ފަތުރުވެރިކަމުގެ ރަން ޔޫބީލަށް ޚާއްޞަ "ގޯލްޑަން އިޔަރ ސިމް ޕެކް" އުރީދޫ މޯލްޑިވްސް އިން ތަޢާރަފުކޮށްފިއެވެ.
މި ސިމް ޕެކް ތަޢާރަފުކޮށްދެއްވީ އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ. ޠައްޔިބު ވިދާޅުވީ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބަތުގައި ފަތުވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފު މި ކުރެވުނު ސިމް ޕެކް ވެގެން ދާނީ ފަތުރުވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކަށެވެ.
މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވީ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް މުޅި ޤައުމު ތައްޔާރުވަމުން އުރީދޫ އިން ވެސް ތިބީ އެކަމުގެ އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި ކަމުގައެވެ. އަދި މަގޭ ރާއްޖެ ކަލަންޑަރާއި "ގޯލްޑަން އިޔަރ ސިމް ޕެކް" ތަޢާރަފު ކުރުމަކީ ރަން ޔޫބީލް އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން ކަމުގައެވެ.
އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އަދި ކޮވިޑްގެ ޙާލަތަށް ފަހު، 2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އުރީދޫ އިން ވަނީ "ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފައެވެ. މިއީ އުރީދޫ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އެމް.އެމް.ޕީ.އާރް.ސީ އަދި އޯރކާ މީޑިއާ ގްރޫޕާ ގުޅިގެން ފެށި ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެކެވެ.
