ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަ އެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް ވުރެ އިތުރުވާނެ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ 63،000 އަށް ވުރެ ގިނަ ބިދޭސީން ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 115 ބިދޭސީން މުޅިން އަލަށް ރާއްޖެ އެތެރެވެއެވެ.

ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން 13 އޮކްޓޯބަރު 2020 ގައި އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރަށް ބަލާއިރު، މުޅި ރާއްޖޭގައި 557،426 މީހުން ދިރިއުޅޭނެ އެވެ. ލަފާކުރެވޭ ގޮތުން އާބާދީގެ 30 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ. އެހެންކަމުން ދިވެހިންގެ އާބާދީގައި ހަތަރު ލައްކަ ހަމަނުވާ އިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އާބާދީ ދެލައްކައާ ގާތްވުމަކީ ދިވެހިރާއްޖެއަށް އޮތް ބޮޑު ބިރެކެވެ. ހަމަ އެހެންމެ ނުރައްކަލުގެ އިންޒާރެކެވެ. މި ނިސްބަތުން ބިދޭސީންގެ އާބާދީ އިތުރުވަމުންދާނަމަ، ކުރިއަށް އޮތް ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ އާބާދީ  ރާއްޖޭގެ އާބާދީއާ އެއްވަރުވާނެއެވެ. ނުވަތަ އިތުރުވާނެއެވެ.  

މިއަދު ރާއްޖޭގައި ބިދޭސީން ހަރަކާތްތެރި ނުވާ ހަމަ އެއްވެސް ދާއިރާއެއް ނެތެވެ. އެގޮތުން ފަތުރުވެރިކަމާއި، އިމާރާތްކުރުން ފަދަ އުމްރާނީ ތަރައްޤީއާ ގުޅިފައިވާ މަސައްކަތްތަކުން ފެށިގެން ގޮސް ހޮޓާ ރެސްޓޯރެންޓް، ކެފޭ ފަދަ ތަންތަން ހިންގުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވަނީ ބިދޭސީންނެވެ. ހަމަ އެއާއެކު ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާއި، ރަށްފުށުގައި ކުރެވޭ ދަނޑުވެރިކަމުގައި ވެސް މިހާރު އެންމެ އިސްދައުރެއް އަދާކުރާތަން ފެންނަނީ ބިދޭސީންނެވެ. މީގެއިތުރުން ފަހާތަންތަނާއި، ބޯކޮށާ ސެލޫންތަކާއި، ކަންމަތީ ފިހާރަތައް ވެސް ހިންގަނީ އެމީހުންނެވެ. އަދި ހަމައެހެންމެ އިޖުތިމާޢީ ތަފާތު ޚިދުމަތްތަކާއި، ވަޒީފާއަދާކުރާ ދިވެހިންގެ ދަރިން ބެލުމާއި، ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ވެސް ބިދޭސީންގެ ދައުރު ބޮޑެވެ.  

ރާއްޖެއަށް ބިދޭސީން ގެންނަނީ މަސައްކަތް ކުރުވަން ފަސޭހަވެފައި، ޚަރަދުކުޑަވުމުންނެވެ. އެހެނީ ބިދޭސީން ކުރާ މަސައްކަތްތައް ކުރާނެ ދިވެހިން ނުލިބުމާއި، ދިވެހިން ވަޒީފާތަކުގައި ހަރުނުލުމާއި، ފަރުވާކުޑަކަމަކީ ވެސް ބިދޭސީން ގެންނަންޖެހޭ ސަބަބުތަކެވެ. އަދި މީގެ އިތުރުން ދިވެހިންގެ ކަންނެތްކަމަކީ ވެސް ބިދޭސީންގެ އާބާދީ އިތުރުވުމުގައި ޝާމިލްވާ ކަމެކެވެ. ކުރިން އާންމު ގޮތެއްގައި ބިދޭސީން ކޮށްއުޅުނީ ދިވެހިން ކުރަން ލަދުގަންނަ، ހަޑި މަސައްކަތްތަކެވެ. އަޙްމަދު ސާއިލް ޢަލީ (2012) ބަޔާންކުރައްވާ ގޮތުގައި "ބިދޭސީނަށް ރާއްޖޭގައި މަސައްކަތް ލިބި ދިވެހިން ބިކަވުމުގެ ފަހަތުގައި ވެސް ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ދިވެހިން ބައެއް މަސައްކަތްތައް ކުރަން ލަދުގަތުމާއި، ވަޒީފާ އަދާކުރަން ބައެއް ދިވެހިން ފަސްޖެހޭ ޖެހުމެވެ. ޒުވާނުން ވަޒީފާއަށް ނެރުމަށް އެންކަރޭޖް ކުރެވުނަސް ތަޢުލީމާއި ތަޖުރިބާއަށް އިސްކަން ދެވެނީ ވަރަށް މަދުންނެވެ."

