ކޮންމެ އަހަރެއްގެވެސް ފަހުކޮޅާއި ދިމާކޮށް އޮސްޓްރޭލިއާގެ މަގުތަކަަށް ޖަމާވާ ރަތް ކަކުނިތަކުން މި އަހަރުގެ ފަހުދުވަސްކޮޅުވެސް ހުޅަނގު އޮސްޓްރޭލިޔާގެ މަގުތައް ރަތް ކަކުނިން ފުރާލައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި މީގެ ކުރީގެ އަހަރުތަކާއި ހިލާފަށް މި އަހަރު ކަކުނިތަކުގެ ނިސްބަތް ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެގޮތުން މިއަހަރު މި ފެނުނު ކަކުނިތަކުގެ އަދަދު ގާތްގަނޑަކަށް 50 މިލިއަނަށް އަރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެގައުމުގެ އެކި ހިސާބުތަކުގެ މަގުތަކު މަތީގައި ކަކުނިތައް އުޅެމުންދާއިރު އެ ސަރަހައްދުތަކުން ދަތުރުފަތުރުކުރުމަށްވެސް އުނދަގޫތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ބައެއް ހިސާބުތަކުގައި އާންމުން މަގުތަކަށް ނުކުމެ ކަކުނިތައް އެއްފަރާތް ކުރަމުންދާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅު އޮސްޓްރޭލިޔާގެ މި ހިސާބުތަކުން ކަކުނިތައް ދަތުރުކުރާއިރު މިއީ އެގައުމުގެ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. އަދި މިދުވަސްތަކަށް އެންމެވެސް ތައްޔާރުވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަދުކޮށް ދުވަސްކޮޅަކަށް ވާވަރަށް ގެއަށް ކާބޯތަކެތި ވެއްދުން ތައްޔާރުވުމުގެ ގޮތުން ކުރާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
ކަކުނިތައް އޮސްޓްރޭލިއާގެ މަގުތަކަށް އަރަނީ މޫސުމީގޮތުން އަންނަ ބަދަލުތަކާއި އެކު އެސޮރުމެން ވިހާ އާލާވުމާއި އެކު ހިޖުރަކުރުމުގެ ގޮތުން ކަމަށް ކަމާ ބެހޭ މާހިރުން ފާހަގަ ކުރައްވައެވެ. ކުދި ރަތްކުލައިގެ މި ކަކުނިތައް، އެގައުމުގެ މަގުތަކުގައި އުޅޭއިރު މިއީ ބަލައިލަންވެސް ރީތި ހިތްގައިމު މަންޒަރެކެވެ.
