އިންސާނާގެ ތަބީއަތަކީ އަބަދުވެސް މީހުންގެ ކަންކަން ހޯދައި އޮޅުން ފިލުވުމަށް ލޯބިކުރާ ތަބީއަތެކެވެ. ކަންކަމުގެ ހަބަރު އޮޅުން ފިލުވައި މީހުންގެ ހަބަރު ދަބަރު ހޯދުމަކީ އެހާމެ ކުރާހިތްވާ ކަމެކެވެ. މި ބީދައިން ބަލާނަމަ އުޅެން ޖެހިފައިވާ މާހައުލުގެ ކުޑަކަމާއި މީސްކޮޅު މަދު ވުމުން ރާއްޖޭގައި އެކެއްގެ ގޭގައި ހިނގާ ކަންތައް އަނެކާގެ ކަންފަތާއި ހަމަޔަށް ރޮކެޓު ސްޕީޑުގައި ދާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އޭނާގެ ދަރި އުޅޭގޮތާއި، އޭނާގެ ފިރިމީހާ ކުރާކަންތަކާއި، އޭނާ ލާރި ހޯދާ ގޮތާއި މިފަދަ މިފަދަ ކަންކަމަކީ ޒަމާނުއްސުރެ ގޭގެގެ ހޮޅުވަށީގަޔާއި ޖޯލިފަތި ތަކުގަޔާއި ސައިހޮޓާ މޭޒުތަކުގައި ނުހަނު ފޯރީގައި ދެކެވޭ ވާހަކަ ތަކެވެ. އެޒަމާން ފަހަނަ އަޅައި ގޮސް މިއަދު މިއޮތީ ޒަމާން ތަރައްގީވެ ޖޯލިފަތި ތަކުގައި ދެކެވުނު ވާހަކަތައް އިންޓަނެޓުގެ އެކި އެޕްލިކޭޝަން ތަކާއި ކޮފީ މޭޒުތަކަށް ބަދަލުވެފައެވެ. ބުލީ ކުރުމާއި، މީހުންގެ ނެތިމޮށުމާއި، މަލާމަތް ކުރުމާއި ނުބެހޭ ކަންތަކާއި ބެހުން އޮތީ ހަމަ ރަނގަޅަށްވެސް މެކުހަށް ޖަހާފައެވެ. މިކަމުގައި ވަކި ޖިންސެއް އުމުރެއް ތަފާތު ކުރުމެއް ނެތެވެ. ވަކި ވަޒީފާއެއް މަގާމެއް ތަފާތު ކުރުމެއް ނެތެވެ.
މިކަން މިހެން އޮތް އިރު ދެން އޮތީވެސް ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. މަގެއްގެ މަތިން ރައްޓެއްސެއް ދިމާވިޔަސް ތިމާގެ މީހެއް ދިމާވިޔަސް ސަލާން ގަލާން ކޮށްލުމުގެ ބަދަލުގައި " އޭ ހާދަ ފަލަ ވެއްޖޭ މިހާރު! ކޮބާ ދަރިޔަކު ނުހޯދަންތަ؟ ހާދަ ކަޅުވެފައޭ ތިހިރީ!! " މި ކަހަލަ ހިތް މަރާލައި އަނެކާ މާޔޫސް ވާ ކަހަލަ އެއްޗެއް ބުނެ ނުލައިދާނީ މަދުފަހަރަކު އެވެ. އުފެދޭ ސުވާލަކީ މިފަދައިން ކަންކުރާއިރު އަނެކާގެ ހިތައް އަރާ ފައިބާނެ އެއްޗެހި ހަމަ ނޭނގެނީ ބާވައެވެ. ނޫނީ ތިމާ އާއި ދިމާލަށް މީހަކު މިފަދަ ގޮތް ގޮތަށް ވާހަކަ ދައްކާ ހަދައިފި ނަމަ ތިމާއަށް ކުރާނެ އަސަރު އަމިއްލައަށް ވިސްނާ ނުލެވެނީ ބާވައެވެ.
ސައްތައިން ސައްތަ މުސްލިމުގައުމެއްގައި އިސްލާމުންގެ ގޮތުގައި ތިބެ މުސްކުޅި ވާއިރު ދީނުގައި މީހުންގެ ނެތި މޮށުމައި ޣީބަ ބުނުމާއި މީހުން ހިތް ނުރުހޭ ގޮތަށް އެއްޗެހި ބުނެ ހެދުމުގެ ނުބައިކަން ބަޔާން ކޮށްދީފައިވާ މިންވަރު ނޭންގެނީ ބާވައެވެ.
