ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ. ހުރަވީ ދުވަހަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) އިސްވެ ހުންނަވައި، ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ.

ހޮޅީންނަކީ އިންޑިޔާގެ ދެކުނު އައްސޭރިފަށުގައި އުޅުނު ބައެކެވެ. އެމީހުންގެ ވެރި ރަށަކީ އިންޑިޔާގެ ކާލީކަޓެވެ. ހޮޅީންނަށް މަލާބާރީންނޭ ވެސް ކިޔައެވެ. ހޮޅީން ރާއްޖެ އަޅުވެތިކުރީ، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންވިތާ ގާތްގަނޑަކަށް 170 އަހަރު ފަހުންނެވެ. އެގޮތުން ހިޖުރައިން  1166 ވަނަ އަހަރުގެ ޞަފަރު މަހު 13 (20 ޑިސެންބަރު 1752) ވަނަ ދުވަހުގެ ރޭ މެންދަމު ހޮޅީންގެ ލަޝްކަރެއް މާލެ އަރައި ކޮއިލުތެރެއަށް ވަނެވެ. އޭރު ކޮއިލުތެރެ ބަލަހައްޓާ މީހުން ވެސް ތިބީ ނިދާފައި ކަމުން އެ މީހުންގެ ގަޔަށް ބަޑިޖަހައި، މީހުންތައް މަރައި ގަނޑުވަރު ހިފިއެވެ. އެހެންކަމުން ދުޝްމަނުންގެ ކިބައިން ސަލާމަތްވެ ވަޑައިގަތުމަށްޓަކައި ރަދުން އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. އެއަށްފަހު ވަޒީރުންނާއި، ލަޝްކަރީންގެ މީހުން ފޮނުއްވައިގެން މަލާބާރީން ގަނޑުވަރު ތެރޭން ނެރުއްވަން މަސައްކަތް ކުރެއްވުމުން އެމީހުން ނާބުސްޚާނާގައި ރޯކޮށްލިއެވެ. މި އަލިފާންގަނޑު ފެތުރިގެން ގޮސް މާލޭގެ ދެބައިކުޅަ އެއްބައި އަނދައިގެން ދިޔައެވެ.  އޭރު ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން ސުލްހައަށް އެދިވަޑައިގަތުމުން އަތުލައިގަނެގެން ގެންގޮސް އެ މީހުން މާލެ އެރި އޮޑިއަށް ލިއެވެ. ރަދުންގެ އިތުރުން ވަލީއަހުދާއި، ބައެއް ވަޒީރުން ވެސް އޮޑިއަށް ލައިގެން މަލާބާރު ކަރައަށް ގެންދިޔައެވެ. އޭގެ ފަހުން މާލޭގައި އެބައިމީހުންގެ ވެރިކަން ޤާއިމު ކުރީ ކަމަށް މަޑުލު މުޙައްމަދު ވަހީދު (2009) ބަޔާންކުރައްވާފައިވެއެވެ.

ހޮޅީންނަށް ދިވެހިރާއްޖެ އަޅުވެތިކުރެވުނީ ޤައުމަށް ޚިޔާނަތްތެރިވި ދެ ދިވެހީން ކަމަށްވާ މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙްޔިއްދީނު، އަލީރާޖާއަށް ސިޓީއެއް ފޮނުއްވައި ދިވެހިރާއްޖެ ހިއްޕަވައި އިސްލާމްދީން ސަލާމަތްކޮށްދެއްވުމަށް ދަންނަވައި، އެކަމަށް ބާރުއެޅުއްވުމުގެ ސަބަބުންނެވެ. މި ދެ ބޭކަލުންނަކީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންނެވެ. ހަމައެހެންމެ މުޙައްމަދު ޝަމްސުއްދީނަކީ އޭރު މާލޭގައި ހުންނެވި ފަނޑިޔާރު މަނިކުފާނެވެ.

