"މާގުޅަ"އޭ ދެންނެވުމުން ބައެއް މީހުންނަށް ނޭނގިދާނެއެވެ. އެހެނީ ބައެއް ރަށްރަށުގެ މީހުން މިއަށް ކިޔާ އުޅެނީ ތަރަފަނަ ނުވަތަ ބަތް ތަރަފަނަ އެވެ. ތަރަފަނައަކީ ހިއްތަލަފުށް ނުވަތަ ހަނޑުލުފުށުން ހަދައި، ތެލުލައި ހަކުރު ލައިފައި ހުންނަ ފޮނިކާއެއްޗެކެވެ. އަދި ހަމައެހެންމެ ވިހަލަގޮނޑި ތުނިކޮށް ކޮށައި، ހިތިފިލުވައި، ހިއްކައިގެން ތެލުލުމަށްފަހު ހަކުރުލުމުން ވެސް ކިޔަނީ ތަރަފަނަ އެވެ. ހަމައެގޮތަށް ހަނޑޫ މާޖައްސައިގެން ނުވަތަ ބަތް ހިއްކައިގެން ތެލުލައި، ހަކުރުލުމުން ވެސް ހިމެނެނީ ތަރަފަނައިގެ ތެރޭގައެވެ.

ރަށްފުށުގައި ތައްޔާރުކުރާ ތަފާތު ވައްތަރުތަކުގެ "ހަދިޔާ"ތަކުގެ ތެރެއިން މާގުޅައަކީ އެންމެ އަގުބޮޑު ހަދިޔާއޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. މާގުޅަ ހެދުމަށް ބޭނުންވާ ދިޔާހަކުރަކީ މިހާރު ވަރަށް އަގުބޮޑު އެއްޗެކެވެ. ދިޔާހަކުރާ ނުލައި މާގުޅައިގެ އަސްލު ރަހައެއް ނުގެނެވޭނެއެވެ. އުތުރުގެ އަތޮޅުތަކުގައި 2 ލީޓަރުގެ ދިޔާހަކުރު ފުޅިއެއްގެ އަގު ހުރީ 400 ރުފިޔާ އާއި 600 ރުފިޔާއާ ދެމެދުގައެވެ. އެހެންކަމުން "ހަދިޔާ"ގެ ގޮތުގައި މާގުޅަ ހަދައި، ގާތް މީހުންނަށް ފޮނުވުމަކީ މިހާރު މާ އާންމު ކަމެއް ނޫނެވެ.

މާގުޅައަކީ ކިހިނެއް ވުޖޫދުވީ އެއްޗެއް؟

އިހުގެ ދިވެހިންނަކީ ވަރަށް ސާދާ، ޚަރަދު ކުޑަ ދިރިއުޅުމެއް އުޅެމުން ދިޔަ ބައެކެވެ. އިސްރާފު މަދު، އިޤްތިޞާދީ ބައެކެވެ. އޭރު ޤައުމުގެ ޙާލަތު އޮތް ގޮތުންނާއެކު، އެއްވެސް ބާވަތެއްގެ ކާބޯތަކެތި އިސްރާފުކުރުމަކީ ދިވެހިންގެ ކިބައިގައި ހުރި އާދައެއް ނޫނެވެ. މޫސުމީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބަނބުކޭލާއި، ކަނޑޫ ފަދަ ތަކެތި ވެސް ލިބޭ މޫސުމުގައި ހިއްކައިގެން ފަހަށް ރައްކާކުރެއެވެ. ހަމައެގޮތަށް ރޭގަނޑު ކައިފައި ބާކީ ހުންނަ ބަތްކޮޅު ވެސް މުޅަކޮށްފައި އުކާލުމުގެ ބަދަލުގައި އެއިން ކުރެވޭނެ ބޭނުމެއް ހޯދިއެވެ. އެގޮތުން ބާކީވާ ބަތްކޮޅު ނުވަތަ ތެލީގެ ފުލުގައި ހުންނަ ވާބަތްކޮޅު ވެސް އުކާނުލައި އޭގެ ބޭނުންކުރިއެވެ.

"ރޭގަނޑު ބަހައްޓަނީ ބާކީވާ ބަތްކޮޅަށް ފެން އަޅާފައި. ދެން ހެނދުނު އެ ފެންފޮދު އުކާލާފައި، ބަތްކޮޅު ކުޑަކޮށް ދޮވެލާފައި، ދޮލަނގެއްގައި ބަތްކޮޅު ފަތުރާލުމަށް ފަހު ހިއްކަން ނެރެނީ" މާގުޅަ ހަދާ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އުމުރުން ދުވަސްވީ ދައްތައަކު ކިޔައިދިނެވެ.

މިގޮތަށް ހިއްކަން ނެރޭއިރު ބައެއް މީހުން ޓިނު ގަނޑުގަނޑާއި ކުނަލުގައި ފަތުރައިގެން ވެސް ހިއްކަން ނެރެއެވެ. އަވިބާރު ދުވަހެއް ނަމަ އެއް ދުވަހުން ވެސް ހިކޭނެއެވެ. ދޭތެރެދޭރެއިން ބަތްކޮޅު ހާވަން ޖެހޭނެއެވެ. އަދި ހަމައެހެންމެ ކާޅުގެ ކިބައިން ބަތްކޮޅު ސަލާމަތް ކުރަން ޖެހޭނެއެވެ.

