އިންސާނާގެ ހަށިގަނޑު އުފެދުމުގައި ބައެއް ގުނަވަންތައް "ޖޯޑު" ހަމަކޮށް އުފެދިފައި ހުރެއެވެ. އެއީ އޭގެ، ދެ ގުނަވަން ވާ ގުނަވަންތަކެވެ. މިސާލަކަަށް އިންސާނާގެ ކަންފަތާއި ލޮލާއި ގުރުދާއެވެ. އަންހެނެއްނަމަ ދެ ބިސްރަވައާއި އުރަމައްޗެވެ. ފިރިހެނެއް ނަމަ ފިރިހެން ހަށީގެ އުރަވަޅީގައި އިންނަ ދެ އޮށެވެ. މިއިން ކޮންމެ ގުނަވަނަކީވެސް އެއިން އެއްގުނަން މަސައްކަތް ނުކުރިނަމަވެސް ނުވަތަ ނެތް ނަމަވެސް ހަށިގަނޑުގެ، ހިނގުމުގެ ތަރުތީބަށް މާބޮޑު ބުރޫއެއް އަރާނޭ ގުނަންތަކެއް ނޫނެވެ.
އާދޭހެވެ! ދައްކަން މިއުޅޭ ވާހަކަ އަކީ ހަޑި ނުވަތަ މުޑުދާރު ވާހަކައެކޭ އިހުސާސް ކުރެވިދާނެއެވެ. ނަމަވެސް މިއީ އިންސާނާގެ ހަޔާތުގައި އެނގިފައި ހުރުން މުހިންމު މައުލޫމާތު ތަކެއްކަން ޔަގީނެވެ. އަދި މިއީ ބައެއް މީހުންނަށް ވަރަށް އަސާސީ މައުލޫމާތުތަކެއް ކަމުގައިވެސް ދެކެމެވެ. އަދި ކިއެއްތަ، މިއީ މޫނާ-މޫނު ދިމާކޮށް ކިޔައިދީ ބުނެދޭން އުނދަގޫ ވާހަކަތަކެއް ކަމުގައި މުޖުތަމައު ގަބޫލު ކުރާތީ، އެ މަައުލޫމާތު ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ލިޔާ ލިޔުމެކެވެ.
އާންމުކޮށް ކޮންމެ ފިރިހެނަކީ އޭނާގެ ފިރިހެން ހަށީގެ އުރަވަޅީގައި ދެ އޮށް އިންނާނޭ ބައެކެވެ. ނަމަވެސް ބައެއް މީހުންނަކީ މި ދެ އޮށުން ކުރެ އެއް އޮށް މަދު ބައެކެވެ. މިހާލަތަށް ޑަކްޓަރީ ބަހުން ކިޔާ އުޅެނީ "މޮނޯކިޒަމް" އެވެ. މި ހާލަތް އެކި މީހުންނަށް އެކިގޮތަށް ކުރިމަތިވެއެވެ. ބައެއްމީހުންނަކީ އުފަންވުމުގައި އެއް އޮށް މަދު ބައެކެވެ. އަނެއްބައި މީހުންނަކީ އުފަންވުމުގައި އެއް އޮށް، "ތިރިއަށް ނުޖެހޭ" މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ އެމީހުންގެ ހަޔާތުގައި އުރަވަޅިއަށް ނުވަތަ އޮށަކަށް ދިމާވާ ކޮންމެވެސް މައްސަލައަކާއި ގުޅިގެން އޮޕަރޭޝަނެއްކޮށް އޮށެއް ނަގާފައިވާ މީހެކެވެ. މިއީ އެކަމަކާއި މެދު، ހާއްސަކޮށް ފިރިހެނުން ވިސްނާނޭ ކަމެކެވެ. އަދި އަމުދުން މިކަމުގެ ސަބަބުން އެމީހަކަށް ދަރިއަކު ލިބޭނޭތޯ ވިސްނާ ވިސްނުންތަކެވެ. ޖިންސީ އެދުންވެރިކަމަށް ބުރޫ އަރާނެތޯ އުފެދޭ ސުވާލުތަކެވެ.
އާދޭހެވެ! އުރަވަޅީގައި ދެ އޮށް ފުރިހަމައަށް ވީ ނަމަވެސް ނުވަތަ އެންމެ އޮށެއް އިންކަމުގައި ވީނަމަވެސް، ފިރިހެން ހަށީގެ މަސައްކަތް ފުރިހަމަ ގޮތުގައި ހިނގާނެއެވެ. އެހެނީ އުރަވަޅީގައި ވާ އެއް އޮށުންވެސް، ފިރިހެނާގެ ޖިންސީ އެދުންވެރިކަމަށް ބޭނުންވާނޭ ހޯމޯން (ޓެސްޓިސްޓިރޯން) އުފައްދައިދޭނެއެވެ. އެހެންކަމުން އުރަވަޅީގައި އެއްމެ އޮށެއް އިން ނަމަވެސް، ޖިންސީ އެދުންވެރިކަމާއި، ދަރިފަނި އުފެދުމާއި، ދަރިފަނި ބޭރުވުމުގައި އެއްވެސް އުނދަގޫކަމެއް ދަތިކަމެއް ނުހުންނާނެއެވެ. އަދި އުރަވަޅީގައި އެންމެ އޮށެއް އިންނަ ފިރިހެނާގެ ދަރިފަންޏަކީ އޭގެ ތަބީއަތުގައި ބާރު ދެރަ ނުވަތަ ބަލިކަށި ދަރިފަންޏެއް ނޫނެވެ. އެހެންކަމުން މިހާލަތުގައިވާ ފިރިހެނާގެ ފުށުން، އޭނާގެ އަންހެނުން ދަރިމައިވުމުގައި އެއްވެސް ދަތިކަމެއް އުނދަގޫކަމެއް ނުހުންނާނެއެވެ. ނަމަވެސް ދަރިމައިވުމުގައި ދަތިތަކެއް ކުރިމަތިވާނަމަ ޑަކްޓަރުގެ އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ. ދުޅަހެޔޮ ސިއްހަތުގައިވާ ފިރިހެނާގެ ފުށުން (އުރަވަޅީގައި އެއް އޮށް އިންނަ ދުޅަހެޔޮ ފިރިހެނާގެ ފުށުން) ދަރިމައިވުމަށް ދަތިތަކެއް ކުރިމަތިވުމީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ސިއްހީގޮތުން ބަލިކަށި ފިރިހެނާ ނުވަތަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއް ހުންނަ މީހެއްގެ ފުށުން ދަރިމައިވުމަށް ބުރޫ އަރާފާނެއެވެ.
ކަން އޮތީ މިހެން ކަމުގައި ވުމުން، ކޮންމެވެސް ސަބަބަކާއި ހުރެ އުރަވަޅީގައި އެއް އޮށް އިންނަ ދުޅަހެޔޮ ފިރިހެނާ މާޔޫސްވާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އަކީ ޖިންސީގޮތުން ދުޅަހެޔޮ މީހެކެވެ. މިއީ އެއްގޮތަކަށްވެސް ދެރަވާންވީ ކަމެއް ނޫނެވެ. މާތް ﷲ އިންސާނުން ހައްދަވާފައިމިވަނީ ވަރަށްވެސް ފުރިހަމަ ގޮތުގައެވެ. މިއީ ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް އެތައް އިބުރަތްތަކެއް ލިއްބައިދޭނޭ ދަރުސްތަކެކެވެ.
