އިންސާނާގެ ހަޔާތަކީ އެކި މަރުހަލާތައް ކަޑައްތު ކުރާ ހަޔާތެކެވެ. ހިތާމަޔާއި އުފާވެރިކަމާއި އަޑިގުޑަންތަކާއި ކުރިމަތިވެއެވެ. މިހެން ކަން އޮންނައިރު އިންސާނެއްގެ ހަޔާތުގައި ދިމާވާ ހިތާމަތަކާއި ބިރުވެރި ތަޖުރިބާ ތަކަކީ ބައެއްފަހަރު އޭގެ ސަބަބުން އަރައިގަންނަން ދަތި ނަފްސާނީ އުނދަގޫ ތަކާއި ކުރިމަތި ކުރުވާ ހާދިސާ ތަކެކެވެ. މިފަދަ ނަފްސާނީ އުނދަގޫތަކާއި ބަލިމަޑު ކަމަކީ ބޭރު ފުށުން ނުފެނުނު ނަމަވެސް އޭގެ ސަބަބުން އެމީހާގެ މުޅި ހަށިގަނޑާއި އެމީހާގެ ހަޔާތުގެ ހުރިހައި ކަމަކަށް އޭގެ އަސަރު ނުހަނު ބޮޑައް ކުރުވާ ކަންކަމެވެ. މިގޮތައް ގިނަފަހަރު އެމީހެއްގެ ހަޔާތުގައި ދިމާވާ ކަންކަމަކީ ކިތަންމެ ގިނަ ދުވަހެއް ވީކަމުގައި ވީނަމަވެސް އެ ކަމުގެ ވާހަކަތައް ދައްކާ އެ ހަނަދާންތައް އާވާ ކޮންމެ ފަހަރަކު ދެންމެވީކަމެއްހެން އެކަންކަމާއި އަލުން އަނބުރާ ކުރިމަތި ލާންޖެހޭ ކަންކަމެވެ. އިނގިރޭސި ބަހުން ދަންނަވާ ނަމަ "ރީލިވް" ކުރާ "ޓޮރޯމާ" ތަކެކެވެ.
ޓްރޯމާ ތަކަކީ ކޮބާ؟
ޓްރޯމާ އަކީ މީހަކަށް ދިމާވާ އުނދަގޫ ތަޖުރިބާއެއް ނުވަތަ ހީނުކުރާފަދަ ކުއްލި ހާލަތެއްގެ ސަބަބުން އެމީހެއްގެ ވިސްނުމާއި މިޒާޖަށް ބަދަލު ގެނުވަފާނެ އަސަރެއް ނުވަތަ އާދަޔާ ހިލާފު "ޝޮކް" އަށް އިނގިރޭސި ބަހުން ކިޔާ ނަމެކެވެ. މީހަކު ޓްރޯމާ އަށް މަގުފަހިވެދާނެ ފަދަ ހާދިސާއެއް، ނުވަތަ "ޓްރޯމަޓިކް އިވެންޓް" ގެ ގޮތުގައި ބެލެވިދާނެ ގިނަ ހާލަތްތަކެއް ހުރެ އެވެ. މިސާލަކަށް ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ ފަދަ ކަންކަމަކީ އެފަދަ އަނިޔާ އެއް ލިބޭ މީހަކަށް އެހާ ދައްކަން ފަސޭހަ ވާހަކަ ތަކެއް ނޫނެވެ. އެވާހަކަ ދައްކާ ކޮންމެ ފަހަރަކު އެމީހާގެ ސިކުނޑީގައި ހަރުލާފައިވާ ހަނދާންތައް އަލުން އަބުރާ އިޔާދަވެ އެމީހަކަށް އެތައް ހިއްދަތިކަމާއި ނުތަނަވަސްކަން ގެނުވައެވެ. އެ ކަމަކީ ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ކިތަންމެ ކުޑައިރެެއްގައި ހިނގާފައިވާ ކަމެއް ކަމުގައި ވީނަމަވެސް މެއެވެ. ހަމަ މިގޮތައް ހިތާމަވެރި ބިރުވެރި ކާރިޘާ ތަކާއި ކުރިމަތި ވެ އެކަންކަން ތަޖުރިބާ ކުރުމާއި ލޯބިވާ މީހުން ގަބޫލު ކުރަންދަތި ހާލަތް ތަކުގައި ކުއްލި ގޮތަކަށް ދުނިޔެއާއި އަލްވަދާއު ކިޔުމާއި ކުއްލި އެކްސިޑެންޓް ފަދަ ހާލަތް ތަކަަކީވެސް އެކަމުގެ އަސަރާއި ހިތާމައައި ބިރުވެރިކަން އެކަންކަމާއި ކުރިމަތިލާ މީހަކަށް ކުރުވާ ކަންކަމެވެ. ހާއްސަކޮށް ބިރުވެރި ކާރިޘާއެއްް ގައި ފުރާނައާއި ހަނގުރާމަކޮށް ލޯކުރިމަތީގައި ލޯބިވާ އާއިލާއާއި، އެކުވެރިންނާއި އެމީހެއްގެ މުޅި ހަޔާތުގައި ކުރި ހުރިހައި މަސައްކަތް ލޯކުރިމަތިން ސުންނާފަތިވެ ވިއްސި ވިހާލިވެގެން ދިޔުމަކީ އެކަމުގެ އަސަރު ބަޔާން ކޮށްދޭންވެސް ދަތި މިންވަރަކަށް ކުރުވާނެ ކަންކަމެވެ.
