އެންޒައިޓީ ޑިސްއޯޑަރ އަކީ އަޅުގަނޑުމެންގެ މި ކުޑަ ރާއްޖޭގައި ވެސް ވަރަށް ގިނަ ބަޔަކު ތަޙައްމުލު ކުރަމުންދާ ނަފުސާނީ ބައްޔެކެވެ. މިއީ ނަފުސާނީ ބަލިތަކުގެ ތެރެއިން އެންމެ އާންމު އެއް ބައްޔެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަހަލަ ކަންކަމާއި، ދެރަވެ މާޔޫސްވާ ކަހަލަ ޙާލަތްތައް އަންނާނެއެވެ. އަޅުގަނޑުމެން އާންމުކޮށް މި ކިޔާ "ސްޓްރެސް" އަކީ ކޮންމެ މީހަކު ވެސް ތަޖުރިބާކުރާނެ ކަމެކެވެ. އެއީ ޠަބީޢީ ކަމެކެވެ. އެންޒައިޓީ އަކީ މި ފަދަ އުނދަގޫ ޙާލަތްތައް ނުވަތަ "ސްޓްރެސް"އާ އިންސާނާގެ ސިކުނޑި އާއި ހަށިގަނޑު ކުރިމަތިލާ ގޮތެވެ. "ސްޓްރެސް"ވުމުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހާސްވުމާއި، ކަންބޮޑުވުމާއި، ޖެހިލުންވުމާއި، ރުޅިގަދަވުމާއި، ދެރަވުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ވަކި ކަމަކާ ގުޅިގެން އުފެދޭ ނައްސި އިހުސާސްތަކެކެވެ. އެކަމެއް ހައްލުވުމުން ނުވަތަ ފާއިތުވެގެންދާ ވަގުތާ އެކު މިކަހަލަ "ސްޓްރެސް" މަޑުމަޑުން ފިލައިދެއެވެ. ފަހުން އެކަން ހަނދާންނެތެއެވެ. މިއީ ކޮންމެ މީހަކު ވެސް ތަޙައްމުލުކުރާނެ ޙާލަތެކެވެ. ނަމަވެސް ބައެއް މީހުންނަކީ މި ފަދަ އުނދަގޫ އިހުސާސްތަކުގެ ތެރެއަށް ވަރަށް ބޮޑަށް ގެނބިގެންދާ މީހުންނެވެ. މި ފަދަ އިހުސާސްތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާ މީހުންނެވެ. ހާސްވުމާއި، ނުތަނަވަސްކަން (ސްޓްރެސް) ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާ މީހުންނެވެ. އެންޒައިޓީ ޑިސްއޯޑަރ އަކީ މި ގޮތަށް ސްޓްރެސް ދިގުދެމިގެން ގޮސް، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރަން ހުންނަ ކަންކަން ނުކުރެވޭ ހިސާބަށް އެމީހާގެ ޙާލަތު ދިޔުމެވެ. އެގޮތުން އެންޒައިޓީ ޑިސްއޯޑަރގެ ސަބަބުން އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ބައެއް ކަންކަމުގެ ތެރޭގައި މާ ބޮޑަށް ހާސްވެ ކަންބޮޑުވުން، ބިރުގަތުން، ހަނދާންތައް ތަކުރާރުވުން، އާންމު މިންގަނޑަށް ވުރެ މާ ބޮޑަށް ސާފުތާހިރުވުން ހިމެނެއެވެ.

  • ހަނދާންތައް ތަކުރާރުވުމަކީ ކުރިން ހިނގާފައިވާ ކަންކަން އަބަދާ އަބަދު ސިކުނޑީގައި ތަކުރާރުވުމާއި، އެއްވެސް ކަމެއް ހަނދާންނައްތާލަން އުނދަގޫވުމާއި، ކުރިން ހިނގާފައި ހުރި ހިތާމަވެރި ހާދިސާތައް އަބަދު ހަނދާންވެ އެކަމާ އުނދަގޫވުމާއި، ބިރުވެރި ހުވަފެން ފެނުމާއި، މާޒީގައި ހިނގާފައި ހުރި ދެރަވާ ކަހަލަ ނުވަތަ ބިރު ގަންނަ ކަހަލަ ކަންކަން ހުވަފެނުގައި ތަކުރާރުކޮށް ފެނުމެވެ.
  • އާންމު މިންގަނޑަށް ވުރެ ބޮޑަށް ސާފުތާހިރުވުމަކީ ދިރިއުޅުމުގައި ކުރަން ހުންނަ އެހެން ކަންކަން ނުކުރެވޭ މިންވަރަށް ނުވަތަ އަމިއްލަ ނަފުސަށް ބުރައަކަށް ވާ ވަރަށް ސާފުތާހިރުކަމާ މެދު ފިކުރުބޮޑުވުމެވެ.

