އަފްޣާނިސްތާނުގެ އުމުރުން 3 އަހަރުގެ ކުއްޖެއްގެ ފޮޓޯއަކަށް މިވަނީ މީސްމީޑިޔާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އުމުރުން 3 އަހަރުގެ ކަމީލާ ނަމަކަށް ކިޔާ މި ކުއްޖާގެ ފޮޓޯ، ސީ.އެން.އެން އިން އާންމުކުރަމުން ރިޕޯޓުކޮށްފައިވަނީ އެ ކުއްޖާގެ "އަނަރޫފަ" ކަމެވެ.
3 އަހަރުގެ ކުއްޖެއްނަމަވެސް، ބަލާ ބެލުމަށް އެ ކުއްޖާ އަކީ ހައެއްކަ މަސްވެފައިވާ ކުއްޖެއްހެން ހީވެއެވެ. އެކުއްޖާގެ ބަރުދަނުގައި ފަސް ކިލޯވެސް ހަމަ ނުވާކަމަށް ރިޕޯޓުތައް ބުނެެއެވެ. ކަމީލާގެ ހަށިގަނޑުގެ ހަންތައް ވަނީ ދޫ ޖެހި ކަށީގައި ޖެހިފައެވެ.
ސީ.އެން.އެން ގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ކުއްޖާ އެހާ ބަލިކޮށް ހުރީ ކާ އެއްޗެއް ނުލިބުމުގެ ސަބަބުންނެވެ. އަދި އަފްޣާނިސްތާނުގައި އެފަދަ ހާލުގައި އުޅޭނޭ ކިތަންމެ ކުދިންނެއް ތިބޭނެއެވެ. ފިނި މޫސުމަކީ އެ ގައުމަށް ކާބޯތަކެތީގެ ދަތިކަން އަބަދުވެސް ބޮޑުވަމުންދާ ދުވަސްވަރެކެވެ. ނަމަވެސް މިފަހަރު ހައިހޫނުކަން އެހާ ބޮޑުވެފައި ވަނީ ފިނި މޫސުމުގެ ސަބަބުންނާއި އެގައުމުގެ ނާޒުކު އިގްތިސާދުގެ ސަބަބުންނެވެ.
ތާލިބާނުން އެގައުމުގެ ވެރިކަމާއި ހަވާލުވި އިރުވެސް އެގައުމުގެ އިގްތިސާދު އޮތީ ދަށްވާން ފަށާފައެވެ. ނަމަވެސް ތާލިބާނުންގެ ސަރުކާރެއް އުފެދުނުފަހުން އެގައުމުގެ އިގްތިސާދު މީގެ ކުރިން ދަށަށް ނުދާ ވަރަށް ވަނީ ދަށަށް ގޮސްފައެވެ.
ތާލިބާނުންގެ ބައެއް ބޮޑުން، މީޑިއާތަކަށް މައުލޫމާތު ދޭ ގޮތުގައި، އަފްޣާނިސްތާނުގައި ކާބޯތަކެތީގެ ދަތިކަމެއް ނެތެވެ. އަދި އެފަދައިން ވާހަކަ ދައްކާ މީހުން ހަދަނީ ދޮގު ކަމުގައިވެސް އެބައިމީހުން ބުނެ އުޅެއެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކި އެކި ޖަމުއިއްޔާތަކުން މި ވަނީ ދުނިޔޭގެ އެހީތެރިކަމަށް ގޮވާލާފައެވެ. ތާލިބާނުންނަށް އެހީތެރި ނުވި ނަމަވެސް އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށާއި ކުޑަކުދިންނަށް ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެ ޖަމުއިއްޔާތަކުން ވަނީ ގޮވާލާފައެވެ.
އަފްޣާނިސްތާނުގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވެ، ގިނަ ބަޔަކު ބަނޑުހައި ހޫނު ކަމުގައި ދުވަސްތައް ގުނަމުންދާ ކަމަށް އެކި އެކި މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ހުރެއެވެ. ނަމަވެސް މި ފަހުން އާންމުވި ކަމީލާގެ ފޮޓޯގެ ސަބަބުން ދުނިޔޭގެ ބޮޑެތި މީޑިއާތަކަށްވެސް އެކަމަށް ސަމާލުކަން މި ވަނީ ދީފައެވެ.