ކަންހިނގަމުން ދާ ގޮތް؟
އިންސާނުންނަކީ ވަރަށް ބޮޑަށް ކަންކަން އޮޅުން ފިލުވަންބޭނުންވާ ބައެކެވެ. ކަމެއްދިމާވުމުން އެދިމާވި ކަމެއްގެ ހަގީގަތް ބަލާ އެކަމެއް ދިރާސާކުރުމާއި އެވާހަކަތައް ދެއްކުމަކީ އިންސާނާގެ ތަބީއަތުގައި ވާ ސިފައެކެވެ. ނަމަވެސް ބައެއްފަހަރު ރަނގަޅު ނިއަތެއްގައި ކުރިނަމަވެސް މިފަދަ ކަންކަމަކީ އޭގެ ސަބަބުން އެހެން ބަޔަކައް އޭގެ ނޭދެވޭ އަސަރު ކުރުވަފާނެ ކަންކަމެވެ. ދައްކަން މިއުޅޭ ވާހަކަޔަކީ ހާދިޘާތަކާއި ކާރިޘާތައް ތަހައްމަލު ކުރާ ފަރާތްތަކުގެ ވާހަކަތައް ހޯދާ އެފަރާތްތައް މެދުވެރިކޮށް ނުވަތަ އެފަރާތްތައް ލައްވާ އެވާހަކަތައް ލިޔެވި ވީޑިއޯ ކުރެވި ޝާއިރު ކުރެވޭ ވާހަކަ އެވެ. މިކަމަކީ މިއަދަކު އެކަނި ހިނގާ ކަންކަމެއް ނޫނެވެ. ޒަމާނުއްސުރެ ކަންކަން ހިނގަމުން އަންނަގޮތެވެ. ރާއްޖެއަށް ދިމާވި އެކިއެކި ހިތާމަވެރި ހާދިޘާތަކާއި ކާރިޘާތަކުގެ ތެރޭގައި އެކަން ތަހައްމަލުކުރި ވަރަށް ގިނަ ބައެއްގެ ވާހަކަތައް އެތަށް ގޮތަކަށް އެތައް މީޑިއާ ތަކެއްގައިވެސް އަސަރާއި ހިތާމަޔާއި އެކުގައި ޝާއިރު ކޮށްފައި ހުންނަތަން ފެނެއެވެ. ޝަހީދުންގެ ދުވަސް، އެއްބައިވަންތަ ކަމުގެ ދުވަސް ނުވަތަ ދޭދޭ މީހުންގެ ދިރިއުޅުމުގައި ދިމާވާ ހާދިޘާ ތަކާއި ގުޅިގެން ކަމުގައި ވީނަމަވެސް މިއީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ވާހަކަ ތަކަކީވެސް މީހުން ވަރަށް އަހާ ހިތްވާ އަދި ބަލާ ހިތްވާ ފަދަ ވާހަކަ ތަކެކެވެ. އެންމެ ފަހުން ފާހަގަ ކުރެވިގެން މިދިޔަ އެއްބައިވަންތަކަމުގެ ދުވަހަށް ބަލައިލި ކަމުގައި ވީނަމަވެސް މި ހަގީގަތް އޮތީ ފެންނާށެވެ. ސުނާމީގެ ރާޅުތަކުގެ ތެރޭގައި ފުރާނައާއި ހަނގުރާމަކޮށް ލޯކުރިމަތީ ދަރިންގެއްލި، މި ދުނިޔެއާއި ވަކިވެ ދިޔަ ހަނދާން ތަކުގެ ވާހަކަތައް ރޮމުން އަސަރާއި އެކުގައި ކިޔައިދިީފައިވާ އެކި ވީޑިއޯތަކާއި އާޓިކަލްތައް ފެނިގެންް ދިޔައެވެ. އަދި މި ކިޔާ މީހުންނާއި ބެލި މީހުންގެ އަދަދު ސޯޝަލް މީޑިއާގައި މި ޕޯސްޓްތަކަށް ކޮށްފައިވާ ކޮމެންޓް ތަކުން ފެންނަން ހުއްޓެވެ. ހިތުގެ ފުންމިނުން ހިތާމައިގައި ބައިވެރިވާ ވާހަކަ ތަކާއި ހެޔޮ ދުޢާކޮށް އެތައް މެސްޖް ތަކެއް ކޮށްފައި ހުއްޓެވެ. ނަމަވެސް ސުވާލަކީ މި ހާދިޘާތައް މިގޮތަށް ކިޔައިދީ އެ ހަނދާތައް އާލާކޮށް ދިނުމަކީ ކޮންކަހަލަ އަސަރު ތަކެއް މިކަން ތަހައްމަލު ކުރި ފަރާތް ތަކަށް ކުރާނެ ކަމެއް ހެއްޔެވެ؟