އެންޒައިޓީ ޑިސްއޯޑަރގެ އަލާމާތްތައް.

  • ބޮލުގައި ރިހުން.
  • މޭގައި ރިހުން، މޭ ދަށަށް ތަދުވެ އުނދަގޫވެފައި ހުރުން.
  • ހިތުގެ ވިންދާއި ނޭވާ އަވަސްވުން.
  • ސަބަބެއް ނެތި ހިތް ނުތަނަވަސްވުން.
  • ނިދަން އުނދަގޫވުން.
  • ކާހިތްނުވުން.
  • އަތްފައިން ދާހިއްލުން.
  • ތުރުތުރު އެޅުން ފަދަ އަލާމާތްތައް ހިމެނެއެވެ.

އެންޒައިޓީ ޑިސްއޯޑަރގެ ވައްތަރުތައް.

އެންޒައިޓީ ޑިސްއޯޑަރ ހުންނަ އެކި މީހުންނަށް އެކަން ތަޙައްމުލުކުރަން ޖެހެނީ އެކި ގޮތަށެވެ. އެގޮތުން އެންޒައިޓީ ޑިސްއޯޑަރގެ މައިގަނޑު 5 ވައްތަރަކީ:

  1. ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑަރ.

މިއީ ވަކި ޚާއްޞަ ސަބަބެއް ނެތި ދެރަވުމާއި، ބިރުގަތުމާއި، ހާސްވެ ކަންބޮޑުވުން ފަދަ ހިތް ނުތަނަވަސްވާ ކަހަލަ އުނދަގޫ އިހުސާސްތައް ކުރެވުމެވެ. މި އިހުސާސްތައް އެންމެ ހިނދުކޮޅަކަށް ވެސް ފިލައިގެން ނުގޮސް، އަބަދު އެކަމުގެ އުނދަގޫ ސިކުނޑިއާއި ހަށިގަނޑަށް ކުރެއެވެ. ޖެނެރެލައިޒްޑް އެންޒައިޓީ ޑިސްއޯޑަރ ހުންނަ މީހުން އާންމު ގޮތެއްގައި ހުރިހާ ކަމަކާ ވެސް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާނެއެވެ. މާލީ ދަތިތަކާއި، ދެމަފިރިންގެ ދޭތެރޭގައި ހުންނަ މައްސަލަތަކާއި، ދަރިންނާ ގުޅުން ހުރި ކަންކަމަކީ ކޮންމެ މީހަކު ވެސް ވިސްނާ ފިކުރު ކުރާނެ ކަންކަން ކަމުގައި ވިޔަސް، ޖެނެރެލައިޒްޑް އެންޒައިޓީ ޑިސްއޯޑަރ ހުންނަ މީހުންނަށް މި ކަންކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމުގައި ދެން ކުރަން ހުންނަ އެއްވެސް ކަމެއް ނުކުރެވި، ދިރިއުޅުމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމަކީ މާ ބޮޑަށް ހާސްވެ، ފިކުރުބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫންކަން އަމިއްލައަށް ޤަބޫލުކުރެވުނު ނަމަވެސް، އެ ފަދަ ނައްސި ފިކުރުތަކުން ދުރުވުމަށް އަމިއްލަ ބާރެއް ނޯވެއެވެ. ނުވިސްނަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކޮންޓްރޯލެއް ނުކުރެވެއެވެ. މި ފަދަ މީހުންގެ އިހުސާސްތަކާއި، ޖަޒުބާތުތައް އަބަދު ވެސް ހުންނާނީ "ބޯޑަރު"ގައެވެ. ކިރިޔާ ކަމެއް ވާއިރަށް ހުރިހާ އިހުސާސެއް ބަންޑުންވެގެންދެއެވެ. ކުދިކުދި ކަންކަމާ ރުއިމާއި، ރުޅިއައުން އާންމު ކަމަކަށް ވެދެއެވެ.

