ދާއިމީ ބަލިބަލި ނުވަތަ މުޅި އުމުރު އެ ބައްޔަކާއި އެކު މީހާ ހޭދަކުރަންޖެހޭ ބަލިތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ އަކީ ނުރައްކާތެރި ބައްޔެކެވެ. މިއީ ހަށިގަނޑުގެ އެއް "ފިލްޓަރު" ކަމަަށްވާ ފުރަމޭގައި އުފެދޭ ވައިރަލް އިންފެކްޝަނެކެވެ. މި އިންފެކްޝަން ޖެހެނީ ހެޕަޓައިޓިސް ބީ ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުންނެވެ. އެއާއި އެކު މި ބައްޔަށްވެސް ނަންދެވިފައިވަނީ އެނަމުންނެވެ.
ހެޕަޓައިޓިސް ބީ އަކީ އެ ބައްޔަށް ސީދާ ފަރުވާއެއް ނެތް ބައްޔެކެވެ. އެއާއި އެކު މި ބަލި ހުންނަ މީހުންގެ ފުރަމޭގެ މަސައްކަތް ހުއްޓުމާއި ފުރަމެޔަށް ކެންސަރު ޖެހުމާއި އަދި ފުރަމޭ ގިރުން ފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ބައްޔަށް ސީދާ ހާއްސަ ފަރުވާއެއް ނެތްނަމަވެސް މި ބައްޔަށް ދެވޭ ބައެއް ފަރުވާތަކުގެ ސަބަބުން މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
މި ބަލީގެ އަލާމާތްތައް، ބަލި ހާލަތާއި ގުޅިގެން ތަފާތުވެދެއެވެ. ނަމަވެސް ބައެއް އާންމު އަލާމާތްތައް ހިއްސާކޮށްލާނަމެވެ. އެގޮތުން ދަށްބަނޑުގައި އާދަޔާހިލާފަށް ގަދަޔަށް ރިހުމާއި، ކުޑަކަމުދާތަކެތީގެ ކުލަ ގަދަވުން ހިމެނެއެވެ. އަދި ލޮލުގެ ހުދުބަޔާއި ގައިގެ ހަންގަނޑުގެ ކުލަ ރީނދޫވާގޮތް ދިމާވެއެވެ. ހުޅުހުޅުގައި ރިއްސުމާއި އެކު ގައިގެ ވަރުދެރަވެ، ތުރުތުރު އަޅާގޮތް ދިމާވެއެވެ. ކާހިތްނުވުމާއި އެކު މޭނުބައިކޮށް ހޮޑުލެވުމަކީވެސް މި ބަލީގައި ދިމާވެދާނޭ ކަމެކެވެ. އާންމުގޮތެއްގައި، ދިގުމުއްދަތަކަށް ނުފިލާ ހުންނަ މަޑު ހުމެއް އައިސްފައި ހުރުމަކީ މި ބަލީގައި ގިނަ މީހުން ދެކޭ އަލާމާތެކެވެ.
ހެޕަޓައިޓިސް ބީ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންނަމަވެސް މި ބަލި ފެތުރެނީ އިންސާނުންގެ "ބޮޑީ ފްލުއިޑްސް" ގެ ޒަރިއްޔާއިންނެވެ. ބޮޑީ ފްލުއިޑްސް އޭ މި ބުނެވެނީ އިންސާނާގެ އެތެރެ ހަށީގައި ހުންނަ ނުވަތަ އުފެދޭ އެކި އެކި ދިޔަވަރު ތަކަށެވެ. އެގޮތުން މި ބަލި ފެތުރެން ދެމުވެރިވާ އެންމެ އާންމު ވައްތަރު ތަކަކީ ލެޔާއި އަދި ޖިންސީ އެދުމުގެ ސަބަބުން އުފެދި ބޭރުވާ އެކިއެކި "ފްލުއިޑްސް" ތަކެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހަކާއި އެކު ހުރަހެއް ބޭނުން ނުކޮށް ޖިންސީ ގުޅުން ހިންގުމަކީ (ޖިމާއުވުމަކީ) މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމެކެވެ.
މީގެ އިތުރުން އިންޖެކްޓްކޮށްގެން މަސްތުވަ ތަކެތި ބޭނުން ކުރާއިރު، އެކަކު ބޭނުން ކުރާ ކަށި އަނެކަކު ބޭނުން ކުރުމަކީވެސް މި ބަލި ފެތުރެން ދިމައިވާ ސަބަބެކެވެ. އެހެނީ އެ ކަށީގެ ޒަރިއްޔާއިން ލޭގެ "މުއާމަލާތްތަކެއް" ހިނގާނެތީއެވެ. ސިއްހީ ހިދުމަތްތެރިންވެސް މި ބަލި ހުންނަ މީހުންނަށް ފަރުވާކުރުމުގައި ފަރުވާތެރިވާން ވާނެއެވެ. އެހެނީ އެފަދަ މީހެއްގެ ގަޔަށް ޖަހާފައިވާ ކައްޓެއް، ގަސްތަކާއި ނުލާ އަމިއްލަ އަތަށް ހެރިދާނެތީއެވެ. މިއީ ސިއްހީ ހިދުމަތްތެރިން ފަރުވާތެރިވުން މުހިންމު ކަމެކެވެ.
ހެޕަޓައިޓިސް ބީ އަކީ މައިމީހާގެ ގައިން، ބަނޑުގައިވާ ތުއްތު ކުއްޖާއަށްވެސް ޖެހިދާނޭ ބައްޔެކެވެ. މިކަމުގައި ސިއްހީ އެހީތެރިން ނުވަތަ ޑަކްޓަރުވެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ކުރިއަށް ދިޔުން މުހިންމެވެ.
މި ބަލައިލެވުނީ އިންސާނެއްގެ ފަރާތުން އެހެން އިންސާނަކަަށް މި ބަލި ޖެހި ނުވަތަ ފެތުރޭނޭ ގޮތްތަކަށެވެ. ނަމަވެސް އިންސާނަކު މެދުވެރި ނުވެވެސް، ހެޕަޓައިޓަސް ބީ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަދެފިނަމަ އޭގެ ސަބަބުން މި ބަލި ޖެހިދާނެއެވެ. ނަމަވެސް މިއީ ބަލާ ރައްކާތެރިވެ ފަރުވާތެރިވެގެން އުޅޭނަމަ ފެތުރުން ކޮންޓްރޯލް ކުރެވޭނޭ ބައްޔެކެވެ.
