ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ތާވަލްގެ ފުލުން ދެވަނައިގައި އޮތް ލޮރިއެންޓްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން ޕީއެސްޖީ އެއްވަރުވިއިރު، އެ ޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ރަތް ކާޑު ދެއްކުމުން ޕީއެސްޖީން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މިއީ ލީގުގައި ޕީއެސްޖީ ކުޅުނު 19 މެޗުގެ ތެރެއިން މޮޅެއްނުލިބި ނިންމާލަން ޖެހުނު ފަސްވަނަ ފަހަރެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. އޭގެ 13 ޕޮއިންޓް ފަހަތުން ދެވަނައިގައި ނީސް އޮތްއިރު، އެއް މެޗު މަދުން ކުޅެގެން ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން މާސޭ ތިންވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ރެނެސް އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.
ލޮރިއެންޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މިލަނޑުޖަހައިދިނީ ތޯމަސް މޮންކޮންޑުއި އެވެ.
ޕީއެސްޖީން ދެވަނަ ހާފު ފެށިއިރު ރާމޯސް ވަނި ކުޅެން ނެރެފައެވެ. އެ ޓީމަށް އެއްވަރުކޮށްދޭން މި ހާފުގެ ކުރީކޮޅު އާޖެންޓީނާގެ ތަރި އެންހެލް ޑި މާރިއާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ގޯލާއި 8 ޔާޑު ކައިރިން ޑި މާރިއާ ފޮނުވާލި ބޯޅާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެފަހުން، އެ ޓީމުގެ ލިއޮނަލް މެސީ ފޮނުވާލި ހަމަލާ ލޮރިއެންޓްގެ ގޯލްކީޕަރު ޕޯލް ނާޑީ މަތަކުރިއިރު، މެސީ ދެން ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ. އެ ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.
މި މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ރާމޯސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ޕީއެސްޖީ އަށް ކޮންމެވެސް ވަރަކަށް މައްސަލަތައް ކުރިމަތިވިއެވެ. މިއީ މިފަހަރުގެ ސީޒަނަށް ރެއާލް މެޑްރިޑުން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވި ރާމޯސް އެ ޓީމަށް ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ އޭނާ ކެރިއަރުގެ 27 ވަނަ ރަތް ކާޑެވެ.
މެޗުގެ އިތުރުވަގުތުގައި ޕީއެސްޖީ ސަލާމަތްކޮށްދިން ލަނޑު، މައުރޯ އިކާޑީ ކާމިޔާބުކުރީ އެ ޓީމުގެ މޮރޮކޯ ފުލްބެކް އަޝްރަފް ހަކީމީ ނަގައިދިން ހުރަހަކުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެެވެ.
