ސްޓްރެސް އަކީ ނުވަތަ ސްޓްރެސް ވުމަކީ އިންސާނާއަށް ކުރިމަތިވާ ކަންކަމާއި ނުވަތަ އޭނާ އުޅެން ޖެހިފައިވާ ގޮތަކާއި ނުވަތަ އޭނާ ވިސްނާ ނުވަތަ ވިސްނޭ ކަންތައްތަކެއްގެ ސަބަބުން އިންސާނާގެ އިހުސާސްތަކަށާއި ނަފްސަށާއި އަދި އިންސާނާގެ ހާލަތަށް ކުރިމަތި ކުރުވާ ހާސްކަމެއް ނުވަތަ ނުތަނަވަސްކަމެކެވެ. ކޮންމެ އިންސާނަކީވެސް މިކަން ތަޖުރިބާ ކުރުމުގައި ތަފާތު މީހެކެވެ. އެކި މީހުން މިކަން ތަޖުރިބާ ކުރާ މިންވަރުވެސް ތަފާތުވެދެއެވެ. އެއާއި އެކު އިންސާނާގެ ނަފްސުގައި އުފެދޭ ޝުއޫރުތައްވެސް އެކި މީހުންގެ ތަފާތުވެއެވެ. އެގޮތުން އެއްބަޔަކު ދެރަވެ ރޮވޭއިރު، އަނެއްބަޔަކަށް ރުޅި އިސްކުރެވޭ ގޮތްވެސް މެދުވެރިވެއެވެ.
ތިމާގެ ނަފްސު ސްޓްރެސްއަށް ހުށަހެޅުމުން ފެންނާނޭ އަލާމާތްތަކެއް ހުރެއެވެ. އޭގެތެރޭގައި އިންސާނާގެ އުޅުމަށާއި ހަރަކާތްތަކަށް ބަދަލު އާދެއެވެ. ކުރެވޭ އިހުސާސްތަކާއި ޝުއޫރުތަށް "ރުންކުރު" ވެއެވެ. މީގެ އިތުރުން ވަރުބަލި ވުމާއި ނިދިއައުމަކީވެސް ސްޓްރެސްގެ އަލާމާތެކެވެ. ހިތުގެ ހިނގުން އަވަސްވުމާއި ލޭގެ ޕުރެސަރު މަތިވުމާއި އެކު ހަޖަމުގެ ނިޒާމަށް ބުރޫއަރާ ގޮތްވެއެވެ. ހަށިގަނޑަށް ބުރަކަން އިހުސާސް ކުރެވުމާއި އެކު ގައިގައި ރިހުމާއި ބޮލުގައި ރިހުމަކީވެސް ސްޓްރެސްގެ ސަބަބުން ފެނިދާނޭ ކަންކަމެވެ. ބައެއްމީހުން އެމީހުން ކުރާ ކަންކަމުގައި ކަންކަން ހަނދާން ނެތޭމިންވަރު އިތުރުވުމާއި އަތްފައިން ލޮނު ހިލުމާއި މީހާ ހޫނުއެރުމާއި އަވަސް އަވަހަށް ކުޑަކަމުދެވުންވެސް ފާހަގަ ކުރެވިފައި ވެއެވެ.
ސްޓްރެސް ވުމަކީ ބައެއް ފަހަރަށް އެއިން ފައިދާތަކެއްވެސް ކުރިމަތިކުރުވާ ކަމެކެވެ. އެހެނީ އޭގެ ސަބަބުން އިންސާނާ ނުރައްކާތަކާއި ކުރިމަތިލާން ތައްޔާރުވެވޭނެއެވެ. ނަމަވެސް މިފަދައިން ފައިދާއެއް ފެންނަން ހުރިކަމުގައި ވިޔަސް ގިނަފަހަރަށް ސްޓްރެސްގެ ސަބަބުން ކުރިމަތިވާނީ ގެއްލުމެވެ. އިންސާނާ ކުރާ ކަންތައްތަކުގައި އެކަންކަމުގެ ދުވެލި ލަސްވުމާއި ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމާއި ކުރާ ކަމެއްގެ ފެންވަރު ދަށްކޮށްދެއެވެ. އަދި ގިނަފަހަރު ދިގު މުއްދަތެއް ވަންދެން ސްޓްރެސް ވާން ޖެހޭނެނަމަ މިއީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ބަލިކަށި ކުރުވާ ކަމެކެވެ.
ސްޓްރެސް އަށް އޮތް ހާއްސަ ފަރުވާއެއް ނެތެވެ. ނަމަވެސް އޮތީ ސްޓްރެސް ވާ ކަންކަމުން ދުރުވުމާއި ސްޓްރެސް "މެނޭޖު" ކުރުމާއި އެކު ސްޓްރެސް އާއި އެކު އުޅެން ދަސްކުރުމެވެ. އެކި މީހުން ސްޓްރެސް ވާނީ އެކި ކަންކަމުގެ ސަބަބުންނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހަކު ސްޓްރެސް ކުރުވާ ކަންތައްތަކާއި ދުރުވުން މުހިންމެވެ. އެފަދައިން ދުރުވެވެން ނެތް މީހާއަށް އޮތީ ސްޓްރެސް މެނޭޖުކޮށް ސްޓްރެސް އާއި އެކުގައި އުޅެން ދަސްކުރުމެވެ. އެގޮތުން ސްޓްރެސް ވާ މީހާ އޭނާ ހިތްހަމަޖެހޭ ކަންކަން ގިނައިން ކުރުމާއި އެކު ގުދުރަތީ ހިތްގައިމު ކަމުގައި ވަގުތުކޮޅެއް ހޭދަކުރަން ވާނެއެވެ. އަދި އަމިއްލަ ނަފްސަށް ކުރާ ލޯތްބާއި އިތުބާރު ބޮޑުވާނޭ ފަދަ ކަންކަން ކުރުން މުހިންމެވެ. ސްޓްރެސް މެނޭޖުކުރުމަށް އޮތް އެންމެ ރަގަނޅު ފަރުވާ އަކީ ހިތްހަމަ ޖެހުމެވެ.
