ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނިކޯ ގޮންޒާލޭޒް ފަހުވަގުތު ވައްދާލި ލަނޑާއެކު 3-2 އިން އެލްޗޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.
މިއީ މި ސީޒަނުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. ލީގުގައި އެ ޓީމުން އެންމެ ފަހުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން ދެ ޓީމު އެއްވަރުވިއިރު، އޭގެކުރީން ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން ވަނީ 1-0 އިން ބަލިވެފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވީ 3-0 އިންނެވެ.
ރޭގެ މެޗުތަކަށްފަހު ބާސެލޯނާ އޮތީ 17 މެޗުން ހޯދީ 27 ޕޮއިންޓާއެކު ހަތްވަނައިގައެވެ. މި މެޗުން ބަލިވި އެލްޗޭ އޮތީ 15 ޕޮއިންޓާއެކު 16 ވަނައިގައެވެ. ލީގުގެ އެންމެ ކުރީގައި އުޅޭ ރެއާލް މެޑްރިޑަށް 17 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސެވިއްޔާ އެވެ. ތިންވަނައިގައި އޮތް ބެޓިސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.
ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ލީޑްނެގީ 16 ވަނަ މިނެޓުގައި ފެރާން ޖުގްލާ ވައްދާލި ލަނޑުންނެވެ. މިއީ ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ނަގައިދިން ކޯނަރަކުން ޖުގްލާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ތިން މިނެޓުފަހުން، ގަވީ ވައްދާލި ލަނޑާއެކު ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ދެ މިނެޓުގެ ތެރޭގައި އެލްޗޭ އިން ކާމިޔާބުކުރި ދެލަނޑާއެކު ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު، ޓެޓޭ މޮރެންޓޭ ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއްފަހުން މޮރެންޓޭ ނަގައިދިން ހުރަހަކުން ޕެރޭ މިއާ ވަނީ އެލްޗޭ އަށް އެއްވަރުކޮށްދީފައެވެ. ބާސެލޯނާ މޮޅުވި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ނިކޯ ޖެހީ ގަވީ ދިން ބޯޅައަކުންނެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ސެވިއްޔާ މޮޅުވިއިރު، ވިޔަރެއާލުން ވަނީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 3-1 އިން މޮޅުވެފައެވެ.
