އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ގެބްރިއެލް މާޓިނެއްލީ ވައްދާލި ދެލަނޑުން ލީޑްސް ޔުނައިޓެޑް 4-1 އިން ބަލިކޮށް އާސެނަލުން ހަތަރުވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

މިއީ ލީގުގައި އާސެނަލުން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓް ހޭމް އަތުން 2-0 އިން މޮޅުވިއިރު، އޭގެކުރީން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-0 އިންނެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލަށް ކުޅުނު 18 މެޗުން ލިބުނު 32 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، ދެން އެ ޓީމާ އެންމެ ކައިރިން ވާދަކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 28 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 17 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިންވަނައިގައި ޗެލްސީ އޮތީ 17 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ.

ލީޑްސްގެ އެލަންޑް ރޯޑްގައި ރޭ ކުޅުނު މެޗަށް އެ ޓީމު ނިކުތްއިރު އަނިޔާގެ ސަބަބުން ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުކުޅެއެވެ. ރޭގެ މެޗު ފެށިގެން 16 ވަނަ މިނެޓުގައި އާސެނަލަށް ލީޑްނަގައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ޒުވާން ފޯވާޑް މާޓިނެއްލީ އެވެ. އޭގެފަހުން، މެޗުގެ 28 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑުޖެހީ ވެސް މާޓިނެއްލީ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރޭނިޓް ޒާކާ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، އިނގިރޭސި ވިންގާ ބުކާޔޯ ސާކާ ވަނީ އާސެނަލަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ލީޑްސް އަށް ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޖޯ ގެލްހާޓް އަށް އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެމީލް ސްމިތު ރޯވް ވަނީ އާސެނަލަށް އަލުން ތިން ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ވިދިވިދިގެން އޭނާ ލަނޑުޖެހި ދެވަނަ މެޗެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތްވަނަ ގޯލެވެ.

މި މުބާރާތުގައި މިރޭ ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ސިޓީ ނިކުންނައިރު، ލިވަޕޫލުން ރަށުން ބޭރުގައި ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. މިރޭގެ އަނެއް މެޗުގައި ވުލްވްސްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.