  1. އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ (އޯސީޑީ).

މިއީ އެންޒައިޓީ ޑިސްއޯޑަރގެ ވަރަށް އުނދަގޫ ޙާލަތެކެވެ. މި ޙާލަތު ދިމާވާވުމުން ޝައްކާއި ވަހުމުގައި މުޅި މީހާ ހައްޔަރުވެދެއެވެ. އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ ހުންނަ ބައެއް މީހުންނަކީ އަބަދު "ޗެކް"ކުރާ މީހުންނެވެ. އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ދޮރު ތަޅުލުން، އުނދުން ނިއްވާލެވުނުތޯ ބެލުން، އިސްކުރު ރަނގަޅަށް ބަންދު ކުރެވުނުތޯ ބެލުން ކަހަލަ ކަންކަން ތަކުރާރުކޮށް ޗެކް ކޮށްކޮށް ތިބޭ މީހުންނެވެ. ދިރިއުޅުމުގައި ދެން ކުރަން ހުންނަ އެހެން ހުރިހާ ކަމަކަށް މި ކަމުން އަސަރުކުރާ ވަރަށް މި ކަން ކުރާ މީހުންނެވެ. މިސާލަކަށް އޮފީހަށް ދާން ގެއިން ނުކުތުމަށް ފަހު ވެސް ދޮރު ތަޅުލެވުނުކަން ޔަޤީންކުރަން ހައެއްކަ ފަހަރު އަންނަން ޖެހިދާނެއެވެ. ނޫންނަމަ އެމީހުންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އަނެއްބައި މީހުންނަކީ ތަކެއްޗާއި ތަންތަން ތަރުތީބުކުރާ މީހުންނެވެ. މި ޙާލަތު ތަހައްމުލު ކުރާ މީހުންނަށް އެހެން މީހުންނާ އެކުގައި ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. ދިރިއުޅޭ މާހައުލުގައި ހުންނަ ކޮންމެ އެއްޗެއް ވެސް ހުންނަން ވާނީ ވަކި ޚާއްޞަ ތަރުތީބަކުންނެވެ. އެންމެ ކުޑަމިނުން އަރަން ގެންގުޅޭ ފައިވާން ވެސް ގޭ ދޮރުމަތީގައި ނުވަތަ ފައިވާން ހަރުގައި ބަހައްޓަން ވާނީ ވަކި ގޮތަކަށެވެ. އެހެން މީހަކު އެކަން ކޮށްދިނަސް ކަމަކު ނުދާނެއެވެ. އަމިއްލައަށް ގޮސް، ފައިވާން ބެހެއްޓިފައި ހުރި ގޮތް "ރަނގަޅު"ކޮށް ނުލާހާ ހިނދަކު އިތުރު އެހެން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އޯސީޑީ ހުންނަ މީހުންގެ ތެރެއިން އަނެއް ބަޔަކީ ސާފުތާހިރުވުމުގެ ގޮތުން ކުރާ ބައެއް ކަންކަން (އަތްދޮވުން، ފެންވެރުން ކަހަލަ ކަންކަން) ކުރުމުގައި މުޅި ދުވަސް ހޭދަކޮށްލާ މީހުންނެވެ. އަތް ތިލައިގައި ޖަރާސީމު ހުންނަހެން ހީވުމާއި، ހަށިގަނޑުން ނުބައި ވަހެއް ދުވާހެން ހީވާތީ މި މީހުން އަބަދު ވެސް އުޅޭނީ އަތްދޮވުމާއި ފެންވެރުމުގައެވެ. ހަމަ އެގޮތަށް ގޭތެރޭގައި ވެލި ނުވަތަ ހިރަފުސް ހުންނަހެން ހީވާތީ، ގޭތެރެ ކުނިކަހާ ފެންފޮތިލުން ކަހަލަ ކަންކަން ވެސް ބައެއް މީހުން ކުރެއެވެ. އެކަން ނުކުރާހާ ހިނދަކު އެ މީހުންނަށް ހަމަޖެހުމެއް ނުލިބެއެވެ. ސާފުތާހިރުކަމާ ގުޅޭ މި ފަދަ ކަންކަމާ ބޮލަށް އުނދަގޫވެގެން ނުކެވި، ނުނިދި އުޅެން ޖެހެއެވެ.  

