ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން އެންމެ 8 އަހަރުގެ ޝެރީ ޖޯންސަން ރޭޕްކުރީ އޭނާ އަޅުކަން ކުރަންދާ ފައްޅީގެ ފާދިރީގެ ދަށުން މަސައްކަތް ކުރާ 18 އަހަރުގެ މިނިސްޓަރެވެ. އެންމެ ފުރަތަމަ ޝެރީ ރޭޕްކުރީ އޭނާގެ މަންމަ އާއި ދައްތަ ފައްޅިއަށް ދިޔަ ގަޑީގައި އެމީހާ ޝެރީގެ ގެއަށް ގޮހެވެ. އެގަޑީގައި އިތުރު މީހަކު ގޭގައި ނެތެވެ. ފައްޅީގެ ފަހަތުގައިވާ ސިޑިންފައިބައިގެން ގޮސް ވަދެވެނީ ޝެރީގެ ގޭގެ ބަދިގެއަށެވެ. އެގޮތަށް އެގެއަށް ވަދެ ކިތަންމެ ފަހަރަކު އޭނާ ރޭޕް ކުރި ކަމަށް ޝެރީ ކިޔާދިނެވެ. ކިތަންމެ ދުވަހަކު އޭނާއަށް ހޭލެވޭ އިރު އެމީހާ އޮންނަނީ ޝެރީގެ ގައިމަތީގައެވެ.

ގްރޭޑް 2 ގައި ކިޔަވަމުން ދިޔަ ކުޑަކުޑަ ޝެރީއަށް ދިމާވި ހާދިސާ މަންމައަށް ކިޔާދޭނެ ގޮތެއްވެސް އޭނާ އަކަށް ނުވިސްނުނެވެ. ޝެރީއަށް ކިޔާދެވުނު ގޮތަކަށް މަންމަ އަށް އެވާހަކަތައް ކިޔާދިނެވެ. ޝެރީގެ މަންމަ ޝެރީގެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. މަންމަ ބުނީ އަޅުކަން ކުރާ ފައްޅިއެއްގެ އިސްމީހަކު އެފަދަ ކަމެއް ނުކުރާނެކަމަށެވެ. ދުނިޔޭގައި އޭނާގެ ބަހަށް އިތުބާރު ކުރާނެކަމަށް އުއްމީދު ކުރި ހަމަ އެކަނި މީހާ ކަމަށްވާ ޝެރީގެ މަންމަ އޭނާގެ ވާހަކަތައް ދޮގު ކުރުމުން ވަރަށް ބޮޑަށް މާޔޫސްވިއެވެ. އަދި އޭގެ ފަހުން ދީނީ އެއްވެސް ކަމެއްގައި ޝާމިލުވެ އުޅުން ޝެރީ ހުއްޓާލިއެވެ.

އާއިލާގެ ފަރާތުން އޭނާއަށް އިތުބާރެއް އަޅާލުމެއް ނުލިބި ހުއްޓާ ޝެރީ ބަލިވެ އިންކަން އެނގުމުން އޭނާގެ ހިތް ފަޅައިގެން ދިޔައެވެ. ދެންވެސް ޝެރީގެ މަންމަ ކުށްވެރި ކުރީ ޝެރީއެވެ. މަންމަ ބުނި ގޮތުންނަމަ މި ކަމަކީ ޝެރީގެ ސަބަބުން ދިމާވި ކަމެކެވެ. ޝެރީ ބަލިވެއިންކަން އެންމެނަށް އެނގުމުންވެސް އޭނާއަށް އެހީތެރިވެ ލޯބި ދިނުމުގެ ބަދަލުގައި އެންމެންގެ ކުރިމަތީގައި ޝެރީ ފަޟީހަތްކުރީ ޝެރީގެ މަންމައެވެ. ޝެރީ އަކީ ރަގަޅު ކުއްޖެއް ނޫން ކަމާ އޭނާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލު ނުކުރުމަށް ފައްޅިއަށް ދާ އެންމެން ކުރިމަތީގައި ހުރެ އަޑު ހަރުކޮށް މަންމަ ގޮވައެވެ. އެހެން މީހެއްގެ ކުށް ފޮރުވުމަށްޓަކައި އަމިއްލަ ދަރިފުޅު ޤުރުބާން ކުރި މަންމަ އަކަށް ބުނާނެ ހެޔޮ އެއްވެސް ބަހެއް ނެތެވެ.

