އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު، ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ ހަތަރު ވަނަ ބުރުން ޖާގަ ހޯދިއިރު، އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް ކަޓައިފިއެވެ.

ތިންވަނަ ޑިވިޝަނުގެ ޝްރޫސްބަރީ ޓައުން އަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް 4-1 އިން މޮޅުވިއިރު، ޓޮޓެންހަމުން ތިންވަނަ ޑިވިޝަނުގެ މޯކޭމްބް ބަލިކުރީ 3-1 އިންނެވެ. އާސެނަލް އަތުން ދެވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް މޮޅުވީ 1-0 އިންނެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޝްރޫސްބަރީ އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ޑެނިއަލް އޫޑޯ އެވެ. އޭގެ އަށް މިނެޓުފަހުން ލިވަޕޫލަށް އެއްވަރުކޮށްދިނީ އުމުރުން 17 އަހަރުގެ ފޯވާޑް ކައިޑޭ ގޯޑަން އެވެ. ފުރަތަމަ ޙާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ވަނީ ޕެނަލްޓއަކުން ލިވަޕޫލަށް ލީޑްނަގައިދީފައެވެ. މިއީ ޝްރޫސްބަރީގެ ކެޕްޓަން އީތަން އީބޭންކްސް ލެންޑަލް، ޕެނަލްޓީއޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑުޖެހީ ބެކްހީލް އަކުންނެވެ. މެޗުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ހަތަރުވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފަބީނިއޯ އެވެ. މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް ނިކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ.

މި މުބާރާތުގައި ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި މޯކޭމްބްގެ އެންތަނީ އޯކޮނާގެ ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ. ޓޮޓެންހަމުން މި މެޗުގައި ޖެހި ހުރިހާ ލަނޑެއްވެސް ކާމިޔާބުކުރީ ދެވަނަ ހާފުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، 75 ވަނަ މިނެޓުގައި ހެރީ ވިންކްސް ޖެހިއިރު އޭގެ 10 މިނެޓުފަހުން ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ލޫކަސް މޯރާ އެވެ. އަދި މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ ޓޮޓެންހަމްގެ ތިންވަނަ ލަނޑުޖަހައިދީ، އެ ޓީމަށް މޮޅު ޔަގީންކޮށްދީފައެވެ. ޓޮޓެންހަމުން އަނެއް ބުރުގައި ވާދަކުރާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ލުވިސް ގްރަބަން އެވެ. ރޭގެ މެޗުން ބަލިވެ، އާސެނަލަށް މިފަހަރުގެ މުބާރާތާއި އަލްވަދާއު ކިޔަންޖެހުނުއިރު، މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ މުބާރާތުގެ ތިންވަނަ ބުރުން އާސެނަލް އަތުން ނޮޓިންހަމް މޮޅުވި ދެވަނަ ފަހަރެވެ. މީގެކުރީން، 2018 ވަނަ އަހަރު ނޮޓިންހަމް އިން އާސެނަލް ބަލިކުރީ 4-2 އިންނެވެ.