ދުނިޔެ ތަރައްގީވެ ތަހުޒީބު ވެގެން ދިޔުމާއި އެކު އަހަރުމެންގެ ދިރިއުޅުމާއި ވައްޓަފާޅި އާއި ބޭނުން ތަކަށްވެސް މިވަނީ ވަރަށް ބޮޑުތަނުން ބަދަލު އައިސްފައެވެ. ދިރިއުޅުމުގެ ކަންކަން ފަސޭހަވެގެން ދިޔުމާއި އެކުއެކީ ދިރިއުޅުމުގެ ހަރަދުތައް މިވަނީ އިންތިހާޔަށް ބޮޑުވެގެން ގޮސްފައެވެ. ނިދެނީވެސް، ކެވެނީވެސް ބޮވެނީވެސް ނޫނީ ދިރި މި ތިބެވެނީވެސް އެތައް ހަރަދުތަކެއް ކޮށްގެނެވެ. ކާއެއްޗެހިން ފެށިގެން ލާން ގެންގުޅޭ އަންނައުނާއި ބޯން ބޭނުންކުރާ ފެންފޮދުވެސް މި ލިބެނީ ލާރިތަކެއް ހަރަދު ކޮށްގެނެވެ.

ދިރިއުޅުމުގެ ކަންކަން ފަސޭހަވެގެން ދިޔަ އިރު މިއަދު މިވަނީ ފައިސާ އާއި މާއްދިއްޔަތުގެ އަޅުވެތި ކަމަކަށް ވެއްޓިފައެވެ. ތަރައްގީއާއި ތަހުޒީބާއި އެކުގައި އިންސާނާގެ ކިބައިގައި ހުންނަންޖެހޭ ވަރަށްގިނަ ރިވެތި އާދަތަކާއި އަދަބު ތަކާއި މިވަނީ ދުރުހެލިވެފައެވެ. ލިބޭ މިންވަރަށް އީމާން ވުމާއި، އިސްރާފު ނުކުރުމާއި، ޝުކުރުވެރި ވުމާއި، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި އިހްލާސްތެރިކަންވެސް މިވަނީ އޮޔާލެވިފައެވެ. ދިރިއުޅުމުގެ ބަދަލުގައި ދިރި "ތެޅެނީ"އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތިމާގެ ދިރިއުޅުން ތިމާޔަށް ލިބޭ މިންވަރަށް ބައްޓަން ކުރުމުގެ ބަދަލުގައި އަބަދުވެސް ބެލެނީ އަނެކާ ދިރިއުޅުމަށެވެ. ފެންނަފެނުމަށް ހީވަނީ ގިނަ މުދަލާއި،  އަގުބޮޑެތި ސާމާނު ގެންގުޅެވެނީ ކާކަށްތޯ ބެލުމަށް ރޭހެއްގައި އުޅޭހެނެވެ. މާއްދީޔަތުގެ ފަރުދާއެއް ލޮލުގައި އެޅިފައިވާއިރު ތިމާގެ ކުރިމަތީ ތިމާގެ ދިރިއުޅުން ވެއްޔަށްވެ،ދަރިންކޮޅު ހަލާކުވެ، ކައިވެނިތައްރޫޅި ތިމާ މީހާ ދަރަނިވެރިވެގެން ދާއިރުވެސް ރޭކާ ނުލައެވެ.

އިސްރާފްކުރުމާއި ނުލިބޭ މިންވަރުން ހަރަދު ކުރުންވެސް މިވަނީ އިންތިހާއަށް ގޮސްފައެވެ. ކެއިންބުއިމުން ފެށިގެން ލާ އަންނައުނާއި ގެންގުޅޭ ފޯނާއި ދަރިންގެ ކިޔެވުމަށް ކުރާ ހަރަދު ތަކުގައިވެސް އިސްރާފް ކުރުން ވަނީ އިންތިހާގައެވެ. ގޭގައި ކެއްކުމުގެ ބަދަލުގައި ނުވަތަ ކައްކާފައި ހުރި ކަމުގައި ވީނަމަވެސް ރެސްޓާރަންޓް ތަކާއި ތައްޔާރީ ކާނާ ތަކަށް ގިނަ ބަޔަކު މިވަނީ ދެވިހިފާފައެވެ. އަތުގައި ބޭނުން ކުރެވޭ ރަނގަޅު ފޯނެއް އޮތް ކަމުގެއި ވީނަމަވެސް އަލަށް ހަމަ ފޯނެއް ބަޒާރަށް ނެރޭ އިރަށް ލޯނު ނަގައިގެން ދަރާވިކިގެން ކަމުގައި ވީނަމަވެސް އެފޯނެއް އަތުގައި ނެތިއްޔާ ލޮލަށް ނިދި ނާންނަ މީހުންވެސް މަދެއްނޫނެވެ. ދަރިފުޅު ސްކޫލަށް ފޮނުވާއިރު އަނެކާގެ ދަރިފުޅު މާއަގުބޮޑެތި ސާމާނު ގެންދާތީ ނުވާވަރުން ދަރިންނަށް މިފަދަ ހަރަދުތައް ކޮށްދޭ މައިންބަފައިންވެސް މަދެއްނޫނެވެ. އެއްގޮތަކަށްވެސް މި ބުނަނީ ތިމާގެ ހިތްހަމަޖެހުމަށް ހަރަދު ނުކުރާށެކޭ ނޫނެވެ. ނަމަވެސް އިސްރާފްކޮށް ތިމާއަށް ނުލިބޭ މިންވަރުން ކަންކަން ނުކުރުމަށެވެ.

ތެދެކެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ ދިރިއުޅުމުގެ އަގު ބޮޑު ގައުމެކެވެ. އެހެން ވުމާއިއެކު ލިބޭ އެއްޗަކުން ދިރިއުޅުން ކިރިޔާ ދެކޮޅު ޖެހޭ ވަރުވަނީވެސް ވަރަށް މަދުބަޔަކަށެވެ. ކަން މިހެން އޮތްއިރު ހަރަދު ކުރުމުގައި ވިސްނާ ނުލުމާއި އިގްތިސާދު ނުކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ މަހުގެ އެއް 15 ނިމޭ އިރު ޖީބު ހުސްވެ ލޭންދޭނަށް ތަކެތިނަގައި ދަރަނިވެރިވެގެން ދިޔުމެވެ.އަބަދުވެސް އަޑުއިވެނީ މަދު ވާހަކައެވެ. ގިނައިން ބެނުންވާ ވަހަކައެވެ. ހިތް ނުފުރޭ ވާހަކައެވެ. ދަރިންނަށްވެސް ޝުކުރުވެރި ވުމަށް ނަސޭހަތްތެރިވެ ކެތްތެރި ވުމަށް ބުނެދިނުމުގެ ބަދަލުގައި އަމަލާއި ބަހުން އެކުދިންނަށްވެސް ދައްކުވައި ދެވެނީ މާއްދިއްޔަތާއި ގާތް ދީނާއި ދުރު ކަންކަމެވެ.

ޔޫސުފް ސޫރަތުގެ 47 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ

"ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީ އެވެ."

މި އާޔަތުންވެސް އެންގިގެން މިދަނީ ލިބޭވަގުތުގައި އިސްރާފް ނުކޮށް އިގްތިސާދު ކުރުމުގެ މުހިންމުކަމެވެ.

މިއަދު ތިމާއަށް ކިތަންމެ ބައިވަރު މުދަލާއި ފައިސާ އަދި މާއްދީ ކަންކަން ފުރިހަމަ ވެފައި ވީނަމަވެސް އެސްފިޔަ ހަރަކާތް ކޮށްލާހައި ބާރު މިނުގައި އެހުރިހައި ކަމެއް ނެތިވެގެން ދިޔުމަކީ ދުރުގައިވާ ކަމެއްނޫނެވެ. ގުދުރަތީ ކާރިޘާ ތަކާއި ކުއްލި އެކްސިޑެންޓް ތަކާއި ހީވެސް ނުކުރާފަދަ ހާލަތްތައް އިންސާނާއާއި ބައްދަލު ކުރަނީ ވިސްނާވެސް ނުލެވި ތިއްބައެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއްގައި އައިސްފައިވެއެވެ..

''و لنبلونكم بشيئ من الخوف و الجوع و نقص من الأموال و الأنفس و الثمرات و بشر الصابرين''
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނުކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި (الخوف) ބަނޑުހައިހޫނުކަމުގެ (الجوع) ގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. (البقرة:155)

ކޮވިޑުގެ މި ބަލިމަޑުކަމަކީވެސް މިކަން ދިމާވުމާއި ހަމަޔަށް އަހަރެމެންގެ ހިތަށްވެސް ވިސްނުމަށްވެސް އައި ކަމެއް ނޫނެނެވެ. މި ހާލަތުގައި ނިކަމެތިވެ ހާލުގައި ޖެހުނީ ކިތައް އާއިލާ ހެއްޔެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައި އިބުރަތް ތަކެއް ވެއެވެ. މިހާލަތުގައި ނޫން ކަމުގައި ވިޔަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުނު އޮރިޔާން ނިވައި ކޮށްލާނެ ބަނޑުފުރާނަމުއްތި ކުރާނެ ފަދަ ނެތިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟. އަހަރެމެންނަށް ﷲގެ ތަނަވަސް ރަޙްމަތްފުޅުން ދެއްވާފައިވާ ނިއުމަތް ތަކަށް ޝުކުރުވެރި ނުވެ އިސްރާފް ކުރުމާއި ބޭކާރު ހަރަދު ތަކުގައި އަވަދި ނެތި އުޅޭއިރު އެ ނިޢުމަތް ތަކަށް އެދި އާދޭސް ކުރާ ކިތައް މީހުން ތިބޭނެ ހެއްޔެވެ؟.

ވީމާ ތިމާއަށް ލިބިފައިވާ ނިއުމަތް ތަކަށް ޝުކުރުވެރިވެ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރާށެވެ. ތިމާގެ ދަރިންނަށްވެސް އެކަންކަން ދަސްކޮށްދޭށެވެ. މާދަމާ ދިރިއުޅުން ބަދަލުވެގެން ދާނީ ކޮންފަދަ ގޮތަކަށް ކަމެއްވެސް ނޭންގެއެވެ. ވީމާ ކޮންމެ ހާލަތެއްގައިވެސް އެހާލަތަކާއި އެއްގޮތައް ދިރިއުޅެން ދަރިންނަށް ދަސްކޮށްދިނުމަކީ ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ކުރަންޖެހޭ ކަމަކެވެ. ތިމާއާއި އާއިލާގެ ޚަރަދު ބަރަދުތައް ބެލެހެއްޓުމުގައި ހިކްމަތްތެރިކަން އިސްކޮށް ދެކޮޅު ޖެހޭނެ އުސޫލެއް ހޯދަން މަސައްކަތް ކުރުމަކީ ދިރިއުޅުން ބާއްޖަވެރިވެގެން ދާނެ ކަމެކެވެ.