އިންސާނާގެ މޫނަކީ ކޮންމެ މީހަކުވެސް ވަރަށް ރީތިކޮށް ބެހެއްޓޭތޯ ބަލާ އެއް ތަނެވެ. ޒީނަތްތެރިވުމުގައިވެސް އެންމެ އިސްކަމެއްދެނީ މޫނަށެވެ. މޫނުމަށްޗަށް މިހާ ބޮޑު ފަރުވާތެެރިކަމެއް ދޭއިރު، އެމީހުންގެ މޫނުމަތި ތެޔޮވުމުން ނުވަތަ ތެޔޮވާތީ އެކަމާއި ކަންބޮޑުވެއެވެ. ތެޔޮވުމަކީ މޫނުގެ ތާޒާކަން ކެނޑި ރީތިކަން ފަނޑުކޮށްލާ ކަމެކެވެ. ނަމަވެސް މިއީ މުޅިއަކުން ސައްހަ ވާހަކައެއް ނޫނެވެ. މޫނު ތެޔޮވުމުން، މޫނުގެ ހަންގަނޑަށްވެސް ވަރަށްގިނަ ފައިދާތަށް ކުރެއެވެ. ނަމަވެސް މިއީ އާންމުކޮށް މީހުން ދައްކާ އުޅޭ ވާހަކައެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ މޫނު ތެޔޮވުމުން މޫނުގެ ހަންގަނޑަށް ކުރާ ފައިތާ ތަކަށެވެ.

އިންސާނާގެ ހަންގަނޑުގައިވާ ސަބޭޝަސް ގުލޭންޑް ނުވަތަ ތެޔޮ ގުލޭންޑް ނަމަކަށް ކިޔާ ކުދި ކުދި ގުލޭންޑު ތަކެއް ނުވަތަ ޖާގަ ތަކެއް ހުރެއެވެ. މިއީ ހަންގަނޑު ތެޔޮވުމުވައި އެ ހުންނަ ތެޔޮކަން ނުވަތަ ތެޔޮ އުފައްދައިދޭ ކުދި ކުދި ގުލޭންޑުތަކެވެ. މޫނުމަތި ތެޔޮވާ މީހުންގެ މޫނުގެ ހަންގަނޑުގައި ހުންނަ މި ކުދި ކުދި ގުލޭންޑުތަކުން ތެޔޮ އުފައްދައިދޭ މިންވަރު އިތުރުވެއެވެ. ނުވަތަ މިފަދަ ގުލޭންޑުތައް ގިނަވެއެވެ. ނުވަތަ މި ގުލޭންޑުތަކުވެ ސައިޒު ބޮޑެވެ. މިކަންކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ މޫނު ތެޔޮވާ މީހުންގެ މޫނުގެ ހަންގަނޑު ބޯވުމެވެ. މިއީ ލިބޭ އިތުރު ރައްކާތެރިކަމެއްކަން ޔަގީނެވެ. ހާއްސަކޮށް ނިއްކުރި ފަދަ ތަންތަނުވެ ހަން ބޯވުމަކީ ބޮލަށް ލިބޭ އަނިޔާތައްވެސް ކުޑަވާނޭ ކަމެކެވެ.

އިސްވެ ބުނެވުނު ފަދައިން މޫނު ތެޔޮވާމީހުންގެ މޫނުގައި ހުންނަ ތެޔޮ އުފައްދާ ގުލޭންޑުތައް ގިނަވެ ނުވަތަ ބޮޑުވާނެއެވެ. މިފަދައިން ތެޔޮ ގުލޭންޑުތައް ގިނަ ނުވަތަ ބޮޑު ހިސާބެއްގައި، ހަންގަނޑުގައި ހުންނަ ރުލުގެ ފުންމިން ތިލަވުމާއި ހަންގަނޑަށް ދޫޖެހޭ މިންވަރު ކުޑަވެއެވެ. މިކަމުގެ ސަބަބުން މޫނުމަތީގައި ރޫގިނަވުމުން ދުރުކޮށްދިނުމާއި އޮމާން ހަންގަނޑެއް ލިބުމުގެ ފުރުސަތު ބޮޑުވެއެވެ.

މޫނުމަތި ތެޔޮވުމާއި އެކު އެ އުފެދޭ ތެލަކީ ގުދުރަތީ "ސަން-ލޯޝަން" އެކެވެ. އެހެނީ އެ ތެލުގައި ވިޓަމިން އީ ހުންނާތީއެވެ. ވިޓަމިން އީ ގެ ސަބަބުން، އިރުގެ އަލްޓްރާ ވައިލެޓް ދޯދިތަކުންނާއި އެނޫންވެސް އެފަދަ ގެއްލުން ދެނިވި ދޯދިތަކާއި ބައެއް "ވިހަ" މާއްދާތަކުން ރައްކާތެރިކަން ލިބެއެވެ. ހަމައެއާއި އެކު ވިޓަމިން އީ އަކީ އޭގައި އެންޓި-އިންފްލެމޭޓަރީ އަސަރު އެކުލެވޭ މާއްދާއެކެވެ. އެހެންކަމުން ހަންގަނޑުގައި ޖަރާސީމު އަށަގަތުން ފަދަ ކަންކަމުން ރައްކާތެރިކަން ލިބުމުގެ ފުރުސަތު، މޫނު ތެޔޮވާ މީހުންނަށް ފަހިވެއެވެ.

ކަންމިހެން ހުރެ، މި ނިޒާމު މިގޮތަށް ފަރުމާވެފައިވުމުން، މޫނު ތެޔޮވާމީހުން އެކަމާއި މާބޮޑަށް ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް އާދަޔާހިލާފަށް ގިނައިން ތެޔޮވާނަމަ، ސިއްހީމާހިރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. މާތް ﷲ ތަރުތީބު ކުރައްވާފައިވާ ކޮންމެ ނިޒާމެއްގައި ވަނީ އިންސާފާއި ގުދުރަތީ އަދުލުވެރިކަމެވެ. މޫނު ތެޔޮވުމަކީ ގޯހެއް އަދި ގެއްލުމެއް ކަމުގައި ގަބޫލުކުރެވުނަސް އެކަމުގައިވެސް ފައިދާތަކެއް އެބަވެއެވެ.