"އޭރު އެޒަމާނަކީ މިހާރު މި ގެންގުޅޭ ކަހަލަ ދާގަނޑުގަނޑާ އެއްޗެހި މާ އާންމުކޮށް ލިބޭ ޒަމާނެއް ނޫން. ކާޅުގެ އުނދަގުލުން ސަލާމަތް ވާނީ ދޮލަނގު ވަށައިގެން އިލޮށި ޖަހައިގެން. ނޫންނަމަ ކުޑަކުދިން ނިދާއިރު ގައިމަތީގައި ޖަހާކަހަލަ މަދިރިގޮށި ޖަހައިގެން. އެހެންނޫނީ ދެން ޖެހޭނީ ބަތްކޮޅު ފެންނަ ހިސާބުގައި އަބަދު ވެސް މީހުން ތިބެން." އެ ދައްތަ އިތުރަށް ބުންޏެވެ.

އަސުރުން އިރުތިރިވެ، ހޫނު މަޑުވުމުން ބަތްކޮޅު ނަގަން ޖެހޭނެއެވެ. ނުނަގައިފި ނަމަ ބަތްކޮޅަށް ހިނި އަރާނެއެވެ. ރަނގަޅަށް ނުހިކި ހުރި ނަމަ ޖެހޭނީ ޖެހިގެން އަންނަ ދުވަހު ވެސް އަވީލާށެވެ. ރަނގަޅަށް ހިކުމުން ހުންނާނީ ހަނޑޫ ހުންނަ ގޮތަށެވެ. ރަނގަޅަށް މަތިޖެހޭ އެއްޗަކަށް އަޅާފައި ރައްކާކުރުމުން ކިތަންމެ ގިނަ ދުވަސް ވިޔަސް ބަދަލެއް ނާންނާނެއެވެ.

"ހިއްކި ބަތް ކެއުމަށް ބޭނުންކުރަންވީމަ ޖެހޭނީ ތެލުލަން. ވަރަށް ރީތިކޮށް މާއަރާނެ. އެހެންވެ އެއަށް "މާ" ކިޔަނީ. ބައެއް މީހުން މި މާ ބޭނުންކުރާނެ މަހާ ކާށްޓާ އެއްކޮށް ކާން ވެސް. ފޮނިކޮށް ކާން ބޭނުންވާ މީހުން ކާނީ ހަކުރުލައިގެން. ހަކުރުލުމަށްފަހު ގުޅަގުޅައަށް ވެށީމަ އެކިޔަނީ މާ ގުޅައޭ"

އިހުގައި ދިޔާހަކުރަކީ ވަރަށް ތިޔާގި އެއްޗެކެވެ. ދިވެހިންގެ މައިގަނޑު ކެއުމަކީ ދިޔާހަކުރެވެ. ގަބުޅި އާއި ކާށި، ދިޔާހަކުރާ ޖައްސައިގެން ކައިއުޅުނެވެ. އަދި ހަމަ އެހެންމެ ދިޔާހަކުރާ ބަތާ މޮޑެގެން ވެސް ކައި އުޅުނެވެ.

"އޭރު ވަރަށް ގިނަ ގޭގޭގައި ހަކުރު ކައްކާނެ. ރާއަރާ ރުއްތައް ހުންނާނެ ބައިވަރު. ރަލަކީ ވަރަށް އަވަހަށް ރާމާވާ (ނުބައިވާ) އެއްޗެއް. ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ގެއަށް ގެންނަ ހުރިހާ ރަލެއް ނުވެސް ބޮވޭނެތާ. އެހެންވެ އެ ރާތައް ނުބައިވިޔަ ނުދޭންވެގެން ކައްކައިގެން ހަކުރު ހަދަނީ. ރުއްއަރާ މީހަކު އުޅޭ ގެއެއް ނަމަ އަންހެންވެރިންނަށް އޮންނާނީ އެ މަސައްކަތް އަބަދުވެސް. ކިތަންމެ ވިއްސާރަޔަސް ރާ ގެންނާނެ."

އިހުގެ ދިވެހިންނަކީ ވަރަށް އެކުވެރި، އެއްބައިވަންތަ ބައެކެވެ. މަސްއޮޑި މަހުން ލެފުމުން މަސްކެއްކުމުގައި އަވައްޓެރިންގެ ބައިވެރިވުން އޮންނަ ގޮތަށް، ރާ ކައްކައިގެން ހަކުރުހެދުމުގައި ވެސް އަވައްޓެރިންގެ ބައިވެރިވުން ވަރަށް ބޮޑެވެ. މިގޮތަށް މަސައްކަތުގައި އެހީތެރިވެދޭ މީހުންނަށް ވެސް ހަކުރާއި، ހަކުރުފަނި ލިބެއެވެ. ހަކުރުފަންޏަކީ ރާކައްކަން ބޭނުންކޮށްފައި ހުންނަ އަކިރިތަކުގެ ތެރެއަށް ފެންއަޅައިގެން ހޫނުކޮށްލައިގެން ތައްޔާރުކުރާ ފަންޏެކެވެ. 

