މިދުވަސްވަރު އެންމެ ގިނަ ނޫސްތަކާއި ސޯޝަލް މީޑިޔާގައި އެންމެ ފާހަގަ ކޮށްލެވޭ ދިވެހި ވީޑިއޯއަކީ، ކުރީގެ ކުޅަދާނަ ފިލްމީ ތަރި ހާޖަރާގެ ޑަޔަލޮގް ކޮޅަކަށް ހެދިފައިވާ ނެށުމެކެވެ. 3 އަންހެން ކުދިންގެ ފަރި ހަރަކާތްތައް ފެންނަ މި ނެށުމަށްފަހު މިހާބޮޑު މަޝްހޫރުކަމެއް ލިބުމުން، މި ގްރޫޕް އުފެދިގެން އައި ގޮތާއި ބެހޭ ކުޑަ މައުލޫމާތު ކޮޅެއް ކިޔުންތެރިންނާ ޙިއްސާކޮށްލާނަމެވެ.

އާރޓް މޫމަންޓްގެ އާ ކަންކަން ބަލާ ހޯދަން ޝައުގުވެރިވި މި ގްރޫޕް އެކުގައި މަސައްކަތްކުރީ އާ ކަންކަން އުފެއްދުމަށްވެސް ނިޔަތްގަނެގެންނެވެ. ނެށުމުގެ އެކި ބާވަތްތަކަށް މީހުންގެ ހިތް ޖައްސާ އެކަމަށް ބޭނުންވާ ފަންނީ ތަމްރީމް ހޯދުމަށް ހިތްވަރުދީ މާލޭގެ މުޖުތަމަޢުއަށް އެމީހުންގެ ހުށައެޅުންތައް އާންމު ކުރުމަކީ އެމީހުންގެ މައިގަނޑު އަމާޒެވެ. ނެށުމަކީ ބަދަލުވާ ފަންނެކެވެ. މި ފަންނު އިތުރަށް ފުޅާވެގެންގޮސް މީގެތެރެއަށް އާ ޚިޔާލުތަކާއި އާ އުކުޅަތައް ވަދެގެން ފަންނު އިތުރަށް ފުޅާވެގެން އައިސްފައިވާ ކަމަށް މި ގްރޫޕުން ދެކެއެވެ.

އެހެންކަމުން އާންމުން ބޭނުންވާ ފަދަ ފުރިހަމަ ހުށައެޅުންތައް ތައްޔާރުކުރުމަށް މި ގްރޫޕުން އަބަދުވެސް އިސްކަންދެއެވެ. ވަކި ކްރިއޮގްރާފަރެއްގެ އިރުޝާދެއް ނެތި އެންމެންގެ ޚިޔާލަށް ނެށުންތައް ފަރުމާ ކުރަނީވެސް އޭގައި ގިނަ ރަހަ ލެއްވުމުގެ ބޭނުމުގައެވެ.

ސްވިޒަރލެންޑް، ލަންޑަން އަދި ސިންގަޕޫރުން ތަޢުލީމާއޮ ފަންނީ ތަމްރީން ލިބިފައިވާ މި ގްރޫޕުން މިދިޔަ 20 އަހަރުގެ ތެރޭގައި ޖަރމަން، ސިންގަޕޫރު، އިޓަލީ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުގެ އިތުރުން ސްވިޒަރލެންޑްގައި ވެސް އެމީހުންގެ ނެށުން ހުށައަޅާފައެވެ.

ނަމަވެސް މިހުރިހާ ކަމަކަށް ފަހު އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެން މި ދިޔައީ "އޭ ބަލަ ލަތީފާ" އަށެވެ. ދިވެހިންގެ ތެރޭގައި ދެގޮތެއްނުވެ މަގްބޫލުކަށް މަތީގައި އޮތް މި ކުޑަ ޑައިލޮގް ކޮޅަށް ހެދި ނެށުން ދިވެހިންވަނީ ބަލައިގެންފައެވެ. މިއީ ހަރަކާތްތައް ބޭނުންކޮށްގެން ވާހަކައެއް ކިޔާދޭ ސްޓައިލަށް ހެދިފައިވާ ނެށުމެކެވެ. މި ނެށުމަށްފަހު މިގްރޫޕްވަނީ ދިވެހިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައެވެ.