ހޮނިހިރު ދުވަހު ކެލިފޯނިޔާގެ އާއިލާއަކުން ބޭއްވި ޕާރޓިއަކީ އެމީހުންގެ ވިހަން ތައްޔާރުވާ ދަރިފުޅުގެ ޖިންސް އާއިލާއާއި ގާތް ރައްޓެހިންނަށް އެންގުމަށް ބޭއްވުނު ޕާރޓީއެކެވެ. މި ޕަރޓީގައި ބޭނުންކުރީ ހަމަ އެކަނި ދުން އަންނަ ގޮތަށް ހެދިފައިވާ އެއްޗެކެވެ. ނަމަވެސް މި އެއްޗެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 3،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށް އިމަރޖެންސީ ސަރވިސް އިން މައުލޫމާތުދެއެވެ.

މިހާރުވެސް އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދިއުމަށް ދުވާ މަންޒަރު އަންނަނީ ފެންނަމުންނެވެ. 7،050 އޭކަރަށް ފެތުރިފައިވާ މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ހެލިކޮޕްޓަރުގެ އެހީވެސް އަންނަނީ ހޯދަމުންނެވެ.

މި ހާދިސާ ހިނގިތާ ގަޑިއެއްހާ އިރު ތެރޭގައި މިހިސާބުގެ ގިނަ ބަޔަކުވަނީ އެމީހުންގެ ގެތަކުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންދެވިފައެވެ. އަދި ސްޓޭޓްގެ ގިނަ އަވަށް ތަކެއްގައި ވަނީ ކުއްލި ޙާލަތު އިޢުލާން ކުރެވިފައެވެ. މިހާތަނަށް މި ހާދިސާގައި މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަން ކަށަވަރު ނުވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ގާނޫނާ ޚިލާފަށް ނުވަތަ ފަރުވާ ކުޑަކޮށް މިފަދަ ނުރައްކާތެރި އެއްޗެއް ބޭނުން ކުރީތީ އެ ދެމަފިރިން ޒިންމާދާރުކުވާނެކަށެވެ.

ހާދިސާއަށް ދެދުވަސް ވެގެން ދިޔަ އިރު މި އާއިލާއަށް ލިބެން އުޅޭ ދަރިފުޅުގެ ޖިންސު އެއްވެސް ނޫހަކުން ކަށަވަރު ކޮށެއް ނުދެއެވެ.