އަބްދުﷲ ސައީދު (2015) ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކުން ބިދޭސީންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްފައި އޮންނަނީ، ފަރުދުންގެ ތެރޭގައި އެ ހުނަރެއް ލިބިފައިވާ މީހުން މަދުވުން ނުވަތަ ކުރަންޖެހޭ މަސައްކަތް ބުރަވެ، ޤައުމުގެ އިންސާނީ ވަޞީލަތް ހުރި މިންވަރުން އެ މަސައްކަތެއް ނުކުރެވޭ ފަދަ ޙާލަތްތަކުގައެވެ. ނަމަވެސް ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް، ބިދޭސީން ގެނައުމުގެ މަސައްކަތްކުރާ ފަރާތްތަކުން، އެ ވިޔަފާރިން ފައިދާއާއި ނަފާ ލިބިގަތުމުގެ ބޭނުމުގައި، މަކަރާއި ޙީލަތް ހަދައިގެން، ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން އެތައް ބަޔަކު ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ވަޒީފާއަށް ބޭނުންވެފައި ތިބި އެތަކެއް ދިވެހިންނަށް ވަޒީފާ ނުލިބި، ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު ރާއްޖޭގެ ޒުވާނުންގެ އާބާދީ އަށް ވުރެ ބިދޭސީންގެ އާބާދީ ބޮޑުވެފައިވުމަކީ ބޮޑު ނުރައްކަލެކެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ގިނަ ރިސޯޓުތަކާއި، ސަފާރީތަކާއި ގެސްޓްހައުސްތަކަކީ ރާއްޖޭންބޭރުގެ ކުންފުނިތަކުން އިންވެސްޓްކޮށް، ހިންގަމުންދާ ވިޔަފާރިތަކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަތީފަންތީގެ ވަޒީފާތަކުގައި ތިބި ހަތްދިހަފަސް އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންނެވެ. އެހެންކަމުން މުވައްޒަފުން ހޯދުމާއި، އިންޓަރވިއުކުރުމާއި، ރެކްރޫޓްކުރުމުގެ މަސައްކަތުގައި ބިދޭސީން ތިބުމުގެ ނަތީޖާއަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ގެއްލުމެވެ. އެ މަޤާމުތަކުގައި ތިބި ބިދޭސީން ދަނީ ޤައުމަށް ލިބެންޖެހޭ މުއްސަނދިކަން ޤައުމުން ބޭރުކުރަމުންނެވެ. ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުކުރަމުންނެވެ. ބައެއް ބިދޭސީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭއިރު، އަނެއް ބަޔަކު ރުފިޔާއިން މުސާރަ ލިބިގަނެ، ޑޮލަރަށް ހަދައި ޤައުމުން ބޭރުކުރެއެވެ. ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު މަތަކޮށް، ރާއްޖެއަށް ލިބޭ ޑޮލަރު ވީހާވެސް ގިނަ ވަގުތެއްގައި ޤައުމުގައި ހިފެހެއްޓުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދީގެން ނޫނީ ދިވެހި އިޤްތިޞާދު ހަމަޔަކަށް ނޭޅޭނެއެވެ. އެހެންނޫންނަމަ، ރުފިޔާގެ އަގުވެއްޓި، އިޤްތިޞާދު ފުޑުފުޑުވެ، ރައްޔިތުން ޙާލުގައި ޖެހިދާނެއެވެ. ޤައުމަކަށް ކުރިޔަށް ދެވޭނީ އެ ޤައުމެއްގައި ފުރިހަމަ އިޤްތިޞާދެއް އޮވެގެންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ވަކި މިންވަރެއްގައި ނުހިފެހެއްޓިއްޖެ ނަމަ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެ، އިގްތިޞާދީ ގޮތުން ރާއްޖެ ފުން އަނދަވަޅަކަށް ވެއްޓިދާނެއެވެ. ރާއްޖޭގެ މުޅި އިޤްތިޞާދު އެމީހުންގެ ބާރުގެ ދަށަށް ގޮސް، ހުރިހާ ވިޔަފާރިތަކާއި، މަސައްކަތްތައް ކޮންޓްރޯލްކުރާ ބަޔަކީ އެމީހުން ކަމުގައި ވެގެންދާނެއެވެ. އިޤްތިޞާދީ ގޮތުން ލިބޭ ބާރާއެކު ސިޔާސީވެރިން