ކޮވިޑް19 ދުނިޔޭގައި ފެތުރެމުން ދާއިރު، އޭގެ އާ ވޭރިއަންޓުތައް ދަނީ ފެންނަމުންނެވެ. އެގޮތުން އެންމެ ފަހުން ފެނިފައިވާ އޮމިކްރޮން ވޭރިއަންޓުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ވަނީ ބޮޑުވެފަައެވެ. އެއާއި އެކު މިބަލިން ރައްކާތެެރިކަން ހޯދުމަށް ދުނިޔޭގައި ބޭނުން ކުރާ ވެކްސިންތަކުން ރައްކާތެރިކަން ލިބޭތޯ ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.

އެގޮތުން ކޮވިޑް19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް ވެސް އޮމިކްރޮން ވޭރިއަންޓް ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިވަނީ އިއުލާނު ކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ޑެލްޓާ ވޭރިއަންޓަށްވުރެ ހަލުވިކޮށް އޮމިކްރޮން ފެތުރޭ ކަމާއި އަދި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނާއި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެސް އޮމިކްރޮން ޖެހޭކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މީގެ ކުރިން މި ޖަމުއިއްޔާއިން ސީދާ މިފަދައިން ބުނެފައި ނުވި ނަމަވެސް، ވެކްސިންތަކުން ދޭ ރައްކާތެރިކަން ކުޑަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުން މި ހެދި ދިރާސާތަކާއި ކުރެވުނު ތަހުލީލުތަކާއި އެކު ދެޑޯޒް ފުރިހަމަ ކުރިނަމަވެސް ނުވަތަ ބަލި ޖެހި ރަނގަޅު ވެފައި ހުރި ނަމަވެސް ކޮވިޑް19ގެ އޮމިކްރޮން ވޭރިއަންޓު އެ މީސް މީހުންނަށް ޖެހޭކަން މި ވަނީ ޔަގީން ކުރެވިފައެވެ. ޓެޑްރޯސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ މީގެ ކުރިން ފެނުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޮން ގެ ނުރައްކާ ބޮޑުކަމަށާއި ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު އެކަން އެގޮތަށް ގަބޫލުކުރާތީ ނުފެންނަ ކަމަށެވެ.

ކޮވިޑް19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށާއި އަދި ކުރިން ކޮވިޑް ޖެހިފައިވާ މީހުންނަށް ވެސް ޖެހޭ ކަމަށް މީގެ ކުރިން ބައެއް ގައުމުތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކަން ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްދިނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާތެރިކަމާއި، އޮމިކްރޮން ފެތުރެމުންދާ ހަލުވިމިނަށް ބަލައި ހާލަތު ގޯސްވެދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ދެމުންދާ އިންޒާރު ޓެޑްރޯސް ވަނީ ތަކުރާރު ކުރައްވާފައެވެ. އޮމިކްރޮން ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު ބައެއް ގައުމުތަކުގެ ހޮސްޕިޓަލްތައް ފުރި ކުރިން ކުރަން ޖެހުނު ތަޖުރިބާތައް އަނެއްކާވެސް ތަކުރާރު ކުރަން ޖެހިދާނެ ކަމުގެ އިހުސާސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިހާރުވެސް ކުރެވެމުންދެއެވެ.

ދެ ޑޯޒް ފުރިހަމަ ކުރިނަމަވެސް އޮމިކްރޮން ޖެހޭކަން ކަށަވަރު ކުރެވިފައި ވީނަމަވެސް، ޔަގީންވާ އަނެެއް ކަމަކީ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މި ވޭރިއަންޓުގެ ސަބަބުން ބޮޑުވަރު ނުވާކަމަށެވެ. ކަން އެހެން ހުރުމާއި އެކު އެ ޖަމުއިއްޔާއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ނުވަތަ ވެކްސިން ނުޖަހާ މީހުން އަވަހަށް ވެކްސިން ޖެހުމަށް ގޮވާލާފައެވެ. ރައްކާތެރިކަމާއި ސަލާމަތްކަން އިސްކުރުމަށް ގޮވާލާފައެވެ.