މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަނެ އެ ކުއްޖާ ވިހެއުމާއި ހަމައަށް ފުރިހަމެ ފައްކާވަމުން ދަނީ ވަކި ތަރުތީބަކުންނެވެ. މި ނިޒާމުން ކުއްޖާ މައިމީހާގެ ބަނޑުގައި އަށަގަންނައިރު ބައެއް ހާލަތްތަކުގައި މި ތަރުތީބު ކަސިޔާރުވެ، ބައެއްކަހަލަ އުނދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ޕްލަސެންޓަރ ޕްރިވިއަރ ނަމަކަށް ކިޔާ ހާލަތަކީވެސް ބައެއް މާބަނޑު އަންހެނުންނަށް ކުރިމަތިވާ ހާލަތެކެވެ.
ޕްލަސެންޓަރ އަށް ދިވެހި ބަހުން ކިޔާ އުޅެނީ ވާމަހެވެ. މިއީ މައިމީހާގެ ރަހިމުގައި ކުއްޖާ އަށަގަނެފައި އޮންނަ އިރު ރަހިމާއި އެ ކުއްޖާ ގުޅުވައިދޭ މަހެވެ. މި މަހާއި އެ ކުއްޖާ ގުޅިފައިވާނީ އެ ކުއްޖާގެ ފޫޅުންނެވެ. ވާމަހަކީ މައިމީހާ އާއި ކުއްޖާއާއި ދެމެދު ލޭ ދައުރުކޮށްދީ އޮކްސިޖަން ލިއްބައިދީ އެކި އެކި ފައިދާހުރި މާއްދާތައް ކުއްޖާއަށް ލިއްބައިދީ ކުއްޖާގެ ލެއިން ބޭކާރު މާއްދާތައް ބޭރުކޮށްދޭ މަހެކެވެ. އާންމުގޮތެއްގައި ވާމަސް އަށަގަނެފައި ހުންނާނީ ރަހިމުގެ މަތީ މަސްތަކުގައި ނުވަތަ ދެ އަރިމަތީ މަސްތަކުން ކުރެ މަސްތަކެއްގައެވެ. ޕްލަސެންޓަރ ޕްރިވިއަރ އޭ މި ކިޔެނީ ވާމަސް އަށަގަތުމުގައި ރަހިމުގެ ދޮރު (ސާވިކްސް) ގެ މައްޗަށް އެއްބައި އަރާފައި ނުވަތަ އެއްކޮށް އެ ދޮރު ބަންދުވެފައި ހުންނަ ހުރުމަށެވެ. މިއީ މާބަނޑު ދުވަސްވަރު މައިމީހާއަށް އެތައް އުނދަގޫތަކަކާއި ވޭނެއް ކުރިމަތި ކުރުވާނޭ ހާލަތެކެވެ.
މި ހާލަތު ކުރިމަތިވެފައިވާކަން ޑަކްޓަރަށް އެނގޭ ހިސާބުން، ޑަކްޓަރު ބަލިމީހާ ކުރެން ކަންތައްތަކެއް މަނާ ކުރާނެއެވެ. އެއީ ރަހިމުގެ ދޮރަށް ބާރު ކުރާފަދަ ހުރިހާ ހަރަކާތެކެވެ. އެގޮތުން އާންމު ގޮތެއްގައި ޕްލަސެންޓަރ ޕްރިވިއަރ ހުންނަ މާބަނޑު އަންހެނުން، މާބަނޑު ދުވަސްވަރު ދެމަފިރިކަމުގެ ގުޅުން ހިންގުމުން ދުރުވާން ޖެހޭނެއެވެ. ބަރު އެއްޗެހި އުފުލުމާއި އުޑުފައިން އިށީނދެ އިނުން މަދުކުރަން ވާނެއެވެ. ބުރަ ކަސްތަރުތައް ކުރުމާއި ގަދަ މަސައްކަތްތައް ކުރުންވެސް ޑަކްޓަރުން މަނާކުރެއެވެ. އެހެނީ މިކަންކަމުގެ ސަބަބުން މަނާ ނުވާނޭ ގޮތަކަށް ނުވަތަ މަނާކުރަން އުނދަގޫވާނޭ ގޮތަކަށް ލޭ އައުމުގެ ފުރުސަތު އޮންނާތީއެވެ.