މިކަމާއި މެދު ސުވާލު ކޮށްލިމުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ޑިޕާޓްމަންޓްގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރައްވާ އަބްދުއްﷲ ފަސީޙް ވިދާޅުވަނީ "އެގޮތަށް ކަންކުރުމުން ކުރިން އެމީހަކަށް އެ ދިމާވި ކަންތައް އަލުން އެމީހަކަށް ދިމާވުމަކީވެސް އެކަށީގެންވާ ކަމެއް، ނޫނިއްޔާމުން އެމީހަކަށް އަލުން އެ އިހުސާސްތައް ޓްރިގަރ ވެގެން އައުމަކީވެސް އެކަށީގެންވާ ކަމެއް. އަދި އެކި މީހުންނަށް އެޓްރޯމާގެ އަސަރު އެކި މިންވަރަށް ކުރާނީ، އެކަމުގެ ސަބަބުން އެމީހާ އިތުރު ޑިޕްޝަންއަކަށް ނުވަތަ ސްޓްރެސް އަކަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެއް. އަސްލުގަ އެހާ ރަނގަޅު ކަމެއްނޫން، އެކަމަކު އިންޖެނެރަލް އެވާހަކަ އެއް ދައްކާލަން ބޭނުންވަންޏާ ދައްކާލެވިދާނެ. ނަމަވެސް ޑީޓެއިލް ކޮށް ވަކި ހާދިޘާއެއް ނުވަތަ ވަކި މިީހަކަށް ދިމާވީ މިވެނި ގޮތަކަށޭ ބުނެ އެވާހަކަތައް ކިޔުއްވައި ކިޔައި ދިނުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން އެކަމުގެ އަސަރު ނަފްސާނީގޮތުން އެމީހަކަށް ވަރަށް ބޮޑަށް ކުރާނެ. އެބަތިބި ސުނާމީފަދަ ކަންކަން ތަހައްމަލު ކުރި ފަރާތްތަކުގެ ތެރޭގައި ބުނެވޭ ކުޑަ ބަހަކުންވެސް މިސާލަކަށް ޑިސެމްބަރުމަސް އައުމުންވެސް އެ ހަނދާންތައް އާވެ ޓްރިގަރވާ ފަރާތްތައް."
ކަން މިހެން އޮތް އިރު މިފަދަ ގޮތް ގޮތައް މައުލޫމާތު ހޯދާ ޝާއިރުކުރާ ފަރާތް ތަކުންވެސް މިކަންކަމާއި މެދު ވަރަށް ބޮޑަށް ވިސްނާ ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަމުގައި އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް މިކަންކަން ތަހައްމަލު ކުރާ ފަރާތް ތަކުގެ ހާލަތާއި މެދުގައި ވިސްނާލުން މުހިންމެވެ.
ދާދި ފަހުން މި ފާހަގަކުރި ފަދައިން ފެނިގެން ދިޔަ ބައެއް ވީޑިއޯ އަދި އާޓިކަލްތަކުގައި މައުލޫމާތު ހިއްސާކޮށްލެވި ފަރާތަކާއި ސުވާލު ކޮށްލައި ވާހަކަ ދައްކާލުމުންވެސް އެނގިގެން ދިޔައީ މިވާހަކަ ތަކަކީ އެފަރާތް ތަކަށް ވަރަށް ބޮޑަށް އަސަރު ކުރުވާ އަދި އެވާހަކަ ތަކެއް ދެކެވުމުން އެހަނދާންތައް އާލާވެ ލޮލުން ކަރުނަ އޮހޮރުވާ ކަމެއް ކަމުގައެވެ.