  1. ސްޕެސިފިކް ފޮބިއާސް.

މިއީ ވަކި ޚާއްޞަ ކަމަކާ މެދު ހާސްވެ ކަންބޮޑުވުމާއި، ބިރުގަންނަގަތުމެވެ. ސްޕެސިފިކް ފޮބިއާސް ހުންނަ ބައެއް މީހުންނަކީ އެއްވެސް ވަރަކަށް އެހެން މީހުންނާ ކުރިމަތިލާން ނުކެރޭ މީހުންނެވެ. ވަކި ޚާއްޞަ ސަބަބެއް ނެތި އެމީހުން އަމިއްލައަށް ގޭގައި "ބަންދު"ވެއެވެ. ގެއިން ބޭރަށް ނުކުމެއްޖެނަމަ މީހަކު މަލާމާތްކޮށްފާނެތީ ނުވަތަ ހިތްހަމަނުޖެހޭ ކަހަލަ އެއްޗެއް ބުނެފާނެތީ އިންތިހާއަށް ބިރުގަނެއެވެ. މަޖުބޫރީ ޙާލަތެއް ދިމާވެގެން ބޭރަށް ނުކުތަސް މި ފަދަ މީހުން އަބަދު ވެސް ތިބޭނީ ހާސްވެ، ކަންބޮޑުވެފައެވެ.

މީގެ އަނެއް ބަޔަކީ ވަކި ޚާއްޞަ އެއްޗެއް ނުވަތަ ކަމެއް ދެކެ އާދަޔާ ޚިލާފަށް ބިރުގަންނަ މީހުންނެވެ. އެގޮތުން ބައެއް މީހުންނަކީ ކަނޑުމައްޗަށް އަރަން ބިރުގަންނަ މީހުންނެވެ. ނުވަތަ މަތިންދާ ބޯޓުގައި ދަތުރުކުރަން ނުކެރޭ މީހުންނެވެ. ނުވަތަ ބައެއް ކަހަލަ ދިރޭއެއްޗެހި (ކުރަފި، ބުޅާ) ދެކެ ބިރުން، ދެން އެދުވަހަކު ކުރަން ހުންނަ އެހެން އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ކަންކަން ދާ މީހުންނެވެ.

  1. ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ.

މިއީ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ގަންނަބިރާއި، ހާސްވާ ހާސްވުމެވެ. މިސާލަކަށް ވަރަށް ލޯބިވާ މީހަކު މަރުވުން، ބޮޑު އެކްސިޑެންޓެއް ވުން، އެކްސިޑެންޓްގައި މީހަކު މަރުވާތަން ފެނުން، އަނިޔާވެރި މަންޒަރެއް ފެނުން، ޅަފަތުގެ ޙަޔާތުގައި ހިނގާފައި ހުންނަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ އަށް ހުށަހެޅިގެންދެއެވެ. މި ޙާލަތު މެދުވެރިވުމުން އެ މީހާގެ ސިކުނޑީގައި ކުރީގެ ހަނދާންތައް (އަމިއްލަ އިޚުތިޔާރާ ނުލައި) އާވެއާލާވުން ތަކުރާރުވަމުންދެއެވެ. އެ ހަނދާންތަކުން ދުރުވާން ކިތަންމެ ބޭނުންވިޔަސް އެކަމެއް ނުކުރެވެއެވެ.

  1. ޕެނިކް ޑިސްއޯޑަރ.

މި ޙާލަތު މެދުވެރިވުމުން ތަކުރާރުކޮށް "ޕެނިކް އެޓޭކް" އާދެއެވެ. ޕެނިކް އެޓޭކަކީ ކުއްލިކުއްލިއަށް ހިތުގެ ތެޅުމާއި ނޭވާ އަވަސްވެ، ބިރުގަތުމެވެ. ޕެނިކް ޑިސްއޯޑަރ ހުންނަ ނަމަ ހާސްވެ ބިރުގަންނަންޖެހޭ ކަހަލަ ޚާއްޞަ ސަބަބެއް ނެތް ނަމަވެސް ތަކުރާރުކޮށް، އަވަސްއަވަހަށް ޕެނިކް އެޓޭކް އަންނާނެއެވެ. ޕެނިކް އެޓޭކެއް އައުމުން ފެންނަ ބައެއް ކަހަލަ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުން ބާރު ދޫވުން، އެނބުރުން އެރުން، ތުރުތުރުއެޅުން، މަރުވާން އުޅެނީ ހެން ހީވުން، ބުއްދިފިލައި ގޮސްދާނޭ ހީވުން ފަދަ އަލާމާތްތައް ހިމެނެއެވެ. އެންޒައިޓީ ޑިސްއޯޑަރގެ އެހެން ވައްތަރުތަކާ ޚިލާފަށް ޕެނިކް ޑިސްއޯޑަރ އަކީ އެކަމުގެ އުނދަގޫ ތާއަބަދު ނުފިލައި ހުންނަ ކަމެއް ނޫނެވެ.  

