ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ކަރީމް ބެންޒެމާ ވައްދާލި ދެލަނޑާއެކު އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން ހޯދީ މޮޅާއެކު ރެއާލް މެޑްރިޑުން އަހަރު ނިންމާލީ ތާވަލްގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

ރޭގެ ނަތީޖާއާއެކު ރެއާލަށް ކުޅުނު 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް 18 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ރެއާލް ބެޓިސް އެވެ. ހަތަރުވަނައިގައި އޮތް ރަޔޯ ވަޔެކާނޯ އަށް 18 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ނުކުޅެއެވެ. މީގެއިތުރުން، އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އަށް ކޮވިޑް-19 ޖެހިގެން ރޭގެ މެޗު ވަނީ ގެއްލިފައެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިގައި ކުޅުނީ އެޑޮއާޑޯ ކަމަވިންގާ އާއި ނަޗޯ ހެނާންޑޭޒް އެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. އެ ޓީމަށް މި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑު، ބެންޒެމާ ޖެހީ ޓޮނީ ކްރޫސް ދިން ބޯޅައަކުންނެވެ. އޭގެ ތިން މިނެޓުފަހުން، ބިލްބާއޯގެ ކުޅުންތެރިންގެ އޮފްސައިޑް މަޅިން ސަލާމަތްވެގެން ބެންޒެމާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ބެންޒެމާ ޖެހި 20 ވަނަ ގޯލެވެ. ބިލްބާއޯގެ ހަމައެކަނި ލަނޑު، 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮއިހާން ސަންކޭޓް އެވެ. މިއީ އެ ޓީމުގެ އޮސްކާ ޑެ މާކޯސް ދިން ޕާހަކުން ސަންކޭޓް ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ބިލްބާއޯ އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ނެކޯ ވިލިއަމްސް ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. އޭގެފަހުން، ބިލްބާއޯގެ އިނާކީ ވިލިއަމްސް އަށް ލިބުނު ފުރުޞަތުގައި ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމުގެ ކުރީން ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ވަނީ ރަނގަޅު ޓެކުލަކުން އެޓޭކް ހުއްޓުވާފައެވެ. ރެއާލްގެ ލީޑް ފުޅާކުރުމަށް އެޑެން ހަޒާޑާއި ކްރޫސް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ބޯޅަތައް ހުލެން އަގިރޭޒަބަލާ ހުއްޓުވިއެވެ.

މިފަހަރުގެ ސީޒަނަށް ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ނިކުތް ރެއާލުން މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ ލީގުގައި މިދިޔަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެސްޕަންޔޯލް އަތުންނެވެ.