ޣީބަ ބުނުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން މާތްﷲ ޥަޙީ ކުރައްވަނީ:
وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ
މާނައީ: ” އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. “
ކީރިތި ގުރުއާނުގައި ކަނޑައެޅިގެން މިކަމުގެ ނުބައިކަން ބަޔާން ކޮށްދެއްވާކަމީ ކަމުގެ ނުބައި ކަމާއި ފިތުނަވެރި ކަމުގެ ބޮޑުކަން އަންގައިދޭ ދަލީލެކެވެ.
ދެން ބައެއް މީހުން ނިކަން ބާރުލާފައި ބުނާ ވާހަކައެއް އޮވެއެވެ. ތިމަންމެން މިދައްކަނީ މީހަކު ނުކުރާ ކަމެއްގެ ވާހަކައެއް ނޫނެވެ. ނޫނީ ދޮގުހަދައިގެން ދައްކާ ބުހުތާނު ވާހަކަ ތަކެއްވެސް ނޫނެވެ. މިއީ ހަމަ ހަގީގަތުގައިވެސް ކަން ހިންގާ ނޫނީ ކަން ހިނގާފައިވާ ގޮތެވެ. މިހެން ބުނާ ފަރާތް ތަކުން އަންނަނިވި ހަދީޘް ބަސްފުޅަށް ވިސްނާލުން މުހިންމެވެ.
ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
” ޣީބަ ބުނުމަކީ ތިމާގެ މިސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ދެން ޞަޙާބީއަކު އެއްސެވިއެވެ. ” އެކަމަކު ތިމަންމެން ހަދަނީ ތެދުކަމުގައި ވަނީނަމަވެސްތޯއެވެ؟ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. ” ކަލޭހެދީ ތެދު ކަމުގައިވަނީ ނަމަ ކަލޭ ޣީބަ ބުނެފިއެވެ. އަދި ކަލޭ ހެދީ ދޮގު ކަމުގައިވާނަމަ ކަލޭ އަބުރާބެހެފިއެވެ. “
ވިމާ ތިމާ ދައްކާ ވާހަކަ ތަކަކީ ތެދުކަމުގައި ވީނަމަވެސް އެކަމަކީ އަނެކާގެ ހިތް ނުރުހޭ ކަމެއް ކަމުގައި ވަނީނަމަ އެވާހަކަ ދެއްކުން ހިމެނިގެން މިދަނީ ޣީބަބުނުމުގެ ތެރޭގައެވެ. ހަމަ އެޔާއި އެކުގައި ޣީބަބުނުމަކީ ހަމައެކަނި ތިމާގެ ދުލުން އެކަނި ކުރެވޭ ކަމެއް ނޫނެވެ ލިޔެވޭ ލިޔުމަކުން ކުރެވޭ އިޝާރާތަކުންވެސް މިކަން ކުރެވިދާނެއެވެ.
މިގޮތުން އެއްދުވަހަކު ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ގެއަށް އަންހެނަކު ޒިޔާރަތްކުރިއެވެ. އެ އަންހެންމީހާ އެނބުރި ދިއުމުން އެއީ ކުރު އަންހެނެކޭ ބުނުމުގެ ނިޔަތުގައި އެކަމަނާ އަތުން ޢިޝާރާތް ކުރެއްވިއެވެ. އެތަން ދެކެވަޑައިގެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ކަމަނާ ޣީބަ ބުނެފިއެވެ. “
ވީމައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އަޑުލައި ރާގުރާގަށް ދެކެވޭ ވާހަކަތަކާއި ކުރެވޭ ކޮމެންޓުތަކުގައިވެސް އަކެކާ ހިތް ނުރުހޭ ގޮތައް ދެކެވޭ ވާހަކަ ތަކައީ ހަމަ ޣީބަ ބުނުމެވެ. މިކަމަކީ ވަޒީފާއާއި މަގާމާއި ޖާހާއި ކިތަންމެ ބޮޑުކަމުގައި ވީނަމަވެސް، ކިތަންމެ މޮޅު މީހަކު ކުރި ކަމުގައި ވީނަމަވެސް ހަމަ ނަހީ ކުރައްވާފައިވާ ކަމެކެވެ. އަދި ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދުނިޔޭގެ އެންމެން އެކަމެއް ކުރިނަމަވެސް ދީނުގައި ނަހީ ކުރައްވާފައިވާނަމަ އެކަމަކީ ހަމަ ނުބައި ކަމެކެވެ. ނަމަވެސް މިހާރު ގިނައިން ފެންނަ މަންޒަރަކީ އެންމެން ކުރާތީ އެކަމަކީ ކިތަންމެ ގޯސް ކަމެއް ނަމަވެސް އެކަމަކީ ރަނގަޅުކަމެއް ނޫނީ އާދައިގެ ކަމެއްގެގޮތުގައި ދެކިގެން އެކަންކަން އާންމުވެގެން ދާތަނެވެ.