ސުނާމީ ކާރިޘާގައި 14 އަހަރުގެ އަންހެން ދަރިފުޅު ރާޅުތަކުގެ ތެރެއަށް ގެއްލި ނިޔާވެފައިވާ، ވިލުފުށީ ބޭފުޅެއް ކަމަށްވާ މުހައްމަދު ރަޝީދު ތީރަށް ވިދާޅުވީ "އެވާހަކަތައް ދައްކާ ކޮންމެ ފަހަރަކީ ވަރަށް ހިތާމަވެރި އަސަރު ކުރުވާ ކަމެއް. 17 އަހަރު ފަައިތުވީ ކަމުގައި ވީނަމަވެސް އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލި ހިތަށް އަސަރު ކުރުވާ. އެންމެ ފަހަރެއްވެސް ނުދޭ އެވާހަކަ ދައްކާފަ ނުރޮވޭ. ކޮންމެ އަހަރަކު ތަކުރާރުކޮށް މިވާހަކަތައް ދެއްކުމަކީ ފަސޭހަ ކަމެއް ނޫން." މުހައްމަދު ރަޝީދު މިވާހަކަތައް ދައްކަމުން ދިޔައިރުވެސް ރޮވޭވަރުން ރަނގަޅަށް ވާހަކަ ނުދެއްކެއެވެ. ކޮށްފައިވާ އަސަރު އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައިރު އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. މިފަދަ ހާލަތެއްގައި ހަޔާތް ވޭތުކުރަމުންދާއިރު ފަސޭހަނުވެ ހުރި ފާރުތަކަކުން ކުރަމަގާލި ނެގުމަކީ އިތުރަށް ފާރުގަނޑު ފަސޭހަނުވެ ފާރުގަނޑު ބޮޑު ވެގެން ދާނެކަމެކެވެ.
މިކަމާއި ގުޅޭގޮތުން މެންޓަލް ހެލްތް އެޑިއުކޭޓަރއެއް ކަމަށްވާ މަރިޔަމް ނުޒުހާ ވިދާޅުވީ " މެންޓަލް ހެލްތްގެ ކަންކަމަކީ ރާއްޖޭގައި ހާއްސަކޮށް 2004 އެހާ ހިސާބުގައި މާކަ ބޮޑަށް ސަމާލުކަން ދެވުނު ކަންކަމެއްނޫން. މި ފަހަކުން ކޮވިޑްގެ މި ޕެންޑަމިކްގެ ސަބަބުން މީހުން މިކަމާއި މެދު ތަންކޮޅެއް ހޭލުން ތެރިވާން ފެށި ނަމަވެސް 2004 ހިސާބުގައި އެކަން އޮތީ އެހާ ރަނގަޅު ހިދުމަތެއްގެ ގޮތުގައެއްނޫން ވީމާ "ޓްރޯމާ" އެއް ގޯތްރޫކޮށްފަ ހުންނަ މީހަކު އެކަމުން ރަނގަޅަށް ހީލް ނުވަނީސް އަނެއްކަ ނަގަނަގައިން އެވާހަކަތައް ދައްކަންޏާ އެކި ކަހަލަ ނަފްސާނީ އުނދަގޫތަކާއި ކުރިމަތި ވާނެ. އަދި ހީލް ވެފައި ހުރިނަމަވެސް އެކަމުގެ އަސަރު ބޮޑު ކަމުގައި ވަނީނަމަ އެ ހަނދާންތަައް އާވެ އަނެއްކާވެސް އެމީހާއަށް ނަފްސާނީ ގޮތުން އަސަރު ކުރުވާނެ. އެފަދަ ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއްނޫން. އެގޮތަށް ވާހަކަ ދައްކާ އިންޓަވިއު ކޮންމެހެން ކުރަން ޖެހިއްޖެނަމަ ނަފްސާނީ ގޮތުން ސަޕޯޓްދެވޭނެ ފަދަ ފަރާތެެއްގެ އެހީ އާއި ހިޔާލު ހޯދައި މީހާގެ ހާލަތުވެސް ބަލަންވާނެ."
ވިސްނާލުން މުހިންމު ނުކުތާތައް!
