ދިވެހިރާއްޖޭގަައި އިންދާ ހައްދާ ތަރުކާރީގެ ތެރެއިން ބަނބުކޭލަކީ ވަރަށް އާންމު ތަރުކާރީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ބޮޑެތި އެތައް ބަނބުކެޔޮގަހެއް ހުރެއެވެ. ބަނބުކެޔޮ މޫސުމުގައި އެ ގަސްތަކުން އެތައް ބަނބުކޭލެއް ކަނޑައެވެ. ބަނބުކޭލުގައި އެކި ވައްތަރުގެ ކާ އެއްޗެހި ދިވެހިން ތައްޔާރު ކުރެއެވެ. އަދި ބަނބުކޭލުގެ އެކި އެކި އުފެއްދުންތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ކެއުންތަކެކެވެ. މި ލިޔުމުގައި މި ބަލާލާނީ ބަނބުކޭލާއި އިންސާނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ދުޅަހެޔޮކަމަށެވެ.

ބަނބުކޭލަކީ އޭގައި ވަރަށްގިނަ ފައިދާތައް އެކުލެވިގެންވާ ތަރުކާރީއެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަންތަކަށް އެކިއެކި ފައިދާތައް ކުރުވާއިރު އިންސާނާގެ ހަންގަނޑަށްވެސް ބޮޑެތި ފައިދާތަކެއް ކުރުވައެވެ. ބަނބުކޭލުގައި ހުންނަ އޮމެގާ-3 އަދި އޮމެގާ-6 ގެ ފެޓީ އެސިޑަކީ ހަންގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ދެ މާއްދާއެވެ. ހަމަ އެއާއެކު ބަނބުކޭލުގައި ހުންނަ ވިޓަމިން-ސީ އަކީވެސް އެއިން ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ފޯރުކޮށްދޭނޭ މާއްދާއެކެވެ. ވިޓަމިން-ސީ ގެ ސަބަބުން ހަންގަނޑުގައި ހުންނަ މެލަނިން ނަމަކަށް ކިޔާ މާއްދާ އެއް ހަމައެއްގައި ހިފަހައްޓައިދޭން އެހީތެރިވެދެއެވެ. ނަތީޖާއަކަށް ވަނީ ހަންގަނޑުގައި ހުން ކަޅު ތަންތަން ނުވަތަ ކުލަ ގަދަކޮށް ހުންނަ ތަންތަން ހަށިގަނޑުގެ އާންމު ކުލައާއި އެއްކުލައަކަށް އައުމަށް އެހީތެރިވެދެއެވެ.

އެންޓިއޮކްސިޑަންޓް ނަމަކަށް ކިޔާ މާއްދާއަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރުދަނާ ކޮށްދޭ މާއްދާއެކެވެ. ބަނބުކޭލަކީ މި އެންޓިއޮކްސިޑަންޓް ގިނަ އަދަދަކަށް އެކުލެވޭ ތަރުކާރީއެކެވެ. އެންޓިއޮކްސިޑަންޓުގެ ސަބަބުން އިރުގެ ހޫނު ދޯދި ތަކުން (އަލްޓްރާ ވައިލެޓްގެ ދޯދިތަކުން) އިންސާނާގެ ހަންގަނޑު ރައްކާތެރިކޮށްދޭން އެހީތެރިވެދެއެވެ. އަދި ހަމަ އެއާއެކު ހަންގަނޑު ތެރޭގައްޔާއި ހަންގަނޑާއި މަސްގަނޑާއި ގުޅޭ ހިސާބުގައްޔާއި އިސްތަށިތަކުގެ ބުޑުގައި ޖަރާސީމު އަށަގަތުން ނުވަތަ އިންފެކްޓްވުން ދުރުކޮށްދިނުމަށް ބަނބުކޭލުގައި ހުންނަ މި މާއްދާ އެހީތެރިވެދެއެވެ.

އިންސާނާގެ އިސްތަށިގަނޑުގެ ވަރުގަދަ ކަމަށްވެސް ބަނބުކެޔޮ އަދާކުރަނީ މުހިންމު ދައުރެކެވެ. އެހެނީ ބަނބުކޭލުގައި ހުންނަ އޮމެގާ-6 ނަމަކަށް ކިޔާ މި މާއްދާއަކީ އިސްތަށިތަކުގެ ބުޑު ވަރުގަދަ ކޮށްދޭ މާއްދާއެކެވެ. އަދި އިސްތަށި ތަކުގެ "މޫތަކުގެ" ބާރު ގަދަކޮށްދީ އިސްތަށި ފޭބުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހަމަ އެއާއި އެކު އިސްތަށިގަނޑު ގަދަކޮށް، "ބޯކޮށް" ހެދުމަށްވެސް އޮމެގާ-6 އެހީތެރިވެދެއެވެ.

ބަނބުކޭލުން ލިއްބައިދޭ މާއްދާތަކުގެ ތެރެއިން އެންމެ ގިނައިން ލިއްބައިދޭ މާއްދާތަކުގެ ތެރޭގައި ކާބޯހައިޑްރޭޓްސް އާއި ފައިބަރާއި ވިޓަމިން-ސީ އާއި ޕޮޓޭސިއަމް އަދި އޮމެގާ-6، އަދި އޮމެގާ-3 ހިމެނެއެވެ. ކޮންމެ ކާނާއަކީވެސް ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭނޭ އެއްޗެކެވެ. އިންސާނާގެ ހަޔާތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ މިފަދަ ފައިދާ ހުރި މޭވާއެއް ނުވަތަ ތަރުކާރީ ކެވޭ ދުވަހަކަށް ހަދަން ވާނެއެވެ. މިކަމުގައި އެންމެ މޮޅު ގޮތަކީ އެކި ދުވަހު އެކި ބާވަތްތައް ބޭނުން ކުރުމެވެ. އެގޮތުން ބަނބުކޭލަކީވެސް މިދެންނެވި އުސޫލުން ބޭނުން ކުރަންޖެހޭނޭ ފައިދާހުރި ތަރުކާރީއެކެވެ.