ހޮޅީންގެ އަޅުވެތިކަމުގައި ދިވެހީން ހޭދަކުރީ ބިރުވެރިކަމާއި އަނިޔާވެރިކަމުން ފުރިގެންވީ ދުވަސްތަކެކެވެ. ތަންތަން ލޫޓުވައި، ހައްޤަކާނުލާ މީހުންނަށް އަނިޔާކޮށް، މީހުންގެ މުދަލަށް ގެއްލުންދިނުން ފަދަ ކިތަންމެ އަމަލެއް އެދުވަސްވަރު ހޮޅީން ހިންގަމުން ގެންދިޔައެވެ. މީގެ އިތުރުން މާލެ ހިފުމުގައި ހޮޅީންނަށް އެހީތެރިވެދެއްވި މުޙައްމަދު ޝަމްސުއްދީނާއި، އަލްޚަޠީބު އަޙްމަދު މުޙުޔިއްދީނަށް ވަރަށް ބޮޑަށް އަނިޔާކުރައްވައި އެ ދެ ބޭފުޅުން ކަނޑުފައްތައި ޤަތުލުކުރީ ކަމަށް ބުނެވެއެވެ. މަލާބާރީން ބުނިކަމަށް ވަނީ، އުފަން ޤައުމަށް ޣައްދާރުވި ބަޔަކު އެމީހުންނަށް ވަފާތެރިނުވާނެ ކަމަށެވެ.

މި އަނިޔާވެރިކަމުން ދިވެހީން ސަލާމަތް ކުރެއްވުމަށް އިސްނެންގެވީ މުލީގޭ ދޮންހަސަންމަނިކުފާނު ނުވަތަ ދޮންބަންޑާރައިންނެވެ. ދޮންބަންޑާރައިންނަކީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލެކެވެ. މަންމާފުޅަކީ މ. މުލީ ޚަތީބު މުޙައްމަދުގެ ދަރިކަނބަލުން ކުޑައާމިނަތު މަނިކުފާނެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު މުޙައްމަދު ފާމުލަދޭރި މަނިކުފާނަކީ  އޭރު ރަސްކަމުގައި ހުންނެވި މުކައްރަމު މުޙަންމަދު ޢިމާދުއްދީންގެ އެންމެ އިސް އެހީތެރިޔާއެވެ. ހޮޅީން ރަސްގެފާނު އަތުލައިގަނެގެން ގެންދިޔައިރު، ދޮންބަންޑާރައިންގެ ބައްޕާފުޅު ވެސް ގެންދިޔައެވެ. އޭނާ އަވަހާރަވީ ހޮޅީންގެ އަތްދަށުގައި ހައްޔަރުވެފައި ހުންނަވަނިކޮށެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސް ވީތަނާ އެބައިމީހުންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވުމަށްޓަކައި ދޮންބަންޑާރައިން ވިސްނާވަޑައިގެން، އެ ޒަމާނުގައި ހެވިކަމަށް އެންމެ ކުޅަދާނަ ބޭބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. ގާތްގަނޑަކަށް ފަސްދޮޅަހަކަށް ހަނގުބޭކަލުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ވަރަށް ސިއްރިއްޔާތުގައި ތައްޔާރުކުރެއްވިއެވެ. އެއަށްފަހު ހޮޅީންގެ ވެރިކަމުގެ ކިއްލާ ކަމަށްވާ ވެޔޮދޮށު ގަނޑުވަރުގެ ދޮރުވާނާ ވާހަކަދައްކައިގެން ދޮރޯށި ހުޅުވޭނެ ގޮތް ހަމަޖެއްސެވިއެވެ. އޭރު ހޮޅީންގެ އާދައަކީ ރޭގަނޑު ރާބޮއި މަޖާކުރާން ތިބެފައި، މުނާޖާ ގޮވުމުން ނިދުމެވެ. އެހެންކަމުން މުނާޖާ ގޮވާމީހާއާ ވާހަކަދައްކައިގެން އެ ރޭގެ މުނާޖާ ގޮވުން ވެސް އަވަސްކުރުމަށް ރޭވުނެވެ.

ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރުމަހުގެ 3 ވީ އާދިއްތަ ވިލޭރޭ ކަނޑައެޅިފައިވާ ގޮތުގެ މަތީން މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮއްވިއެވެ. އެއާއެކު ހޮޅީންގެ ވެރިއަކަށް ހުރި މުޙައްމަދު ބަންޑޯރާއި، ގަނޑުވަރުގައި ތިބި އެންމެން މަޖާކުރުން ހުއްޓާލުމަށްފަހު މަސްތުގެ ހާލުގައި ތިބެ ނިދައިފިއެވެ. އޭރު ދޮންބަންޑާރައިންނާއި އޭނާގެ ލަޝްކަރު އޮތީ، ގަނޑުވަރަށް ވަނުމަށްޓަކައި ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެބައިމީހުން ނިދައި ހަމަޖެހުމުން ދޮންބަންޑާރައިން އިސްވެ ހުންނަވައި، ދޮރުވާނުގެ އެހީތެރިކަމާއެކު، ލަޝްކަރު ގަނޑުވަރު ތެރެއަށް ވަނެވެ (މުޙައްމަދު ޤާސިމް، 2016).

