ެއެފްރިކާގެ މަޑަގަސްކަރަގައި ހިނގި ހާދިސާއެއްގައި، ހެލިކޮޕްޓަރެއް ވެއްޓި، އެ ގައުމުގެ ވަޒީރަކު ސަލާމަތްވި ގޮތުގެ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ލިބިފައެވެ. ސާޖް ގެއްލެ ނަމަކަށް ކިޔާ އެ ވަޒީރާއި އިތުރު ބަޔަކު ދަތުރު ކުރަމުންދިޔަ ހެލިކަޕްޓަރު ކަނޑަށް ވެއްޓުުނު ހާދިސާއިން ވަޒީރު ސަލާމަތްވެފައި ވަނީ 12 ގަޑި އިރު ފަތާފައި ސަލާމަތުން އެއްގަމަށް ފޯރުމުންނެވެ.

އޭނާއާ އެކު ހެލިކަޕްޓަރުގައި ދަތުރު ކުރަމުންދިޔަ ސެކިއުރިޓީ އޮފިޝަލުންވެސް ވަނީ މިހާދިސާގައި ސަލާމަތް ވެފައެވެ.

ހޯމަ ދުވަހުގެ ރޭ މި އެންމެން ދަތުރު ކޮށްފައިވަނީ އެގައުމުގެ ހުނޅަގު އުތުރުގެ ކަނޑަށް ފެތުނު އާގު ބޯޓު އޮތް ސަރަހައްދު ދިރާސާ ކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ހެލިކަޕްޓަރުން ދަތުރު ކުރަމުންދިޔަ ފަޅުވެރިޔާ އާއި ބޯޓުގައި ދަތުރު ކުރަމުން ދިޔަ މިލިޓަރީ އޮފިސަރަކު އަދި ފެނިފައެއް ނުވެއެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން އުމުރުން 57 އަހަރުގެ ގެއްލެ ވިދާޅުވެފައި ވަނީ އޭނާ ދަތުރު ކުރަމުން ދިޔަ ހެލިކަޕްޓަރު ވެއްޓެން މެދުވެރިވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ގެއްލެ ފަތާފައި އައިސް އަރާފައިވަނީ މަހަމްބޯއަށެވެ. އޭނާއަށް ސަލާމަތުން އާދެވިފައިވަނީ ހެލިކަޕްޓަރު ވެއްޓުނު ދުވަހުގެ އިރުއޮއްސި 19:30 ހާއިރުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 08:00 ވާން އުޅެނިކޮށެވެ.

ކަނޑުގައި މިހާ ގިނަ ވަގުތު ހިތްވަރު ކުރުމަކީ މަދުބަޔަކަށް ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް މަޑަގަސްކަރާގެ މި ވަޒީރު މިކަންކަމަށް ވަރަށްވެސް ހުށިޔާރެވެ. މި ސަބަބާއި ހުރެ މި ވަޒީރުގެ މި ހިތްވަރުގަދަ އަމަލަށް ގިނަބައެއްގެ ތަރުހީބު ލިބެއެވެ. ވަޒީރު ބުނާ ގޮތުގައި 12 ގަޑިއިރު ކަނޑުގައި ހޭދަކުރަން ޖެހުމުން އިހުސާސް ކުރަންޖެހުނު އެންމެ އުނދަގޫ ކަމަކަށް ވެފައިވަނީ ފިނީގެ ސަބަބުން ވާ އުނދަގޫތަކަށެވެ. އޭނާގެ ސިއްހީ ހާލުވެސް ރަނގަޅުކަމަށް ރިޕޯޓުތަކުގައި ވެއެވެ.