ދާއިމަށް ފަރުވާކުރަންޖެހޭ ބަލިތަކަކީ ވަރަށްގިނަ މީހުން ބަރުދާސްތު ކުރަމުންދާ ބަލިތަކެކެވެ. އެގޮތުން ހަކުރުބައްޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ހަކުރުބައްޔޭ ބުނެވެނީ ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ނުވަތަ ގުލްކޯޒުގެ މިންވަރު މަތިވުމުންނެވެ. މިއީ އޭގެ ސަބަބުން ގިނަ އަލާމާތްތަކަކާއި އުނދަގޫތަކެއް އިންސާނާއަށް ކުރިމަތިކުރުވާ ބައްޔެކެވެ. އެގޮތުން ހަކުރުބަލި ހުންނަ މީހުން ގިނައިން ކުޑަކަމުދާން ޖެހުމަކީ އާންމު ކަމެކެވެ.

ލޭގެ ކޮންމެ މިންވަރަކީ ގުރުދާ (ކިޑްނީ) ގެ ތެރެއިން ދައުރުވާނޭ މިންވަރެކެވެ. ގުރުދާއަކީ ކުޑަކަމުދާ ތަކެތި އުފައްދާ މައި ކާރުހާނާއެވެ. މިފަދައިން ގުރުދާގެ ތެރެއިން ލޭ ދައުރު ކުރާއިރު، ގުރުދާގައި ހުންނަ ނެފްރޯންސް ނަމަކަށް ކިޔާ ކުދި ކުދި ގުނަންތަކަކުން މި ލޭ ފުރާނައެވެ. ވަކި ހާއްސަ ތަރުތީބަކުން ތަރުތީބު ވެފައިވާ މި ފުރޭނުމުގެ ނިޒާމުގައި އެތައް މަރުހަލާއެއް ހިނގައެވެ. މިފަދައިން ލޭ ފުރާނާ އިރު، ލޭގައި ހުންނަ ބޮޑެތި މޮލިކިއުލް އެކުލެވޭ މާއްދާތައް ލޭގެ ތެރޭގައި ދެމި ހުރެއެވެ. އަދި ކުދި މޮލިކިއުލް ހުންނަ ބައެއް ފައިދާހުރި މާއްދާތައް ބޭރުވީނަމަވެސް ރީއެބްޒޯބްޝަން ނަމަކަށް ކިޔާ ހަރަކާތަކުން އަކުން ލޭގެ ތެރެއަށް ނަގައެވެ. މިފަދައިން ފުރޭނުމަށްފަހު ބާކީވާ ބޭކާރު މާއްދާތައް ކުޑަކަމުދާ ތަކެތީގެ ގޮތުގައި މަސާނާއަށް ފޮނުވައެވެ. މި ބޭކާރު ތަކެއްޗާއެކު އެތަކެއްޗާ އެކަށޭނެ މިންވަރެއްގެ ފެންވެސް ބޭރުކޮށްދެއެވެ. ލޭ ފުރޭނުމަށްފަހު، ފުރޭނި ލޭތައް އަނބުރާ ހަށިގަނޑުގެ ތެރެއަށް ގުރުދާއިން ފޮނުވައިދެއެވެ.

ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މާއްދާ ނުވަތަ ގުލްކޯޒަކީ މިފަދައިން ފުރޭނިގެން، ރީއެބްޒޯބްވެގެން ލޭގެ ތެރެއަށް ފޮނުވާ، ހަށިގަނޑުގައި ދައުރުވާ މާއްދާއެކެވެ. ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ގުލްކޯޒުގެ މިންވަރު އިތުރުވުމުގެ ނަތީޖާއަކީ ގުރުދާއިން ލޭ ފުރާނަން ޖެހޭ މިންވަރު އިތުރުވުމެވެ. އެހެނީ ލޭގައި ހުންނަ ގުލްކޯޒު، ލޭގެ ތެރެއަށް ފޮނުވަން ޖެހޭނެތީއެވެ. މި ސަބަބާއި ހުރެ ގުރުދާއަށް ބުރަ ބޮޑުވެ ގުލްކޯޒު ފުރާނާ މިންވަރަށް ބުރޫއަރައެވެ. އެއާއި ނުފުރޭނި ހުންނަ ގުލްކޯޒުތައް ބޭކާރު މާއްދާތަކާއި އެކު މަސާނާއަށް ފޮނުވާލެވެއެވެ.

މިހެން ކަން ދިމާވުމުން ބޭކާރު ތަކެތީގެ ގޮތުގައި މަސާނާއަށް ޖަމާވާ މާއްދާތަކުގެ މިންވަރު އިތުރުވެއެވެ. މި މިންވަރު އިތުރުވުމާއި އެކު، މި މިންވަރަށް އެކަށޭނެ މިންވަރެއްގެ ފެންވެސް މަސާނާއަށް ފޮނުވާނެއެވެ. ނަތީޖާއަކަށް ވަނީ މަސާނާގައި ކުޑަކަމުދާ ތަކެތި ޖަމާވާ މިންވަރު އިތުރުވުމެވެ. މިފަދައިން މަސާނާއަށް ކުޑަކަމުދާތަކެތި ގިނައިން ޖަމާވާނަމަ، ގިނައިން ކުޑަކަމުދަވާ، ގިނައިން ކުޑަކަމު ދެވޭނެއެވެ. 

މި ބަލާލީ ހަކުރު ބަލި ހުންނަ މީހުންނަށް ދިމާވާ އުނދަގޫތަކުގެ ތެރެއިން ގިނައިން ކުޑަކަމުދިއުން މެދުވެރިވާ ސަބަބަށެވެ. މިއީ މި ބަލި ތަހައްމަލު ކުރާ މީހުންނަށް އެނގުން މުހިންމު މައުލޫމާތު ތަކެއް ކަމުގައި ގަބޫލުކުރަމެވެ.