އެއްކަމެއްގެ މައްޗަށް އަނެއްކަމެއް ކުރިމަތިވެ، ކުޑަކުޑަ ޝެރީއަށް ކެތްކުރެވޭ ވަރަށް ވުރެ ކަންތައް މައްޗަށް ދިއުމުން ގެއިން ފިލައިގެން ދާންވެސް ބޭނުންވިއެވެ. ނަމަވެސް ފިލައިގެން ވަކި ދާނެ ތަނެއް ނެތެވެ. ޝެރީ މާބަނޑުވިކަން އެނގުމުން އިޖްތިމާޢީ މަސައްކަތްތެރިން އެކަމުގެ ތެރެއަށް ވަނެވެ. ނަމަވެސް ޝެރީގެ މަންމަ ވަނީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ބައްޕައަކީ ކާކުކަން ހާމަ ނުކުމަށް ޝެރީއަށް އިންޒާރު ދީފައެވެ. އަދި އެވަރުންވެސް ނުފުދިގެން ފައްޅީގެ އިސްމީހާއާ އެކު އަވަށާ ދުރަށް ޝެރީ ފޮނުވާލިއެވެ. ޝެރީ ގޮވައިގެން މިމީހާ ޝެރީގެ އަވަށް ކަމަށްވާ ތަމްޕާ އިން މަޔާމީއަށް ބަދަލުވިއެވެ. ޝެރީގެ ބަނޑަށް 7 މަހުގައިވެސް މިމީހާ ޝެރީ ރޭޕް ކުރަމުން ދިޔައެވެ. ޝެރީގެ ގެއާ އެތައް މޭލު ދުރުގުގައި ޝެރީ ރޭޕް ކުރި މީހާގެ ކައިރީގައި ހުރެ ޝެރީ އޭނާގެ އަލަތު ދަރިފުޅު ވިހެއެވެ. ޝެރީގެ މަންމަ، އޭނާގެ މާމަ ދަރިފުޅު ދެކިލަންވެސް ނާދެއެވެ. އެންމެ 9 އަހަރުގެ ކުޑަ ޝެރީ މަންމައަކަށް ވީއެވެ. އެކުއްޖާގެ ހިތުގައި އަޅާނެ ވޭން އިޙްސާސް ކޮށްލައްވާށެވެ. އަމިއްލަ އަށް އުޅެން މީހުންގެ އެހީއަށް ބޭނުންވާ އުމުރުގައި ތުއްތު ކުއްޖަކު ބަލަންޖެހުމުން ހަދާނެ ގޮތް ހުސްވެފައި ހުރެ ނަމަވެސް އެ ތުއްތު ކުއްޖާގެ ޒިންމާވެސް ޝެރީ އުފުލިއެވެ.

އޭގެ ދެ އަހަރު ފަހުން ޝެރީއަށް މަޖުބޫރު ވީ އޭނާ ރޭޕް ކުރިމީހާ އަދި އޭނާގެ ދަރިފުޅުގެ ބައްޕައާ ކައިވެނި ކުރާށެވެ. 11 އަހަރުގައި ޝެރީ ކައިވެނި ކުރީ އަބަދުވެސް އަޅުކަން ކުރަން ޝެރީ ގޮސް އުޅުނު ފައްޅީގައެވެ. ދީނާއި އަޅުކަން މަތިން ޝެރީ ފޫހިވާން ޖެހުނީ މި ފައްޅީގެ ސަބަބުން ނެވެ. އަދި ފައްޅީގެ އިސް މިނިސްޓަރުގެ ސަބަބުންނެވެ. ނަމަވެސް ޙާލަތު ނިޔާކުރިގޮތުން ކައިވެނީގެ ހުދު ހެދުމުގައި އޭނާ ހުއްޓި ހުންނަން ޖެހުނީ ހަމަ އެތަނުގައެވެ.

