އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ޗެލްސީ އިން އެ މުބާރާތުގެ ފައިނަލާއި ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
ސެމީގެ ދެވަނަ ލެގުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފައިނަލުން ޖާގަ ލިބޭނެއެވެ.
ޗެލްސީން ރޭގެ މެޗަށް ނިކުތީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޗެލްސީގައި ހުރީ ހިތްހަމަޖެހޭ ހާލަތެއްގައި ނޫން ކަމަށް ބުނެ ދާދިފަހުން ދިން އިންޓަވިއުއަކާ ގުޅިގެން ލީގުގައި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން ލުކާކޫ ބާކީކުރިއެވެ. އެކަމަކު، އޭގެފަހުން ލުކާކޫ މައާފަށް އެދުމުން އަލުން ޓީމުން ފުރުސަތު ދިނީ އެވެ.
ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޗެލްސީ އަށް ލީޑްނަގައިދިނީ ކާއި ހަވާޓްޒް އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް މާކޯސް އަލޮންސޯ ދިން ތުރޫ ޕާހަކުން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ޗެލްސީން ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ޓޮޓެންހަމްގެ ޑިފެންޑަރު ބެން ޑޭވިސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްވީ ބޯޅައެއް ސަލާމަތްކުރަން އެ ޓީމުގެ ޑިފެންޑަރު ޖަފެޓް ޓަންގަންގާ ބޮލުން ޖައްސާލި ބޯޅަ ގޯޅްގެ ތެރެއަށް ވަނީ ޑޭވިސްގެ ގައިގަ ޖެހިފައެވެ.
މި މެޗުގައި ޓޮޓެންހަމުން ތަނަވަސްކުރި ފުރަތަމަ ފުރުޞަތުގައި ދެވަނަ ހާފުގެ ކުރީކޮޅު ހިލޭޖެހުމަކުން ހެރީ ކޭން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ މަތަކުރިއެވެ. މި ހާފުގައި ޗެލްސީގެ ލުކާކޫ އާއި ހަކީމް ޒިޔެޗް އަދި ޓިމޯ ވާނާ ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ހުއްޓުވާފައެވެ.
މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ލިވަޕޫލާއި ދެކޮޅަށް އާސެނަލް ކުޅޭ ފުރަތަމަ ލެގުގައި މި މަހުގެ 13 ވަނަ ދުވަހު އެންފީލްޑްގައި ދެ ޓީމު ބައްދަލުކުރާއިރު، އޭގެ ހަތް ދުވަސް ފަހުން ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެމިރޭޓްސް ސްޓޭޑިއަމްގައެވެ.