ދޮންބަންޑާރައިންގެ ހިތްވަރުފުޅު ގަދަ ޙަމަލާގައި ހޮޅީންގެ ވެރިޔާ މަރާލިއެވެ. އިސާހިތަކު ހޮޅީންނާ ހަނގުރާމަކުރައްވާ އެބައިމީހުން ބަލިކުރެއްވިއެވެ. ދުޝަމަނުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު ސަލާމަތްކޮށް، ދިވެހީންނަށް މިނިވަންކަމާއި ރައްކާތެރިކަން ހޯއްދަވައިދެއްވިއެވެ. އެއީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަކުރަމުން އަންނަ ދުވަހަކީ މިއެވެ. މިދުވަހަށް ހުރަވީ ދުވަސް ކިޔުއްވާފައި ވަނީ އެ މަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިޞްބަތްވާ ބޭފުޅަކަށްވާތީއެވެ.

ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުން، މާލޭ ރައްޔިތުން ދޮންބަންޑާރައިންނަށް 20ހާސް ލާރި ވެދުމަށް އަރުވާފައި ރަސްކަން ޤަބޫލުކުރެއްވުމަށް ދެންނެވިއެވެ. ނަމަވެސް އެއިން އެންމެ ލޯ ލާރިއެއް ވެސް ޤަބޫލުނުކުރައްވައި، ހަވަރަށް ބަހާލާށޭ ވިދާޅުވިއެވެ.  ހަމަ އެހެންމެ ހޮޅީން ގެންދިޔަ ރަދުންގެ ޚަބަރެއް ވަންދެން އެ ރަދުންގެ ނަމުގައި ޤައުމު ހިންގަވަން ހުންނަވާފާނަމޭ ވިދާޅުވިއެވެ.  

މި ގޮތުގެ މަތިން ޤައުމު ހިންގަވަން ހުންނެވި ދުވަސްވަރު ތިން ފަހަރެއްގެ މަތިން ރާއްޖެއާ ތޮޅެން އަލީރާޖާ ފޮނުވި ދުޝްމަނުންނާ ދޮންބަންޑާރައިންނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދުޝްމަނުން ބަލިކުރައްވައި، ދިވެހިންނަށް ކާމިޔާބު ހޯއްދަވައިދެއްވިއެވެ.  އެއިން ލަޝްކަރަކަށް ކާމިޔާބެއް ނުލިބެއެވެ. ކޮންމެ ފަހަރަކު ވެސް ދޮންބާރައިން އިސްވެ ހުންނަވައިގެން ހަނގުރާމަ ކުރައްވައި، ދުޝްމަނުން ބަލިކުރެއްވީއެވެ.

ހޮޅީންގެ އޮޑިއަށް ލައިގެން ކަރައަށް ގެންދެވި ރަދުން އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމުން، ރާއްޖޭގެ ރަސްކަމާ ދޮންބަންޑާރައިން ޙަވާލުވެވަޑައިގަތީ 15 ރަބީޢުލްއާޚިރު 1173 ގައެވެ. މި ރަދުންގެ ކޮލީ ނަންފުޅަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. މިއީ ރާއްޖޭގައި ރަސްކަންކުރެއްވި އެންމެފަހު ދަރިކޮޅުކަމަށްވާ ހުރަވީ ދަރިކޮޅުގެ ފެށުމެވެ. ދޮންބަންޑާރައިން ޢަދުލުވެރިކަމާއެކު ރާއްޖޭގައި 7 އަހަރު ރަސްކަން ކުރެއްވިއެވެ. މި ރަދުން އަވަހާރަވީ 9 ރަމަޟާން 1180 ގައެވެ. އަވަހާރަވީއިރު އަނބިކަނބަލަކާއި ތިން ދަރިކަލުން ތިއްބެވިއެވެ. އެ މަނިކުފާނު ފަސްދާނުލެވުނީ، މާލޭ ހުކުރު މިސްކިތު ސަރަޙައްދުގައި ހުރި އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.