މި ހާލަތު އިއާދަ ނުކުރެވިއްޖެނަމަ، ވިހެއުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން މިހާލަތު އިއާދަ ނުކުރެވިއްޖެ ނަމަ ސިޒޭއިން ހަދަން މަޖުބޫރުވާނެއެވެ.
ޕްލަސެންޓަރ ޕްރިވިއަރ ގެ މައިގަނޑު އަލާމާތަކީ، ބަނޑަށް 4 މަހުގައި ނުވަތަ 4 މަހާއި އޭގެ ފަހުގައި، ކުރިމަތިފަރާތުން ލޭ އައުމެވެ. މިފަދައިން އަންނަ ލެއަކީ އަލި ރަތްކުލައިގެ ލެއެކެވެ. އަދި މިގޮތަށް ލޭ އަންނައިރު، އެއްވެސް ރިހުމެއް ތަދެއް އިހުސާސެއް ނުކުރެވޭނެއެވެ.
މިފަދައިން ވާމަސް ރަހިމުގެ ދޮރުގެ އެއްބައިގައި އަށަގަނެފައިވާނަމަ، (ބައެއްފަހަރަށް) ބަނޑަށް ދުވަސްވާ ވަރަކުން އަމިއްލައަށް ރަހިމުގެ އެއް އަރިއަކަަށް ޖެހެމުން ދާނެއެވެ. ނަމަވެސް ރަހިމުގެ ދޮރު އެއްކޮށް ބަންދުވެފައިވާނަމަ އިއާދަވުމަކީ ވަރަށް ދުރުކަމެކެވެ.
މިހާލަތު ކުރިމަތި ކުރުވާ ސީދާ ސަބަބެއް މުޅިއަކުން ސާފެއް ނޫނެވެ. ނަމަވެސް މި ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑު ބަޔަކު ޑަކްޓަރުން ފާހަގަ ކުރެއެވެ. އެއީ ދެވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު މާބަނޑުވާ އަންހެނާއާއި، އެއްމާބަނޑު ދެކުދިން ނުވަތަ އެއަށްވުރެ ގިނަކުދިން ބަނޑުގައި އުފުލާ އަންހެނުންނެވެ. އަދި އުމުރުން ދުވަސްވުމަކީވެސް މިކަމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އަދި މާޒީގައި މި ހާލަތު ކުރިމަތިވެފައިވާ އަންހެނާއަށް ދެވަނަ ފަހަރަށް މިހާލަތު މެދުވެރިވުންވެސް ވަރަށް ގާތެވެ. މީގެ އިތުރުން ރަހިމުގައި ނުވަތަ ރަހިމުގެ ދޮރުގެ ކައިރީގައި ލަކުނެއް ވާނަމަވެސް މިހާލަތު މެދުވެރި ވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި (ހާއްސަކޮށް ކޮކެއިން) ބޭނުން ކުރުމަކީވެސް މި ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަންކަމެވެ.
މިއީ މައިމީހާއަށާއި ބަނޑުގައިވާ ދަރިފުޅަށް ގެއްލުންތަކެއް ކުރިމަތިކުރުވާނޭ ހާލަތެކެވެ. އެގޮތުން މައިމީހާގެ ކުރިމަތި ފަރާތުން މަނާ ނުވާ ގޮތެއްގައި ލޭއައުމާއި، ވިހެވޭ ހާލަތެއްގައި ވިހެއުމުން އަންނަ ލޭގެ މިންވަރު ގިނަވުން ހިމެނެއެވެ. އަދި މިފަދައިން ވިހެއުމުގެ ކުރިން ގިނައިން ލޭ އަންނަނަ ނަމަ، ކުއްޖާއަށް ދުވަސްނުފުރެނީސް ސިޒޭރިއަން ހެދުމަށްފަހު ކުއްޖާ ނަގަންޖެހިދެއެވެ.
މި ބަލައިލެވުނީ ޕްލަސެންޓަރ ޕްރިވިއު އަކީ ކޮބައިކަމާއި އެކަމުގެ އަލާމާތްތަކާއި އެކަން މެދުވެރިވުމުގެ ފުރުސަތު ބޮޑު މީހުންނަށެވެ. މިއީ ކޮންމެ އަންހެނަކަށްވެސް އެނގުން މުހިންމު މައުލޫމާތު ތަކެއްކަމުގައި ގަބޫލުކުރަމެވެ.
