ބުރަ މަސައްކަތް ކުރުމާއި ގަދަޔަށް ހެލިފެލިވެ އުޅުމަކީ އޭގެ ސަބަބުން ހަށިގަނޑުން ދާހިއްލާ ކަމެކެވެ. އަދި ހޫނުގެ ސަބަބުންވެސް ދާހިއްލާގޮތް ވެއެވެ. ދާހިއްލުމަކީ ބައެއްމީހުން އެކަމެއްދެކި އިންތިހާއަށް ފޫހިވާ ނުވަތަ ކަންބޮޑުވާ ކަމެކެވެ. ދާހިއްލާނަމަ އިންސާނާގެ ހަށިގަނޑުން (ހަންގަނޑުން) "ފެން" ނުކުންނާނެއެވެ.
ދަލުގެ ގޮތުގައި ނުކުންނަ މި ފެނުގައި ހަށިގަނޑުގައި ހުންނަ ލޮނުގެ މިންވަރަކާއި، އެމޯނިއާ އަދި ޔޫރިއާ ނަމަކަށް ކިޔާ "ބޭކާރު" ދެ މާއްދާވެސް ހިމެނެއެވެ. ބައެއް ޑަކްޓަރުން ފާހަގަ ކުރާގޮތުގައި ހަކުރުގެ މިންވަރެއްވެސް ދަލާއި އެކު ހަށިގަނޑުން ބޭރުވެއެވެ. މި ލިޔުމުގައި މި ބަލައިލަނީ މިފަދައިން ދާހިއްލުމުން ހަށިގަނޑަށް ކުރާ ފައިދާތަކަށެވެ.
ދާހިއްލުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި ލޭ ދައުރުވާ މިންވަރު ފަހިވެއެވެ. އެއާއި އެކު ގުނަވަންތަކާއި މަސްތަކާއި އަދި އެކިއެކި ޓިޝޫތަކަށް ބޭނުންވާ ފުރިހަމަ އޮކްސިޖަނާއި ކާނާ ލިބޭނެއެވެ. މިއީ އެ ގުނަވަންތައް އޭގެ ތަރުތީބުގައި މަސައްކަތް ކުރުމަށް ލިބޭ ވަރަށްބޮޑު ފަހިކަމެކެވެ. އަދި މިއީ އެ ގުނަވަންތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނޭ ކަމެއް ވެސް މެއެވެ.
އިސްވެ ދެންނެވުނު ފަދައިން އިންސާނާގެ ގައިން އޮހޮރޭ ދަލުގައި "ބޭކާރު" މާއްދާތަކެއް ހުރެއެވެ. އެހެންކަމުން ދާހިއްލުމުން، ހަށިގަނޑުގައި ހުންނަ މި ބޭކާރު މާއްދާތައް ބޭރުކޮށް ހަށިގަނޑުން "ވިހަކަން" ކަނޑުވައިދޭން އެހީތެެރިވެދެއެވެ.
ހަށިގަނޑުގައި ފުދި އިތުރުވެފައިވާ ލޮނުގެ މިންވަރު، ދަލުގެ ގޮތުގައި ބޭރުކުރެވޭ ކަމީ އެއިން އެތައްގިނަގުނަ ފައިދާތަކެއް ކުރުވާކަމެކެވެ. ސިއްހީމާހިރުން ފާހަގަކުރައްވާ ގޮތުގައި މިފަދައިން ބޭރުވެގެންދާ ލޮނުގެ ސަބަބުން ގުރުދާގައި (ކިޑްނީގައި) ހިލަ އުފެދޭ މިންވަރު ނުވަތަ އުފެދުމުގެ ފުރުސަތު ކުޑަވެއެވެ. މީގެއިތުރުން، ދާހިއްލުމުގެ ސަބަބުން ކަރުހިއްކުން އިހުސާސް ކުރެވޭނެއެވެ. ނަތީޖާއަކަށް ވާނީ އިންސާނާ ބޯ ފެނުގެ މިންވަރު އިތުރުވުމެވެ. މިފަދައިން އިންސާނާ ބޯ ފެނުގެ މިންވަރު އިތުރު ވުމަކީވެސް ގުރުދާގައި ހިލަ އުފެދުމުން ދުރުކޮށްދޭނޭ ކަމެކެވެ.
ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ހަށިގަނޑުން ދާއޮހޮރޭނަމަ އިންސާނާގެ ހަންގަނޑު އެކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ހަންގަނޑުގައި ހުންނަ "ސްވެޓް ގްލޭންޑް" ތައް ހުޅުވޭނެއެވެ. ހަނގަނޑުގެ ހަރަކާތްތަކެއް ހިނގާނެއެވެ. މިއާއެކު މިއީ ހަންގަނޑަށް ދިމައިވާ އެކި އެކި ބަލިތަކުންވެސް ރައްކާތެރިކޮށްދޭނޭ ކަމެކެވެ. ހަންގަނޑު ކުރަކިވުމާއި ރޫޖެހުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. އަދި މޫނުމަތީގައި ބައެއް ޒާތުގެ ބިހި ނެގުން ހުއްޓުވުމަށް އެހީތެރިވުމާއި އެކު ބައެއްކަމަ ބެކްޓީރިއަލް ސްކިން އިންފެކްޝަން ތަކުން ދުރުކޮށްދިނުމަށްވެސް މިކަމުން އެހީތެރިވެއެވެ.
ދާހިއްލުމުގައި ފައިދާތަކެއް ވީނަމަވެސް، ދާހިއްލުމާއެކު ހަށިގަނޑު ސާފުކޮށް ބެހެއްޓުމަށްވެސް ސަމާލުކަން ދޭންވާނެއެވެ. އެހެނީ އިސްވެ ދެންނެވުނު ފަދައިން މި އޮހޮރޭ ދަލުގައި "ބޭކާރު" މާއްދާތަކެއް ހުރެއެވެ. އެ މާއްދާތަކުން ސާފުނުވެ ގިނައިރު ހުރުމަކީ އިތުރު ގެއްލުންތަކެއް ކުރިމަތި ކުރުވަފާނޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތަކަށް ސާފުތާހިރުކަމަށް އިސްކަންދިނުން ވަރަށްވެސް މުހިންމެވެ.
