އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ އަމިއްލަ ދަނޑުގައި 5-1 އިން ސަންޑަލެންޑް ބަލިކޮށް އާސެނަލުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ޖެހިޖެހިގެން އާސެނަލުން މޮޅުވި ހަތަރުވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 27 މިނޓުގެ ތެރޭގައި އެޑީ އެންކެޓިއޭ އާއި ނިކޮލަސް ޕެޕޭ ވައްދާލި ލަނޑުތަކާއެކު އެ ޓީމުން 2-0 ގެ ލީޑެއްނެގިއެވެ. މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެންކެޓިއޭގެ ގޯލުން ލީޑްނެގިއިރު، އޭގެ 10 މިނެޓުފަހުން ސެޑްރިކް ސޮއާރޭސް ދިން ބޯޅައަކުން ޕެޕޭ ވަނީ ދެވަނަ ލަނޑުޖަހައިދީފައެވެ. އެކަމަކު، މެޗުގެ 31 ވަނަ މިނެޓުގައި ނޭތަން ބްރޯޑްހެޑް ވައްދާލި ލަނޑާއެކު ސަންޑަލެންޑުން ފުރަތަމަ ހާފު ނިމުމުގެ ކުރީން ފަރަގު ކުޑަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖެހީ ވެސް އެންކެޓިއޭ އެވެ. އަދި އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ނޫނޯ ޓަވަރޭސް ތަނަވަސްކުރި ފުރުޞަތަކުން އެންކެޓިއޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފަހު ގޯލްޖެހީ އުމުރުން 18 އަހަރުގެ ފޯވާޑް ޗާލީ ޕަޓީނޯ އެވެ. މިއީ ސީނިއާ ޓީމަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ.
އާސެނަލުން ސެމީގައި ކުޅެން ޖެހޭނެ ޓީމެއް އެނގޭނީ ކުއާޓާ ފައިނަލްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށްފަހު އެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި ބްރެންޓްފޯޑާ ދެކޮޅަށް ޗެލްސީ ނިކުންނައިރު، ލިވަޕޫލްގެ ދަނޑުގައި ނިކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ޓޮޓެންހަމް ހޮޓްސްޕާއާ ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރާ މެޗު ވެސް ކުޅޭނީ މިރޭ ރާއްޖޭގަޑިން 00:45 ގައެވެ.