ކުރިންވެސް ދަންނަވާލިގޮތަށް ފަހަރުގައި މިކަން މިގޮތަށް ކުރައްވާ ބޭފުޅުން މިކަން ކުރައްވަނީ ވަރަށް ހެޔޮނިޔަތުގައި ކަމުގައިވެސް ވެދާނެއެވެ. ނުވަތަ މިގޮތައް ކަންކުރުމުން ނިކުމެދާނެ ނަތީޖާ ނޭންގެނީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ގޮތެއްގައި ކަމުގައި ވީނަމަވެސް މިފަދަ އަމަލުތައް މިގޮތައް ކުރާއިރު އަކެކާގެ އިހުސާސްތަކާއި މެދު ވިސްނާލުމަކީ ވަރަށް މުހިންމުކަމެކެވެ. ހާއްސަކޮށް މައުލޫމާތު ފަތުރާ ފަރާތްތަކާއި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމާއި މެދު ބަސްބުނެ ހޭލުންތެރިކަން އިތުރު ކުރުވުމަކީ ވަރަށް މުހިންމުކަމަކެވެ. މިއަދު އެފަދަ ހާލަތެއްގައި ހުރި ފަރާތަކީ ތިމާ ނޫނީ ތިމާގެ އާއިލާ ނުވަތަ ގާތް މީހަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މާދަމާ އެމަގާމުގައި ތިމާ ހުންނަން ޖެހުމަކީވެސް ހަމަ ދުރުގައި ވާކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރު ކޮށްލެވެނީ އެމީހަކު އެހާލަތަކަށް ދިޔުމުންނެވެ.
އެއްވެސް ހާލަތެއްގައި މި ލިޔުމުގެ ބޭނުމަކީ މިފަދަ ކަންކަމާއި މެދު ވާހަކަ ނުދެއްކުމަށް ބާރު އެޅުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ މިކަން ކުރުމުގައި އޮތް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް ކަންކުރުމަށް ބާރު އެޅުމެވެ. އެގޮތުން މިފަދަ ހާދިޘާތައް ނުވަތަ ކާރިޘާތަކުގެ އަސަރު ކޮށްފައިވާ ފަރާތް ތަކާއި ތަކުރާރުކޮށް މިފަދަ ސުވާލުތައްކޮށް ނެހެދުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ނަމަވެސް ކޮންމެހެން އެކަން ކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަފްސާނީ ހާލަތު ވަޒަންކޮށް ނަފްސާނީ އެހިީތެރިކަން ދެވޭނެ ފަރާތެއްގެ އެހީތެރިކަމާއި އެކުގައި މިކަންކަން ކުރުމަކީ މުހިންމުކަމެކެވެ. ގިނަފަހަރު މިފަދަ އިންޓަވިއު ތަކަށްފަހު އެކަން ތަހައްމަލު ކުރަމުންދާ މީހާގެ މަތިން ހަނދާންވެސް ނުހުރެއެވެ. އަނެއްކާވެސް ހަނދާނަށް އަންނާނީ ޖެހިގެން އަންނަ އަހަރުގެ އެވާހަކަތައް ދައްކާލަން ބޭނުން ވީމައެވެ. މި ފަދަ ހާލަތް ތަކުގައި މިފަދަ ކަންކަން ތަހައްމަލް ކުރަމުންދާ ފަރާތްތައްވެސް ވިސްނާލުން ވަރަށް މުހިންމު ކަމެއް ފާހަގަ ކޮށްލާނަމެވެ. ތިމާ އެކަމަކާއި ހިތްހަމަ ނުޖެހޭ ކަމެއްނަމަ ނުވަތަ ނުތަނަވަސްވާ ކަމެއްނަމަ އެކަމަކަށް ނޫނެކޭ ބުނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުރިން އެވާހަކަތައް އެހެން އިންޓަވިއުއެއްގައި ދައްކާފައިވާނަމަ އެޔަށް ރިފަރ ކޮށްލަންްވެސް ބުނެވިދާނެއެެވެ. މިފަދަ ކަންކަމަކީ އަމިއްލައަށް ވެސް މިފަދަ ފަރާތް ތަކަށް ކުރެވިދާނެ މުހިންމު ކަންކަމެވެ. ވިސްނާލުން މުހިންމު ކަމަކީ ތިމާގެ ކުޑަ ވަގުތު ކޮޅެއްގެ ކުރި އެރުމަކަށް ނޫނީ މަގުބޫލު ކަމަކަށްޓަކައި އަނެކާގެ ދިރިއުޅުމުގައި ހުޅު ރޯ ނުކުރުމަށެވެ.
