ކެއުމުގައި އެކިމީހުން އެކި އާދަތައް ގެންގުޅެއެވެ. އެގޮތުން ދަންވަރަށް ކެއުމަކީވެސް ވަރަށްގިނަ މީހުންގެ އާދައެކެވެ. އެފަދައިން މާ ދަންކޮށްފައި ކެއުމަކީ އޭގެ ސަބަބުން މީހާގެ ނިދިމަޑުކަން ފިލާ ދިއުމުގެ އިތުރަށް އިތުރު އެހެން އުނދަގޫތައް ކުރިމަތި ކުރުވާނޭ ކަމެކެވެ. ހަމަ އެއާއެކު ކޮންމެ ކެއުމަކަށްވެސް ގުދުރަތީ ނިޒާމުން ތަރުތީބުވާ ވަގުތުތަކެއް ވާނެއެވެ. ކެއުމުގައި މި ވަގުތުތަކަށް ފަރުވާތެރިވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކެއުމުގައި ތަރުތީބު ވެފައިވާ ވަގުތުތަކަށް ބުރޫ އަރައިފި ނަމަ އޭގެ ސަބަބުން ހަޖަމުގެ ނިޒާމުގެ އެކި އެކި މައްސަލަތައް ކުރިމަތިވުން ފަސޭހަވެއެވެ. އޭގެތެރޭގައި ވައިގެ އުނދަގުލާއި، މޭއެންދުން ނުވަތަ ގިނިވަޔަކަށް ގެނައުމާއި ހަޖަމުނުވުން ނުވަތަ ހަޖަމު ލަސްވުން ހިމެނެއެވެ.
މުސްކުޅިން ބުނާތީ އަޑުއަހަމެވެ. ކައިގެން 40 ފިޔަވަޅު އަޅާފައި ނޫނީ އޮށޯވެގެން ނުވާނެއެވެ. އާންމުކޮށް މިހެން ބުނެއުޅެނީ ރޭގަނޑުގެ ކެއުމަށް ފަހުގައެވެ. އާދޭހެވެ! އިންސާނާގެ މައިދާ އާއި ގޮހޮރުގައި ކާތަކެތި ހަޖަމުވުން ފަސޭހައީ އިންސާނާގެ ހަށިގަނޑު ކޮޅަށް ހުންނަ ވަގުތުތަކުގައެވެ. އެހެންކަމުން ކެއުމުގެ ފަހުން، އަވަހަށް އޮށޯވެ ހަދާނަމަ ހަޖަމު ލަސްވެ އެނޫން އުނދަގޫތައް ދިމާވާނެއެވެ. މިހެން ދިމާވަނީ އޮށޯވެ ހަދާއިރުވެސް މައިދާގައި ކާތަކެތި ގިނައަދަދަކަށް ހުންނާތީއެވެ.
އާންމުގޮތެއްގައި، ރޭގަނޑުގެ ކެއުމަށްފަހު ނިދުމާއި ނުވަތަ ނިދަން އޮށޯތުމާއި ދެމެދު 2 ނުވަތަ 3 ގަޑިއިރު ހޭދަކުރަންވާނެއެވެ. މި ވަގުތަކީ މައިދާގައި ހުންނަ ކާތަކެތި މައިދާއިން ހުސްވެ ކުޑަގޮހޮރަށް އެޅެން ހޭދަވާ އަންދާޒީ ވަގުތެކެވެ. މިފަދައިން އަމަލުކޮށްފިނަމަ އޮށޯންނަ އިރު މައިދާގައި ކާތަކެތި މަދުވާނެއެވެ. ނަތީޖާ އަކީ އެކިކަހަލަ އުނދަގޫތަކުން ސަލާމަތްވުމެވެ. ޑަކްޓަރުން ފާހަގަކުރާ ގޮތުގައި މިއީ ބަރުދަން އިތުރުވުންވެސް ހުއްޓުވާ، އަރާމު ނިންޖަކުން ނިދުމުގެ ފުރުސަތުވެސް ފަހިވާނޭ ކަމެކެވެ.
ބައެއްކަހަލަ ކާނާ އަކީ އޭގެ ސަބަބުން އިންސާނާގެ ނިންޖަށް ސީދާ އަސަރު ކުރުވާ ޒާތުގެ ކާނާތަކެކެވެ. އެއީ އޭގައި ޓްރައިޕްޓޮފަން ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ ކާނާތަކެވެ. މި މާއްދާއަކީ "މެޓަބޮލައިޒް" ވެ، މެލަޓޮނިން އަދި ސެރޮޓޮނިން އަށް ބަދަލުވާ މާއްދާއެކެވެ. މެލަޓޮނިން އަދި ސެރޮޓޮނިން އަކީ ނިދުން ނުވަތަ އަރާމު ނިންޖަކަށް މަގުފަހިކޮށްދޭ ދެ ހޯމޯނެވެ.
ބައެއް މީހުންނަކީ ދަންވަރަށް، ލުއިކާނާ އަދި ބަންދުކުރި އެކި ކަހަލަ ކެއުންތަކާއި ބުއިންތައް ބޭނުން ކުރާ މީހުންނެވެ. ފަހަރުގައި ބޭނުން ކުރާ މިންވަރު މަދުވެދާނެއެވެ. ނަމަވެސް އަރާމު ކުރުމަށް ގުދުރަތުން ތަރުތީބުވެފައިވާ ރޭގަނޑުގެ ދަން ވަގުތުތަކުގައި ކުޑަ ނުވަތަ މަދުން ނަމަވެސް ކެއުމަކީ ބަރުދަން ފަސޭހަކަމާއި އެކު އިތުރުވާނޭ ކަމެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ. އެހެނީ ދަންވަރު ކާ ކެއުންތައް ހަޖަމުވުމާއި އެއިން ފައިދާ ނެގުމުގައި ހިނގާ މެޓަބޯލިޒަމްގެ ހަރަކާތަށް އަންނަ ބަދަލުތަކަކުންނެވެ.
ނިދުމުގެ ކުރިން ނުވަތަ ރޭގަނޑު ކެއުމެއް ކާނަމަ އެ ކެއުމެއްގައި ހިމަނައިގެން ނުވާނޭ ކެއުންތަކަކާއި ބުއިންތަކެއް ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެތެރޭގައި ފޮނި ކާތަކެއްޗާއި ބޯތަކެތި ހިމެނެއެވެ. އަދި އެކި ކަހަލަ ސޮޑާ ތަކާއި ކެފެއިން ހުންނަ ބުއިންތައް ބުއިން ރަނގަޅެއް ނުވާނެއެވެ. އަދި އެކި ވައްތަރުގެ ޗޮކުލެޓަކީވެސް ރޭގަނޑު ކެއުމުގައި ބޭނުން ކުރުން އެންމެ ރަނގަޅު ބާވަތެއް ނޫންކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ.
މި ބަލާލެވުނީ ރޭގަނޑު ނުވަތަ ދަންވަރު ކެއުމާއި އެކަމުގައި ކަންކުރަންވާނޭ ގޮތާއި ކޮށްގެން ނުވާނޭ ގޮތްތަކަށެވެ. މި މަައުޟޫގައި އަދިވެސް ދެއްކިދާނޭ ކިތަންމެ ވާހަކައެއް ވާނެއެވެ. ނަމަވެސް މިފާހަގަ ކުރެވުނު ނުކުތާތަކަށް އަހަރެމެން އެންމެންވެސް ސަމާލުކަން ދޭނެކަމުގައި އުންމީދުކުރަމެވެ.