މާގުޅަ ތައްޔާރުކުރުމަށް އައި ޒަމާނީ ބަދަލު.

އިސްވެ ދެންނެވުނު ފަދައިން މާގުޅައަކީ މިހާރު މާ އާންމު އެއްޗެއް ނޫނެވެ. އެކަމަކު މިހާރު ވެސް ޚާއްޞަ މުނާސަބަތުތަކާ ގުޅިގެން މަދުމަދުން މާގުޅަ ހަދައެވެ. މާގުޅައިގެ އަސްލު ރަހަ ގެނައުމަށް ބޭނުންވާ ދިޔާހަކުރު އަގުބޮޑުވުމުން ބައެއް މީހުން ވަނީ މާގުޅަ ތައްޔާރުކުރާނެ އެހެން ގޮތެއް ހޯދާފައެވެ.

"މިހާރު މާގުޅަ ހަދަނީ ގެރިކިރުގައި. އެއީ ދިޔާހަކުރު ލިބުން ދަތިކަމުން. އަދި އެހާ އަގު ވެސް ބޮޑު" މިހާރު ވެސް މާގުޅަ ހަދާ، މެދު އުމުރުގެ ފަރާތަކާ ސުވާލުކޮށްލުމުން ބުންޏެވެ.

ގެރިކިރަކީ ގިނަ އިރު ކެއްކުމުން އޮލަޖެހި، ގުޅަވެށޭ އެއްޗަކަށް ވާތީ ގެރިކިރުން ދިޔާހަކުރުގެ ބޭނުން ފުދެއެވެ. އެކަމަކު ރަހަ މުޅިން ތަފާތެވެ. އިހުގެ ދިވެހިން ތައްޔާރުކުރި ދިޔާހަކުރު މާގުޅައިގެ ރަހަ އެނގިފައި ހުރި މީހަކަށް ގެރިކިރު މާގުޅައިގެ ރަހަ އެއްވެސް ގޮތަކަށް ކަމުދާނެ ކަމަކަށް ނުފެނެއެވެ. އެކަމަކު ގެރިކިރަކީ މިހާރުގެ ދިވެހިންނާ ވަރަށް ރައްޓެހި، އެއާ ނުލައި އެއްވެސް ފޮނިކާއެއްޗެއް ތައްޔާރު ނުކުރެވޭ ބާވަތެކެވެ. އެހެންކަމުން މިހާރުގެ ބައެއް މީހުންނަށް ގެރިކިރު މާގުޅަ ކަމުދިޔުން އެކަށީގެންވެއެވެ.

ދިޔާހަކުރު ލިބުން ދަތިވުމުން، އާދައިގެ ހަކުރުގައި މާގުޅަ ނުހަދަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ދެވަނައަށް ވާހަކަދެއްކި ފަރާތާ އެ ސުވާލު ވެސް ކޮށްލީމެވެ.

"ސައިބޯ ހަކުރު (ދޯބުރާލިހަކުރު) ވެސް ލެވޭނެ. އެކަމަކު އޭރުން ހުންނާނީ މުޅިން އެހެން ގޮތަކަށް. ގުޅައެއް ނުވެށޭނެ. ފުށްތައް ހުންނާނީ ވަކިވަކިން. އޭރުން ކިޔާނީ ފޮނިމާ. އެކަމަކު ސައިބޯ ހަކުރާއި ދިޔާހަކުރާ ދެ ވައްތަރު އެއްކޮށްގެން ހެދޭނެ ގުޅަވެށޭ ގޮތަށް"

އިހުގެ ދިވެހިންގެ ކެއުމުގެ އެންމެ މުހިއްމު އެއްބައި ކަމުގައި ހިމެނުނު ދިޔާހަކުރު މިއަދު މިވަނީ "ރަނަށް"ވެފައެވެ. ފޮނިރަހަ ލައްވަން ބޭނުންވާ ކޮންމެ އެއްޗަކަށް ވެސް އަޅަނީ ދޯބުރާލިހަކުރެވެ. އެހެންކަމުން ދިޔާހަކުރުގެ ބޭނުން މަޑުމަޑުން ނެތެމުން ގޮސް، އުފައްދާ މިންވަރު މަދުވީއެވެ. އުފެއްދުންތެރިކަން މަދުވުމާ ގުޅިގެން ދިޔާހަކުރުގެ އަގު އަރައިގެން ދިޔައީއެވެ. އެކަމަކު ކިތަންމެ އަގު ބޮޑަސް އަދިވެސް ބައެއް ކަހަލަ ދިވެހި އުފެއްދުންތަކަށް ދިޔާހަކުރަކީ "ލާޒިމު" ބާވަތެކެވެ.