ތަހުޒީބުވަމުން އަންނަ މުޖުތަމައެއްގައި ނުވަތަ ތަހުޒީބަށް ލޯބި ކުރާ މުޖުތަމައެއްގައި ބޮޑުވަމުން އަންނަ ކުދިންނަކީ އެކުދިންގެ ހަޔާތުގައި އެތައް އަޑުތަކެއް އިވޭނޭ ބައެކެވެ. އަޑުއަހަން ނުޖެހޭ ކިތަންމެ އަޑެއްވެސް މެއެވެ. މިއީ އަދުގެ މި ދުނިޔޭގައި ހުއްޓުވުމަށް އުނދަގޫ ދަތި ކަމެކެވެ.
ބޮޑުވަމުން އަންނަ ކުދިންނަށް އިވޭ ބަސްބަހުގެ ތެރޭގައި ހުތުރު ބަސްބަސްވެސް ހިމެނެއެވެ. އެކުދިން ބޮޑުވަމުން އަންނައިރު އެކުދިންނަށް އެނގޭ ނުވަތަ ދަސްވާ ނުވަތަ ދަސްކުރާ ހުތުރު ބަސްބަހަކީ ހަމަ ގައިމުވެސް އެކުދިންގެ މައިންބަފައިންގެ ފަރާތުން އެކުދިންނަށް ދަސްވާ ބަސްތަކެއް ކަމުގައި ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. އެހެނީ އެކަކުވެސް އެމީހެއްގެ ދަރިންނަށް ހުތުރު ގޮތާއި ބަސްތައް ދަސްކޮށްދޭން ބޭނުން ނުވާނެތީއެވެ. ސުކޫލު މާހައުލުގައިވެސް ކަން ވާނީ މިފަދައިން ކަމުގައި ގަބޫލު ކުރަމެވެ. އެހެނީ ސުކޫލަކީ ދުރޫސުލް އަހުލާގާއި ތަފާތު އެކި ހުނަރުތަކާއި އިލްމުތައް ހޯދުމަށް ކުއްޖާ ގޮސްއުޅޭ ތަނެކެވެ. އެހެންކަމުން އެތަނުގައި ހުތުރު ކަންކަމާއި ހުތުރު ބަސްތައް އެނގި ދަސްވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
އާދޭހެވެ! ކަންއޮތީ އެހެން ކަމުގައި ވީނަމަވެސް އަދުގެ ހާލަތު ނިޔާކުރާގޮތުން އިސްވެ ގަބޫލުކުރެވުނު ކަންކަމާއި ޠަބީއަތް ދެކޮޅުހަދައެވެ. ބައެއް ބެލެނިވެރިން ނުވަތަ ބައެއް މައިންބަފައިންގެ ފުށުން އެމީހުންގެ ދަރީންނަށް ހުތުރު ކަންކަމާއި ހުތުރު ބަސްބަސް ދަސްވާ ކަމީ، ހިތި ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މައިންބަފައިން އެމީހުންގެ ދަރީން އެމީހުންގެ ކައިރީގައި ތިއްބާ ނުވަތަ ކައިރީގައި ބައިތިއްބައިގެން އެހެންމީހުންނާއި އެކު ދައްކާ ވާހަކަ ތަކުގައި ހުތުރުބަސް ބޭނުން ކުރެވޭކަމީ ހިތާމަ ހުރި ކަމެކެވެ. ގުޅައިގެން ފޯނުން ވާހަކަ ދައްކާއިރުގައްޔާއި މައިންބަފައިންގެ ރަހުމަތްތެރިއަކާއި ބައްދަލުވާ ހިނދުގައިވެސް، ކައިރީގައި އެމީހުންގެ ދަރިން ތިބިކަން ހަނދާން ނެތި ހުތުރު ބަސްބަހުން ވާހަކަ ދެއްކެއެވެ. ގަބޫލު ކުރައްވާށެވެ! މިއީ ވަކި ބަޔަކު ބަދުނާމު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. ނަމަވެސް މިފަދަ ހުތުރު ބަސްތައް އެމީހުންގެ ދަރިން ކައިރީގައި ތިބެގެން ބޭނުން ކުރެވޭ މަންޒަރު އާންމުކޮށް ފެންނަނީ އެ މައުސޫމު ކުދިންގެ ބައްޕައިންގެ ފަރާތުންނެވެ. މިއީ އެކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންވީ ފަރާތެވެ. ނަމަވެސް މިފަދަ ހިތާމަވެރި އަމަލުތައް އެކުދިންގެ ބައްޕައިންގެ ފަރާތުން ފެނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. މިއީ އެކުދިންގެ މައިންބަފައިން ވިސްނާން ޖެހޭ ހައްސާސީ މައްސަލައެކެވެ.
ޒަމާނަށް އައިސްފައި މިވާ ބަދަލާއި އެކު ހަޑި ނުވަތަ ހުތުރު ބަސްބަހަކީ ކުއްޖާ ބޮޑުވަމުން އަންނައިރު އެ ކުއްޖާއަށް އެނގޭނޭ ނުވަތަ ދަސްވާނޭ ބަސްތަކެކެވެ. ނަމަވެސް މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން މިފަދަ ބަސްބަސް އަޑު އިވޭ ކަމުގައި ވަނީނަމަ، އެކުދިންނަށް މި ބަސްބަސް ބޭނުން ކުރެވިދާނޭ ހާލަތްތަކާއި ބޭނުން ކޮށްގެން ނުވާނޭ ހާލަތްތަށް ވަކިކުރަން އުނދަގޫވާނެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެކުދިން "ލަދުހަޔާތް" ކެނޑިގެން ދިއުމެވެ. އިހްތިރާމް ކުރުން ހަނދާން ނެތިގެން ދިއުމެވެ. މިއީ އަހަރެމެންނަށް މާތް ﷲ ހަވާލު ކުރެއްވި މި އަގުބޮޑު އަމާނާތަށް އަހަރެމެންނަށް ވެވޭ ހިޔާނަތަކަށް ވާނޭކަމީ ހަމަ ޔަގީންކަމެކެވެ.
އެންމެހާ ލޮބުވެތި މައިންނާއި ބަފައިންނޭވެ! އަހަރެމެންގެ ދަރިންގެ ހަޔާތާއި އަހަރެމެންގެ މާދަމާ އަހަރެމެންގެ އަމިއްލަ އަތްތަކުން ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ. ދަރިންނަށް ހަރަދު ދީ ބަލަހައްޓާ ފަދައިން އެކުދިން ދުރޫސުލް އަހުލާގުން ޒީނަަތްތެރި ކުރާށެވެ. އެކުދިންނަށް އިހްތިރާމް ކުރާށެވެ. އެކުދިން ކައިރީގައި ބައިތިއްްބައިގެން ހަޑިހުތުރު ބަސްބަހުން ވާހަކަ ނުދައްކާށެވެ. އެކުދީންނަށް ހުތުރު ބަސްބަހަކީ އާންމު ބަސްބަކަމުގެ އިހުސާސް ނުކޮށްދޭށެވެ. އެއީން އާންމު ކަމެއް ކަމުވައި ހީވިޔަ ނުދޭށެވެ. ދަރީން ދެކި "ލޯބި" ވާށެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން