ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 1-1 އިން ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭގެ މެޗަކީ ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އެއްވަރުވި ދެވަނަ ފަހަރެވެ. އެންމެ ފަހުން މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ލޮރިއެންޓްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލީގުގައި މި ހަފްތާގައި ކުޅުނު މެޗުތަކަށްފަހު ތާވަލްގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ޕީއެސްޖީ އެވެ. ޕީއެސްޖީ ކުޅުނު 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނީސް އެވެ. ތިންވަނައިގައި ލަނޑުގެ ތަފާތުން އޮތް މާސޭ އަށް 19 މެޗުން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ރެނެސް އޮތީ 31 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން އެހެން ތިން ކުޅުންތެރިއަކު ކޮވިޑް ޖެހިގެން ނުކުޅެއެވެ. މީގެއިތުރުން، ބްރެޒިލްގެ ތަރި ނޭމާ އަށް ވެސް އަނިޔާގެ ސަބަބުން ރޭގެ މެޗު ވަނީ ގެއްލިފައެވެ.
ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭޝް ދިން ޕާހަކުން މި ލަނޑުޖެހީ ލޫކަސް ޕަކޭޓާ އެވެ. މި ހާފުގައި ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ފަހު ހާފުގައި ހިލޭޖެހުމަކުން އެމްބާޕޭ ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
ޕީއެސްޖީން އެއްވަރުކުރި ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ޖަރުމަނުގެ ޑިފެންޑަރު ތިލޯ ކެރާ އެވެ. މިއީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުން ކެރާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި ހާފުގައި ޕީއެސްޖީ އަށް ލަނޑެއްޖަހައިދޭން އެ ޓީމުގެ ކެޕްޓަން މާކީނޯސް ފޮނުވާލި ބޯޅަ ލިޔޯންގެ ގޯލްކީޕަރު އެންތަނީ ލޮޕޭސް މަތަކުރިއެވެ.
މި މުބާރާތުގައި ޕީއެސްޖީ އަށް ދެން އޮތީ މި މަހުގެ 16 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބްރެސްޓްއާ ދެކޮޅަށް ކުޅޭ މެޗެވެ.