އެމީހުންގެ އަތްދަށުވެ، ޤާނޫނު ހަދާ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، ވެރިކަން ހިންގުމުގެ ބާރު އެމީހުންގެ މުށުތެރެއަށް ހިނގައިދާނެއެވެ. ދިވެހިރާއްޖެ އަކީ ހަމައެކަނި ދިވެހިންގެ ޤައުމަކަށް ނުވެ، ބިދޭސީން ދިވެހި ބިމަށް ގަދަވެގަނެ، ދިވެހިންގެ ދީނާއި ސަޤާފަތަށް  ނުފޫޒު ފޯރުވަން ފަށާނެއެވެ. އެ މީހުންގެ ފަރާތުން ޤައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހެއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން އިތުރުވުމުގެ ސަބަބުން ދިމާވާ އިޖުތިމާޢީ މައްސަލަތައް ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެކަންކަން ފަސޭހައިން ހައްލުނުކުރެވޭނެ މިންވަރަށް ވަނީ ގޯސްވެފައެވެ. ހަމަ އެހެންމެ ކުށުގެ ވެށި މުޅިން ބަދަލުވެ، އަޚުލާޤީ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މުޖުތަމަޢުގައި ފެތުރިގެންދާ ނޭދެވޭ ގިނަ ކަންކަމަކީ ބިދޭސީންގެ ފަރާތުން ތަޢާރަފުވެގެންދާ ކަންކަމެވެ. ބިދޭސީންނާ ގުޅޭގޮތުން އެންމެ ގިނައިން ރެކޯޑްކޮށްފައި ވަނީ މަސްތުވާ ތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ބިދޭސީންގެ ދައުރު އިންތިހާއަށް ބޮޑުކަން ފާހަގަކުރެވެއެވެ. ބަނގުރާ ބޮއެގެން މަގުމައްޗަށް ނުކުމެ އުޅުމާއި، ޕާޓީކުރުމާއި، ބިދޭސީން ދިރިއުޅޭ ބައެއް ގޭގޭގައި ބަނގުރާ ކައްކާކަމުގެ މައްސަލަތައް ވެސް ރެކޯޑްކުރެވިފައިވެއެވެ. މީގެ އިތުރުން ވައްކަމުގެ މައްސަލަތަކާއި، ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ދަރިވަރުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި، މާރާމާރީއާ، މީހުން މެރުމުގައި ވެސް ބިދޭސީންގެ ރެކޯޑް އޮތް އަދަދު ގިނަ ކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން 2019 ވަނަ އަހަރު ބިދޭސީންގެ ކުށުގެ ރެކޯޑަށް ބަލާއިރު، ޖުމްލަ 648 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ޖުމްލަ 853 ބިދޭސީން ބައިވެރިވެފައިވާކަމަށް ޢާއިޝަތު ޝާޒްލީން (2020) ދަޕްރެސް ވެބްސައިޓްގައި ލިޔުއްވާފައިވެއެވެ.

ތަފާތު ދީންތަކާއި ޢަޤީދާތަކެއް ޤަބޫލުކުރާ ބަޔަކު އެއް މާޙައުލެއްގައި ދިރިއުޅެން ޖެހުމުން އުފެދިގެން އަންނަ މަސްހުނި ދިރިއުޅުމަކީ ވެސް އިޖުތިމާޢީ މައްސަލަތައް އުފެދުމުގެ ސަބަބެކެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ ދިވެހިންނާއި ބިދޭސީން ކައިވެނިކޮށް ނަސްލު އެކުވެގެން ދިއުމެވެ. ރާއްޖޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް ހަތެއް ނުވަތަ އަށް ބިދޭސީ-ދިވެހި ކައިވެނި ކުރެވެއެވެ. މިގޮތަށް ކަންތައް ވެގެންދާނަމަ ދިވެހި މުޖުތަމަޢަކީ "ދޭސީބިދޭސީ" މުޖުތަމަޢަކަށް ވަރަށް އަވަހަށް ވެގެންދާނެ ކަމަށް އާސިޔަތު މުޙައްމަދު ސައީދު (2012) ހަވީރުގައި ލިޔުއްވާފައި ވެއެވެ. މިފަދަ ކައިވެނިތަކުން މުޖުތަމަޢަށް އުފަންވާ ކުދިންނަކީ މަސްހުނި ނަސްލަކާއި، ތަފާތު ދީންތަކުގެ މަތީގައި ތިބި މައިންބަފައިންނަށް ލިބޭ ކުދީންނަށް ވުމާއެކު، މި ކުދީންގެ ކިބައިގައި ޤައުމީވަންތަކަމާއި، ދީނާއި ޢަޤީދާއަށް ދެވޭ ޤަދަރާއި އިޙްތިރާމް ކުޑަވެގެން ދެއެވެ.

ގޭގޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ އެ ޢާއިލާއެއްގެ ކުޑަކުދިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައި ތިބޭ މީހުންނެވެ. ރަނގަޅަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ބިދޭސީއަކާ ތުއްތުކުއްޖަކު ހަވާލުކުރުމުން ކުއްޖާގެ މާދަރީބަހުގެ ބިންގާ ހަލާކުވެގެން ދިޔުމަށް މަގުފަހިވެއެވެ. އެމީހުންނަކީ ވާހަކަދައްކާއިރު ބަހުގެ ޤަވާޢިދުތަކާ ޚިލާފަށް ބަސް ބޭނުންކުރަމުން ގެންދާ ބައެކެވެ. އަދި ބިދޭސީންނާ ފަސޭހަކޮށް ވާހަކަދެއްކުމުގެ މަޤުޞަދުގައި، އެމީހުން ވާހަކަދައްކާ ކަހަލަ ގޮތަކަށް ދިވެހިން ވާހަކަދެއްކުމުން، މުޢާމަލާތުކުރުން ޤަވާޢިދުގެ ހަމަތަކުން ނެއްޓި، ޤަވާޢިދުތަކާ މެދު ދެވޭ ސަމާލުކަން ކުޑަވެ، ބަހުގެ ޤަވާޢިދު ނެތިދިއުމަށް މަގުފަހިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، މި މައްސަލަ ހައްލު ކުރެވޭނީ މައްސަލަ ފެށޭ ހިސާބުން ހައްލު ހޯދަން މަސައްކަތްކޮށްގެންނެވެ. އެގޮތުން ފުރަތަމަ ކަމަކަށް ޤަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވާ ދޮރުތައް ބަންދުކޮށްގެންނެވެ. ޤައުމީ ނިސްބަތުން ވޯކް ވިސާ ދޭނެ އަދަދު ކަނޑައަޅައިގެންނެވެ. މިކަން ހައްލުކުރުމަށް ޤަވައިދުތަކާއި ޤާނޫނުތަކަށް އިޞްލާހީ ބަދަލު ގެންނަންޖެހޭނަމަ އެކަން ވެސް ކޮށްގެންނެވެ. އަދި ހަމައެހެންމެ ބިދޭސީންނަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ހިންގުން ހަރުދަނާކޮށް، ޤަވައިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅުތައް އަޅައިގެންނެވެ. ނޫންނަމަ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައިގެން، އެމީހުން ޤައުމަށް ފޮނުވުމުގެ މާނައެއް ނެތެވެ. އޭރުން އަނެއް ކޮޅުން އަނެއް ބިދޭސީމިހާ ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާކަމަށް ވަނީ ނަމަ އެ ކުރެވެނީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ މަދުކުރެވޭނީ ދިވެހިންގެ އަމިއްލަ މަސައްކަތްތައް ދިވެހިންގެ އަމިއްލަ އަތުން ކޮށްގެންނެވެ. އަޅުގަނޑުމެންގެ ކާބަފައިން ފަދަ މަސައްކަތްތެރި ޖީލެއް އުފެދިގެންނެވެ. ވަކިކަހަލަ މަސައްކަތަކީ ދެރަ ނުވަތަ ހަޑި މަސައްކަތެއް ކަމުގައި ޤަބޫލުކުރާ ކުރުން ބަދަލުކޮށްގެންނެވެ. ބިދޭސީން ކުރަމުންގެންދާ މަސައްކަތުގައި ދިވެހިން ހިފައިފިނަމަ، ބިދޭސީންގެ އާބާދީ މަދު ކުރެވިދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެންނޫންނަމަ މިނިވަން މި ޤައުމު ބިދޭސީންގެ ބާރުގެ ދަށަށް ހިނގައިދާނެއެވެ. ދިވެހިންގެ އަމިއްލަ ވަޒަނުގައި ދިވެހިން އަޅުވެތިވެދާނެއެވެ. ރަށު މީދަލަށް ރަށަށް ގަދަ ނުވެވޭ ހިސާބަށް ކަންކަން ހިނގައިދާނެއެވެ.