އިނގިރޭސި އެފްއޭކަޕްގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނިކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ.
ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެއެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގަައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް މެކްޓޮމިނޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި އެސްޓަން ވިލާ އިން ދެ ލަނޑުޖެހިއިރު އެ ދެ ގޯލްވެސް އޮފްސައިޑްކަމަށް ނިންމައި، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ގަބޫލެއްނުކުރިއެވެ. މި މެޗުގައި އެސްޓަން ވިލާގެ ފޯވާޑް އޮލީ ވަޓްކިންސް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.
މި މެޗުގައި ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދޭން މާކަސް ރަޝްފޯޑާއި މޭސަން ގްރީންވުޑް ފޮނުވާލި ހަމަލާތައް އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.
