ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން ބާސެލޯނާ އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ސެވިއްޔާ އަށް ތާވަލްގެ ކުރީގައި އުޅޭ ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ސެވިއްޔާ އޮތީ 18 މެޗުން ލިބުނު 38 ޕޮއިންޓާއެކު ދެވަނައިގައެވެ. ރެއާލް އެއްވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. މިވަގުތު ހަތަރުވަނައިގައި އޮތް ރަޔޯ ވަޔެކާނޯ އަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. ބާސެލޯނާ އޮތީ 28 ޕޮއިންޓާއެކު ހަތްވަނައިގައެވެ.
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ރޭގެ މެޗު ފެށިގެން 32 ވަނަ މިނެޓުގައި ސެވިއްޔާ އިން ލީޑްނެގީ އިވާން ރަކިޓިޗް ނަގައިދިން ކޯނަރަކުން އަލެހަންދުރޯ ގޯމޭޒް (ޕާޕޫ ގޯމޭޒް) ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮނާލްޑް އަރައޫހޯ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އޮސްމާނޭ ޑެމްބެލޭ އެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ސެވިއްޔާގެ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމުން މެޗުގެ ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. ކޫންޑޭ އަށް ރެފްރީ ރަތް ކާޑު ދެއްކީ ބާސެލޯނާގެ ޖޯޑީ އަލްބާގެ މޫނުމަތީގައި ބޯޅައިން ޖެހުމުންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވިޔަރެއާލުން ވަނީ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން ޑިޕޯޓިވޯ އަލަވޭސް ބަލިކޮށްފައެވެ. މި މެޗުގައި ވިޔަރެއާލުން ޖެހި ފަސް ގޯލްގެ ތެރެއިން ޖެރާޑް މޮރޭނޯ އާއި ބުލަޔޭ ޑިއާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއިރު، އަނެއް ގޯލްޖަހައިދިނީ ޔެރެމީ ޕީނޯ އެވެ. އަލަވޭސްގެ ލަނޑުތައް ޖަހައިދިނީ ޕެރޭ ޕޮންސް އާއި ހޮސެލޫ އެވެ.