ދީނުގައި ހަމަ އެކަނި އިންސާނާގެ އަގީދާ ފުރިހަމަ ވަނީ އިސްލާމްދީނުގެ ވަކި ރުކުން ތަކަކާއި ވަކި ވާޖިބު ތަކަކާއި ވަކި ސުންނަތް ތަކަކަށް އެކަނި ބޯލަނބައިގެނެއް ނޫނެވެ. އިސްލާމް ދީނުގައި އެކަމެއް ނަހީ ކުރައްވައިފައިވާނަމަ އެކަމަކީ އެކަމެއްގެ ގެއްލުން ބޮޑުކަމެއްކަން ވިސްނާ ފިކުރު ކުރާ ބަޔަކަށް އެނގޭނެއެވެ. ކިތަންމެ އަޅުކަމެއްކުރި ކަމުގައިވީނަމަވެސް، މި ކުރެވެނީ ކުޑަކަމެކޭ ހިތައި ކުރެވޭ ކަމެއްގެ ސަބަބުން ތިމާގެ ފާފަ އަނެކާގެ ފާފަޔަށް ވުރެ ބޮޑު ވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ދުލުން ބޭރު ކުރެވޭ ބަހަކީވެސް ގޯސް ގޮތުގައި ބޭނުން ކުރާނަމަ ތިމާ އެކަމާއި މެދު ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމަކާއި މެދު ހިތާމަ ކުރަން ޖެހިދާނެ ކަމެކެވެ. މިކަމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘްކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ.
” އެއްވެސް ވިސްނުމަކާ ނުލާ މީހެއްގެ ދުލުން ބޭރުކުރާ ބަސްތަކެއްގެ ސަބަބުން އިރުމަތީ ފަރާތާއި ހުޅަނފު ފަރާތާއި ދެމެދުގައިހުރި ދުރުމިނަށް އޭނާ ނަރަކައިގެ ތެރެއަށް އެއްލައިލެވޭނެތެވެ. “
މިއަދު ތިމާ މީހުންގެ ވަހަކަ ދައްކާއިރު މާދަމާ އެމަގާމުގައި ތިމާ ހުންނަން ޖެހުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ. ދުނިޔެ ހިނގާ ގޮތަށް ބަލާއިރު މީ ކަން ހިނގަމުންވެސް އަންނަގޮތެވެ. ދުނިޔެ ދައްކަމުުން އަންނަ ހަގީގަތެވެ. ވީމާ ތިމާއާއި ނުބެހޭ ކަންތަކާއި ނުބެހި ތިމާގެ ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތް ކުރުމަށް ވިސްނަމާތޯއެވެ. އަނެކާގެ ކުށްހޯދައި އެޔަށް ބަސްކިޔުމުގެ ކުރިން ތިމާގެ ހުރި އުނިކަންކަމާއި އެކަންކަން އަނެކާޔަށް އެނގެން ބޭނުން ނުވާނެ ފަދައިން އަނެކާވެސް އެކަން ނޭދޭނެކަން ވިސްނާލަމާތޯއެވެ. މީހެއްގެ ހިތް ނުރުހޭ ބަހެއް ބުނުމުގެ ބަދަލުގައި މީހެއްގެ ހިތްހަމަ ޖައްސާލަދީ އެމީހާގެ ދުވަސް އުޖާލާވާނެ ފަދަ ބަސްބަސް ބުނުމަށާއި ކަންކަން ކުރުމަށް އިސްނަގަމާ ތޯއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ދާދި ކުޑަ ހިނދުކޮޅެއްގެ ވަގުތީ މަންޒިލަކަށްވާއިރު ނުރުހުމާއި ހިތްނުތަނަވަސް ކަމާއި މީހުންގެ ނަފްރަތު ހޯދައި ގަތުމުގެ ބަދަލުގައި އެކަކު އަނެކަކަށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ ނަޒަރުން ބެލުމަކީ ތިމާގެ އަދި އަނެކާގެވެސް ދިރިއުޅުން ބާއްޖަވެރިވެގެން ދާނެކަމެކެވެ.
