގެ ޗާޓެއް ކުރަހައި، މާކަނޑޫދޫ މީހުން މިލަންދުއަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ މީލާދީން 1993 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެވުނީ ރަށުގެ މަގުތައް ކޮށައި ސާފުކުރުމުގެ މަސައްކަތާއި، ރަށުގައި އިންޖީނުގެއެއް އެޅުމުގެ މަސައްކަތެވެ. އަދި މީގެ އިތުރުން 10 މެއި 1994 ގައި ވަނީ މިލަންދޫ އިން 45 ގޯތި ދޫކުރެވިފައެވެ. މިއީ މާކަނޑޫދޫން ގޯއްޗަށް އެދިފައި ތިބި މީހުންގެ ތެރެއިން، މިލަންދޫން ގޯތި ބޭނުންވެގެން އެދުނު ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތި ތަކެކެވެ.

މާކަނޑޫދޫ ރައްޔިތުން މިލަންދުއަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފައްޓަވާފައި ވަނިކޮށް، މާކަނޑޫދޫ ބަޔަކު ފުނަދުއަށް ބަދަލުވުމަށް ސަރުކާރުގައި އެދެން ފެށިއެވެ. މިގޮތަށް އެދެން ފެށީ ށ.ފިރުނބައިދޫ މީހުން ށ.ފުނަދުއަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ފުނަދޫގައި ގެތައް އަޅަން ފެށުމުންނެވެ. މި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އަނެއް ބަޔަކު އެދެމުން ދިޔައީ މާކަނޑޫދޫ މީހުން އެހެން ރަށަކަށް ބަދަލުނުކޮށް، މާކަނޑޫދޫ ތަރައްޤީ ކޮށްދިނުމަށެވެ. ދެން ތިބި މީހުން އެދެމުން ދިޔައީ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް މިލަންދުއަށް ބަދަލުކޮށް ދިނުމަށެވެ. ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު މިލަންދޫގައި ގެތައް އަޅައިދިނުމަށެވެ.

މި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އޭރުގެ ސަރުކާރުން ނިންމެވީ މާކަނޑޫދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިތުރު ދިރާސާތަކެއް ކުރުމަށެވެ. އެގޮތުން 1996 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަފުދެއް މާކަނޑޫދުއަށް ގޮސް ރައްޔިތުންގެ ޚިޔާލު ހޯދިއެވެ. މި ވަފުދުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އިލްޔާސް ޙުސައިން އިބްރާހީމެވެ.

1996 ވަނަ އަހަރުގެ ނިޔަލަށް މާކަނޑޫދޫގެ އާބާދީގައި ތިބީ 1759 މީހުންނެވެ. މި ވަފުދުން ރަށުގެ 589 މީހުންނާ ބައްދަލުކޮށް ސުވާލުކުރެއްވިއެވެ. އޭގެތެރެއިން 451 މީހުން ބުނެފައި ވަނީ މިލަންދުއަށް ބަދަލުވާން އެދޭ ކަމުގައެވެ. އަދި 131 މީހުން ބޭނުންވަނީ ފުނަދުއަށް ބަދަލުވާށެވެ. ވަކި ގޮތަށް ޚިޔާލު ނުދޭ 7 މީހަކު ވެސް ތިއްބެވެ. އެހެންކަމުން އަނެއްކާ ވެސް މި މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނެވެ. 1997 ވަނަ އަހަރުގެ މެއި 17 ވަނަ ދުވަހު މި މައްސަލައާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުން ނިންމެވީ މާކަނޑޫދޫ މީހުން މިލަންދުއާއި ފުނަދުއަށް ބަދަލުކޮށްދޭ ގޮތަށެވެ.

މާކަނޑޫދޫ މީހުން މިލަންދުއާއި ފުނަދުއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މިލަންދުއަށް ބަދަލުކުރީ 30 ގޭގެ މީހުންނެވެ. ފުނަދުއަށް ބަދަލު ކުރީ 5 ގޭގެ މީހުންނެވެ. ފުރަތަމަ ފިޔަވަހީގެ ގެތައް ނިމި، މާކަނޑޫދޫ މީހުން މިލަންދުއަށް ބަދަލުވާން ފެށީ 16 ސެޕްޓެމްބަރ 2000 ގައެވެ. މީހުން ބަދަލުވެ ނިމިފައިވަނީ 16 ސެޕްޓެމްބަރ 2007 ގައެވެ.

ރިފަރެންސް:

އިލްޔާސް ޙުސައިން އިބްރާހީމް. (1999). އެއްފަސްކުރުން. ނެގީ: http://www.ilyashussainibrahim.com/?p=286 އިން.