ފްރެންޗް ކަޕްގެ 32 ޓީމުގެ ބުރުގައި ރޭ ހަތަރުވަނަ ޑިވިޝަނުގެ ވަނެސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވައްދާލި ހެޓްރިކާއެކު ޕީއެސްޖީން އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.
ޕީއެސްޖީން ވަނީ 2015 ވަނަ އަހަރުގެ ފަހުން ފްރެންޗް ކަޕްގެ އެންމެ ފަހުން ބޭއްވުނު ހަތް މުބާރާތުގެ ތެރެއިން ހަ މުބާރާތް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗަށް ޕީއެސްޖީ ނިކުތްއިރު އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ސްޕެއިނުގެ ފުލްބެކް ހޫލިއަން ބެނާޓް އާއި ގޯލްކީޕަރު ސާޖިއޯ ރިކޯ އަދި ޒުވާން މިޑްފީލްޑަރު ނޭތަން ބިޓޫމަޒާލާ އަށް ވެސް ކޮވިޑްޖެހިގެން ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
ވަނެސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑުޖަހައިދިނީ ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ނޫނޯ މެންޑެސް ނަގައިދިން ކޯނަރަކުން ކިމްޕެމްބޭ މި ލަނޑުޖެހީ ބޮލުންނެވެ.
ޕީއެސްޖީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 59 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރީ ކިމްޕެމްބޭ ދިން ބޯޅައަކުންނެވެ. އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ބޯޅައަކުން ޕީއެސްޖީގެ ތިންވަނަ ލަނޑު، އެމްބާޕޭ ކާމިޔާބުކުރީ ޒަވީ ސިމޮންސް ދިން ޕާހަކުންނެވެ.
އޭގެ ފަސް މިނެޓުފަހުން، އެމްބާޕޭގެ ހެޓްރިކް ފުރިހަމަކުރީ ޖޫނިއާ އެބިމްބޭ އާއެކު ހެދި ވަންޓޫ އަކަށްފަހު އެވެ. މިއީ ޕީއެސްޖީ އަށް ކުޅެދިން 196 މެޗުގައި އެމްބާޕޭ ޖެހި 150 ވަނަ ގޯލެވެ. މިއާއެކު، އެމްބާޕޭ އަކީ އެ ކްލަބުގެ ތާރީޚުގައި 150 ގޯލް ހަމަކުރި ތިންވަނަ ކުޅުންތެރިޔާ އެވެ.
ޕީއެސްޖީ އަށް ދެން އޮތީ ލީގުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗެވެ.
