އިންސާނާގެ ހަށިގަނޑުގައި އެއްވެސް ޒާތެއްގެ ވޭނެއް އެޅުމަކީ އެ އިންސާނަކު ރުހޭނޭ ކަމެއް ނޫނެވެ. އެގޮތުން އެފަދަ ކޮންމެ ވޭނަކުން އަވަހަށް ފަސޭހަވުން ނުވަތަ ދުރުވުމަކީ ކޮންމެ މީހެއްގެވެސް ވަރަށްބޮޑު އުންމީދެކެވެ. އަދި އެފަދަ ވޭން ހުރި އެއް ރިހުމަކީ ނުވަތަ ތަދަކީ ދަތްތަކަށް ނުވަތަ ދަތެއްގައި ރިހޭ ރިހުމެވެ. މިއީ ބަރުދާސްތުކުރަން ހިތްދަތި ވޭނެކެވެ. އެތައް ރެއެއްގެ އަރާމު ނިދި ހަރާބުކޮށްލާ ރިހުމެކެވެ. މީހާ ބަލިކޮށްލާ، ހުމެއް އަންނަ ފަދަ ވޭނެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ދަތްތަކުގައި ނުވަތަ ދަތެއްގައި ރިހޭނަމަ އެ ރިހުމަކަށް ލުޔެއް ހޯދުމަށް ކުރެވިދާނޭ ބައެއް ކަންކަމަށެވެ.
އެގޮތުން ސިއްހީ މާހިރުން ފާހަގަ ކުރާ އެއް ކަމަކީ ތާފަނާ ލޮނު ފެންފޮދަކުން އަނގަ ދޮވެލުމެވެ. ނުވަތަ އެ ރިހޭ ދަތަކާއި ދިމާ ދޮވެލުމެވެ. އެހެނީ ތާފަނާ ލޮނު ފެނަނަކީ އޭގެ ޒާތުގައި "އެންޓިސެޕްޓިކް" އެކެވެ. "އެންޓިސެޕްޓިކް" އޭ ބުނެވޭ ބަހުގެ މާނައަކީ ޖަރާސީމު ނެތިކޮށްލާ އެއްޗެކެވެ. އެގޮތުން ތާފަނާ ލޮނު ފެނުގެ ސަބަބުން ދަތާއި ހިރުގަނޑުގައި އެއްވެސް ޖަރާސީމެއް ވާނަމަ އެ ޖަރާސީމެއް ނެތިކޮށްލުމަށް އެހީތެރިވާނެއެވެ. ޖަރާސީމަކީ ދަތާއި ހިރުގަނޑުގައި ވާނަމަ އޭގެ ސަބަބުން ތަދާއި ރިހުން ކުރިމަތި ކުރުވާނޭ އެއްޗެކެވެ. މިގޮތަށް އަނގަ ދޮވުމަށް ބޭނުން ކުރާ "ބޭހަކީ" ނުވަތަ "ކެމިކަލަކީ" ހައިޑްރޮޖެން ޕެރޮކްސައިޑް ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ ބޭސްފިހާރަތަކުންވެސް ލިބެން ހުންނަ އަނގަ ދޮންނަ ފުޅިއެކެވެ.
ދަތެއްގައި ރިހޭނަމަ ފިނި އެއްޗަކުން ބޮނޑިތާން ކުރުމަކީވެސް ރިހުން ކުޑަކުރުވާނޭ ކަމެކެވެ. ނުވަތަ ފިނި އެއްޗެއް އަނގައިގައި ތެރޭގައި ގެންގުޅުމުން ނުވަތަ ކެއުމުންވެސް މި އަސަރު މިގޮތަށް ކުރާނެއެވެ. އެހެނީ ފިނީގެ ސަބަބުން ހިރުގަނޑުގައި ހުންނަ ނާރުތައް ހިމަވާ ގޮތް މެދުވެރިވެއެވެ. އެއާއި އެކު އިންސާނާއަށް ކުރެވޭ ތަދުގެ އިހުސާސް ބޮޑުތަނުން ކުޑަވާން ފަށާނެއެވެ. ހަމަ އެއާއި އެކު ނާރުތައް ހިމަވުމަކީ ހިރުގަނޑުގައި ޖަމާވާ ލޭގެ މިންވަރު މަދުކޮށްދޭނޭ ކަމެކެވެ. ނަތީޖާއަކަށް ވެގެން ދާނީ ހިރުގަނޑު ދުޅަވެސް ކުޑަވެގެން ދިއުމެވެ. ފިނި އެއްޗަކުން ބޮނޑިތާން ކުރާނަމަ ރިހޭ ދަތަކާއި ދިމާލުން ބޭރުގައި، ކޮލުގައި ވެސް ބޮނޑިތާން ކުރެވިދާނެއެވެ.
ޕެޕަރމިންޓް ސައިފަތަކީވެސް ދަތުގެ ރިހުންތަކަަށް ހައްލު ހޯދުމަށް ބޭނުން ކުރެވިދާނޭ އެއްޗެކެވެ. ޕެޕަރމިންޓް ސައިފަތް ބޭނުން ކުރާނީ ފިނި ބޮނޑިތާން ބޭނުން ކުރާހެން އަނގައިގެ ތެރޭގައެވެ. މީގެ ސައިފަތް ޕަކެޓެއް ފިނި ކުރުމަށްފަހު، ރިހޭ ދަތެއްގެ ކައިރީގައި ނުވަތަ އެ ދަތެއްގެ މަތީގައި ބާއްވާލާނީއެވެ. ޕެޕަރމިންޓަކީވެސް ތަދު ކުޑަކުރުމަށް އެހީވެދޭ އެއްޗެއްކަމުން މީގެ ބޮނޑިތާނުން ތަދު ފިލާމިންވަރު އަވަސްވެދެއެވެ.
މިއާއި އެކު ބައެއް ފަތްޕިލާވެއްޔާއި ބައެއް ތަރުކާރީ ޗަސްކުރުމަަށްފަހު އެ ރިހޭ ދަތެއްގެ މަތީގައި ބޭއްވިދާނެއެވެ. އެގޮތުން ބިލެތް ފަތާއި ފޭރު ފަތަކީ މިފަދައިން ބޭނުން ކުރެވިދާނެ ދެ ފަތެވެ. މިގޮތަށް ލޮނުމެދަކީވެސް ބައެއްމީހުން ބޭނުން ކޮށްއުޅޭ އެއްޗެއްސެވެ. މި އެއްޗެކީގައި އެންޓިބެކްޓީރިއަލް ނުވަތަ ޖަރާސީމު ނެތި ކުރުމުގެ ބާރާއި އެކު "އެނަލްޖެސިކް އެފެކްޓް" ނުވަތަ ތަދު ކަނޑުވާ ބާރެއް އެކުލެވިގެން ވެއެވެ.
މީގެ އިތުރަށްވެސް ކުރެވިދާނޭ ކަންތައްތައް ހުރެދާނެއެވެ. ނަމަވެސް މި ބަލައިލީ ޖުމުލަކޮށް ގޭގައި ކުރެވިދާނޭ ބައެއް އާންމު ކަންކަމަށެވެ. ދަތްތަކުގައި ނުވަތަ ދަތެއްގައި ރިހޭ މީހެއްނަމަ މި ދެންނެވި ކަންކަން ގޭގައި ތަޖުރިބާ ކޮށްލެވިދާނެއެވެ. ނަމަވެސް އެންމެ މޮޅުއިތުރު ގޮތަކީ އަބަދުވެސް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދާ އެ ގޮތަކަށް އަމަލު ކުރުމެވެ.