އެންޒައިޓީ ޑިސްއޯޑަރ އަކީ ކީއްވެ ކުރިމަތިވާ ޙާލަތެއް؟

ދިރިއުޅުމުގެ ހުރިހާ ކަމެއް ރަނގަޅަށް ދާއިރު ވެސް އެންޒައިޓީ ޑިސްއޯޑަރ ތަޙައްމުލުކުރަން ޖެހުމަކީ ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާ ކަމެކެވެ. ހާސްވެ ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް ނެތް މީހުންނަށް ވެސް މި ޙާލަތު ކުރިމަތި ވަނީ ކީއްވެގެން ކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ނަފުސާނީ ބަލިތަކުގެ ތެރެއިން ގިނަ ބަލިތަކަކީ އެ ބަލި ޖެހުމަށް މެދުވެރިވާ އަސްލު ސަބަބު ހޯދިފައިނުވާ ބަލިތަކެކެވެ. އަދި ހަމައެހެންމެ އެ ސަބަބުތައް ދެނެގަތުމަށް މިހާރު ވެސް ދިރާސާކުރެވެމުންދާ ބަލިތަކެކެވެ. އެގޮތުން އެންޒައިޓީ ޑިސްއޯޑަރގެ ޙާލަތު ކުރިމަތިވުމަށް މަގުފަހިވާ ބައެއް ކަންކަން، ކަމާ ބެހޭ މާހިރުން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި:

  • އާއިލީ ގޮތުން ބަލި ވާރުތަކުރުން.
  • ސިކުނޑީގެ ހޯމޯންތައް އިމްބެލެންސްވުން.
  • ވިސްނާ ފިކުރުކުރަންޖެހޭ ކަންކަން މާ ގިނަވުން.
  • ޞިއްޙީ މައްސަލަތައް (ޑިޕްރެޝަން، ތައިރޮއިޑް، ހިތުގެ ބަލި، ނޭވާހިއްލުން).
  • ދިރިއުޅޭ މާހައުލު.
  • އެކުގައި އުޅޭ މީހުންގެ ސަބަބުން ވެސް އެންޒައިޓީ ޑިސްއޯޑަރ ތަޙައްމުލުކުރަން ޖެހެއެވެ.

އަދި މީގެ އިތުރުން މި ޙާލަތު ކުރިމަތިވާ ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު ގިނަ ކަން ދިރާސާތަކުން ހާމަވެއެވެ.

އެންޒައިޓީ ޑިސްއޯޑަރއަށް އޮތް ފަރުވާއަކީ ކޮބާ؟

ކޮންމެ ބައްޔަކަށް ވެސް ފަރުވާ ކުރަން ފަށަނީ އެ ބަލި ދެނެގަނެވުމުންނެވެ. އެންޒައިޓީ ޑިސްއޯޑަރ އަކީ އެމީހަކު އަމިއްލައަށް ދެނެގަނެވޭނެ ބައްޔެއް ނޫނެވެ. އެހެންކަމުން މި ލިޔުމުގައި އިސްވެ ދެންނެވުނު އަލާމާތްތަކުގެ ތެރެއިން ބައެއް އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ސައިކޮލޮޖިސްޓަކަށް ދައްކަން ވާނެއެވެ. އާންމު ގޮތެއްގައި ބަލި ދެނެގަތުމަށް ސައިކޮލޮޖިސްޓުން ބަލާނީ ފާއިތުވެ ދިޔަ 6 މަސްދުވަހުގެ ހިސްޓްރީ އެވެ. އެއީ ގާތްގަނޑަކަށް 180 ދުވަހެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަސްތަކަކީ އަލާމާތްތަކުގެ ސަބަބުން އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަށް ހުރަސް އެޅުނު ދުވަސްތައް ނަމަ އެމީހަކީ އެންޒައިޓީ ޑިސްއޯޑަރ ހުރި މީހެއް ކަމަށް ބެލެވޭނެއެވެ. މިގޮތަށް އެސެސްމަންޓް ހަދާއިރު ބޮޑު މީހެއް ނަމަ 3 އަލާމާތް، ކުޑަކުއްޖެއް ނަމަ އެންމެ އަލާމާތެއް ހުރި ކަމުގައި ވިޔަސް އެންޒައިޓީ ޑިސްއޯޑަރ އަށް ޑައިގްނޯސް ކުރެވި، ފަރުވާ އާއި ތެރަޕީ ފަށަން ޖެހޭނެއެވެ.

އެކި މީހުންގެ އެންޒައިޓީ ޑިސްއޯޑަރ ހުންނަ މިންވަރު ވެސް ތަފާތެވެ. އެގޮތުން ބައެއް މީހުންނަކީ ހަމައެކަނި ތެރަޕީ އިން ރަނގަޅުވާ ވަރަށްވުރެ އެންޒައިޓީ ލެވެލް މަތީގައި ހުންނަ މީހުންނެވެ. މި ފަދަ މީހުން ތެރަޕީ ނެގުމުގެ އިތުރުން ސައިކޭޓްރިސްޓަކަށް ދައްކައިގެން، ބޭސް ބޭނުން ކުރަން ޖެހެއެވެ. ޤަވައިދުން ފަރުވާ ކުރެވިއްޖެނަމަ ބައެއް މީހުންނަށް މިއީ މުޅިން ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް އަނެއް ބަޔަކު ވަރަށް ދިގު މުއްދަތަކަށް ނުވަތަ އުމުރަށް ވެސް ފަރުވާ ހޯދަން ޖެހެއެވެ.

އެންޒައިޓީ ޑިސްއޯޑަރގެ ސަބަބުން މީހަކު ތަޙައްމުލު ކުރާ ކަންތައްތަކަކީ އެއްވެސް ޙާލެއްގައި "އާދައިގެ ކަމެއް" ނޫނެވެ. އެފަދަ އަލާމާތްތައް ފެންނަ ބައެއް މީހުންނަކީ ކަންނެތް، ކަންފަސޭހަ، ރުޅިގަދަ، މީހުންނާ ގުޅިގެން އުޅެން ނޭނގޭ ބައެއްގެ ގޮތުގައި އޮންނަނީ "ލޭބަލް"ވެފައެވެ. އަދި އެއީ އެމީހާ އަމިއްލައަށް "ހެދިގެން" އުޅޭ ގޮތެއް ކަމަށް ޤަބޫލުކުރާ މީހުން ވެސް އުޅެއެވެ. އެކަމަކު މިފަދަ އުނދަގޫ ނަފުސާނީ ޙާލަތަކީ އެއްވެސް މީހަކަށް އަމިއްލައަށް "ހެދިގެން" އުޅެވޭނެ ގޮތެއް ނޫނެވެ. އަދި އެއީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ވެސް ނޫނެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އެހެނިހެން ގުނަވަންތަކެކޭ އެއްގޮތަށް ސިކުނޑިއަކީ ވެސް ބަލި ޖެހޭ ގުނަވަނެއް ކަމެވެ. ސިކުނޑީގެ ބައްޔެއް ހުންނަ ކޮންމެ މީހަކީ "މޮޔަ"އެއް ނޫން ކަމެވެ. އެހެނިހެން ބަލިތަކެކޭ އެއްގޮތަށް ސިކުނޑީގެ ބަލިތަކަށް ވެސް ފަރުވާ ބޭނުންވެއެވެ. ރަނގަޅު ވަގުތުގައި، އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދޭނީ މިފަދަ ކަންކަމަށް ހޭލުންތެރިވެގެންނެވެ. ތިމާގެ އަމިއްލަ ނަފުސާއި އެހެން މީހުން  ހޭލުންތެރި ކުރުވައިގެންނެވެ.

ރިފަރެންސް:

ޝަޒީނާ އަޙްމަދު ނަސީމް. (2021). އެންޒައިޓީ ޑިސްއޯޑަރސް، ނެގީ: ތީރު މީޑިއާ. މާލެ.