މިހާރު ކުރިއަށްދާ އޭޝަސް ޓެސްޓް ސީރީޒްގެ ދެވަނަ މެޗުން އިންގްލެންޑްގެ މައްޗަށް 275 ލަނޑުގެ ތަފާތަކުން ކުރިހޯދައި އޮސްޓްރޭލިއާ އިން 2-0ގެ ލީޑެއްނަގައިފިއެވެ.
މިފަހަރުގެ އޭޝަސް ޓެސްޓް ސީރީޒްގެ ފުރަތަމަ މެޗު ވެސް ކާމިޔާބުކުރީ އޮސްޓްރޭލިއާ އިންނެވެ. އެ ޓީމުން ފުރަތަމަ މެޗު ކާމިޔާބުކުރީ ސީދާ ނުވަ ވިކެޓުންނެވެ.
އެޑެލައިޑްގައި މިއަދު ކުޅެވުނު ދެވަނަ މެޗުގެ ފަސްވަނަ ދުވަހުގެ ކުޅުން ކުރިއަށްދިޔައިރު، އިންގްލެންޑަށް މޮޅުވާން ދޭން ޖެހިފައި އޮތް 468 ލަނޑުގެ ޓާގެޓަށް ވާސިލްނުވެވި ދެވަނަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 192 ލަނޑަށެވެ.
މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ފުރަތަމަ އިނިންގްސްގައި ކުޅެން އަރައި ނުވަ ކުޅުންތެރިން ނުބައިވެގެން 473 ލަނޑުހަދައި ޑީކްލެއާ ކުރިއެވެ. އެ ޓީމުން އެންމެ ބޮޑަށް ފާހަގަވީ ސައްތަހެދި މާނުސް ލަބުޝާނޭ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ޑޭވިޑް ވޯނާ އާއި ސްޓީވެން ސްމިތަށް ސައްތައަކާ ހަމައަށް ވާސިލްނުވެވި ވަނީ ނުބައިވެފައެވެ. ވޯނާ ވަނީ 167 ބޯޅައިން 95 ލަނޑުހަދާފައެވެ. ސްމިތު ނުބައިވީ 93 ލަނޑަށެވެ. އިންގްލެންޑުގެ އޯލްރައުންޑަރު ބެން ސްޓޯކްސް ތިން ވިކެޓްނެގިއިރު، ތަޖުރިބާކާރު ބާރު އުކުންތެރިޔާ ޖޭމްސް އެންޑަސަން ދެ ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެންއަރައި އިންގްލެންޑަށް ފުރަތަމަ އިނިންގްސްގައި 84.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 236 ލަނޑަށެވެ. ޑޭވިޑް މަލަން އާއި ކެޕްޓަން ޖޯ ރޫޓް ފިޔަވައި އެހެން ބެޓްސްމަނަކަށް މާރަނގަޅު ސްކޯއެއް ނުހެދުނެވެ. ތިންވަނަ އަށް ކުޅެން ނިކުތް މަލަން 80 ލަނޑުހެދިއިރު، ރޫޓް ނުބައިވީ 62 ލަނޑަށެވެ. އެ ޓީމުގެ ވިކެޓްކީޕަރު ބެޓްސްމަން ޖޮސް ބަޓްލާ ނުބައިވީ ސުމަކަށެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ އުކުންތެރިން ކަމަށްވާ މިޗޭލް ސްޓާކް ހަތަރު ވިކެޓްނެގިއިރު، ނޭތަން ލިޔޯން ތިން ވިކެޓްނެގިއެވެ.
އޮސްޓްރޭލިއާގެ ދެވަނަ އިނިންގްސްގައި އެ ޓީމުން ވަނީ ނުވަ ކުޅުންތެރިން ނުބައިވެގެން 230 ލަނޑުހަދައި ޑީީކްލެއާ ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލަބުޝާނޭ މި އިނިންގްސްގައި ވެސް ބައިސައްތަ ހެދިއެވެ. އިންގްލެންޑްގެ އޮލީ ރޮބިންސަން އާއި ރޫޓް އަދި މަލަން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
އިންގްލެންޑަށް ފަހު އިނިންގްސްގައި 113.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 192 ލަނޑަށެވެ. މި އިނިންގްސްގައި އިންގްލެންޑްގެ ކުޅުންތެރިން މިހާ ދަށް ސްކޯއަކަށް ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ދާދިފަހުން ޓެސްޓް ކްރިކެޓް ޓީމުން ޖާގަ ހޯދި ޖާޔޭ ރިޗަޑްސަން އެވެ. އޭނާ ފަސް ވިކެޓްނެގިއިރު، ސްޓާކް އާއި ލިޔޯން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. އިންގްލެންޑްގެ އޯޕަނިން ބެޓްސްމަން ރޯރީ ބާންސް އާއި ވޯކްސް ފިޔަވައި އެހެން ކުޅުންތެރިއަކަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. މި އިނިންގްސްގައި އެ ޓީމަށް އެންމެ ގިނަ ލަނޑުހެދި ވޯކްސް ނުބައިވީ 44 ލަނޑަށެވެ. ބާންސް އަށް 95 ބޯޅައިން ހެދުނީ 34 ލަނޑެވެ. އެ ޓީމުގެ ކެޕްޓަން ރޫޓް ނުބައިވީ 24 ލަނޑަށެވެ.
މި ސީރީޒްގެ ތިންވަނަ މެޗު މިމަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ މެލްބަންގައެވެ.