ޝެރީ ދެކޭގޮތުގައި ފްލޮރިޑާގެ އެއްވެސް މުޢައްސަސާއަކުން ނުވަތަ އިދާރާ އަކުން އޭނާއަށް އެހީތެރިކަމެއް ނުދެއެވެ. އޭނާއާއި މެދު ކަންތައް ވީ ގޮތް އެންމެނަށް އެނގެއެވެ. ސްކޫލަށް އެނގެއެވެ. ހޮސްޕިޓަލަށް އެނގެއެވެ. އެތަނުގެ ޑޮކްޓަރުންނަށް އެނގެއެވެ. ކޯޓަށް އެނގެއެވެ. ނަމަވެސް އޭނާގެ ޙިމާޔަތުގައި އެއްވެސް މީހަކު ނާދެއެވެ. ކައިވެނީގެ ފަހުން އިތުރު 5 ކުދިން ޝެރީ ވިހެއެވެ. އޭނާގެ އުމުރުން 16 އަހަރު ވީ އިރު އޭނާއަކީ 6 ކުދިންގެ މަންމަ އެކެވެ. ކުދިންނަށް ޚަރަދު ނުކުރާތީ ޝޭރީގެ ރޭޕިސްޓް ފިރިމީހާ ޖަލަށް ލުމުންވެސް އޭނާއަށް ވަރިއެއް ނުވެވުނެވެ. ސަބަބަކީ އުމުރުން 18 އަހަރު ނުފުރޭ "ކުޑަ ކުއްޖަކަށް" ވުމުންނެވެ. އޭނާއަށް އަމިއްލަ ހައިސިއްޔަތުން ކޯޓަށް އެކަން ހުށައެއް ނޭޅެއެވެ. ކިހާބޮޑު އަރަތެއްތޯއެވެ.

އަނިޔާލިބިފައިވާ މީހުނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ މީހެއްގެ އެހީގައި ޝެރީގެ ފިރިމީހާ ކައިރިން ފިލައިގެން ގޮސް އޭނާ ވަނީ އޭނާގެ ހައި ސްކޫލް ޑިޕްލޮމާ ފުރިހަމަ ކޮށްފައެވެ. ފަހުން ޝެރީއަށް އިތުރު 3 ކުދިން ލިބުނެވެ. މިހުރިހާ ކުދިންނަށް ވެސް ޝެރީވަނީ އޭނާގެ ޙަޔާތުގައި ދިމާވި ކަންކަން ކިޔާދީފައެވެ. މިއަދު އޭނާގެ 34 މާމަ ދަރިންނާއި މުނި މާމަ ކިޔާ 3 ކުދިން އެބަ ތިއްބެވެ.

ޗެރީ އެންމެ ފަހުން ކުރި މަސައްކަތަކީ ފްލޮރިޑާއަކީ ކުޑަކުދިންގެ ކައިވެނި ކުރުވުން މަނާކުރެވޭ ފުރަތަމަ ސްޓޭޓަށް ހެދުމެވެ. މިކަމަށްޓަކައި މިދިޔަ 5 އަހަރު ޝެރީ އަންނަނީ ވަކީލުންނާއި ގާނޫނީ އެހެންވެސް ފަރާތްތަކާއެކު މަސައްކަތް ކުރަމުންނެވެ. ޝެރީގެ ވެސް އެހީތެރިކަމާއެކު މިހާރު ފްލޮރިޑާގައި 17 އަހަރުން ދަށުގެ ކުދިން ކައިވެނިކުރުން ވަނީ މަނާ ކުރެވިފައެވެ.