އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ މުޓިނީއޯ ވައްދާލި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި 1-0 އިން އެ ޓީމު އަތުން ވުލްވްސް މޮޅުވެއްޖެއެވެ.
މިއީ 1980 ވަނަ އަހަރުގެ ފަހުން ލީގުގައި ޔުނައިޓެޑްގެ ދަނޑުގައި ވުލްވްސް މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެފަހުން، ޔުނައިޓެޑްގެ ދަނޑުގައި ދެ ޓީމު ބައްދަލުކުރި 10 މެޗުގެ ތެރެއިން ޔުނައިޓެޑް ހަތް މެޗުން މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ ހަތަރުވަނަ އަށް ޔުނައިޓެޑުން އެރުމަށް ކުރަމުން އައި މަސައްކަތްތަކަށް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ. މިވަގުތު ހަތަރުވަނައިގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ. 18 މެޗުން ހޯދީ 33 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ ހަވަނައިގައި އޮތްއިރު، ޔުނައިޓެޑަށް ލިބިފައިވަނީ 31 ޕޮއިންޓާއެކު ހަތްވަނަ އެވެ.
ޔުނައިޓެޑުން ރޭގެ މެޗު ފެށީ ލީގުގައި އެންމެ ފަހުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ބްރޫނޯ ފެނާންޑޭސް ރޭގެ މެޗު ފެށީ ބެންޗުންނެވެ. އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ވިކްޓަ ލިންޑެލޯފްގެ ބަދަލުގައި ރޭގެ މެޗުގައި ޑިފެންސްލައިން ބެލެހެއްޓީ ރަފައެލް ވަރާން އާއި ފިލް ޖޯންސް އެވެ. މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ގޯލަށް އަމާޒުކޮށް ވުލްވްސް އިން 14 ހަމަލާއެއް ފޮނުވާލައިފައިވާއިރު، މި ހާފުގައި އެ ޓީމުގެ ޑެނިއަލް ޕޮޑެންސް އާއި ރުބެން ނެވޭސް ފޮނުވާލި ބޯޅަތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ހުއްޓުވިއެވެ.
ޔުނައިޓެޑަށް ކިރިޔާވެސް މެޗުގެ ތެރެއަށް އެނބުރި އާދެވުނީ ދެވަނަ ހާފުގައި ފެނާންޑޭސް ކުޅެން ނިކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 67 ވަނަ މިނެޓުގައި ނިމެންޔާ މަޓިޗް ދިން ބޯޅައަކުން ފެނާންޑޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ވުލްވްސްގެ ރޮމައިން ސައީސް ފޮނުވާލި ބޯޅަ އަމާޒުވީ ވެސް ގޯލްގެ ހުރަސްދަނޑިއަށެވެ.
މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ވުލްވްސްގެ ލަނޑުޖެހީ ޔުނައިޓެޑްގެ ޑިފެންޑަރު ޖޯންސް ދިފާއުކުރަންވެގެން ބޮލުން ޖައްސާލި ބޯޅައެއް ޕެނަލްޓީއޭރިޔާގެ ބޭރުގައި ހުރި މުޓީނިއޯ އަށް ލިބުމުން ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެންނެވެ.
