މިހާރު ކެމަރޫންގައި ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި ރޭ ނައިޖީރިއާ އަތުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ މިސްރު 1-0 އިން ބަލިވިއިރު، އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ އިން ސިއެރަ ލިއޯނާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއެކު ގްރޫޕް ޑީ ގައި ކުޅެވުނު ފުރަތަމަ މެޗުތަކަށްފަހު އެންމެ ކުރީގައި އުޅޭ ނައިޖީރިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ގިނީ-ބިސާއު އާއި ތިންވަނައިގައި އޮތް ސޫދާނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް މިސްރަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ނައިޖީރިއާ އިން މިފަހަރުގެ މުބާރާތާއި ކުރިމަތިލީ މުހިއްމު ގިނަ ފޯވާޑުންނާ ނުލައެވެ. އެގޮތުން، ސައުދީ އަރަބިއާގެ އަލް ޝަބާބަށް ކުޅޭ އޮޑިއޯން އިގާލޯ އާއި ވަޓްފޯޑްގެ އެމާނުއެލް ޑެނިސްގެ އިތުރުން މިވަގުތު އަނިޔާގައި ހުރި ނަޕޯލީގެ ހުނަރުވެރި ފޯވާޑް ވިކްޓަ އޮސިމްހެން ވެސް މި މުބާރާތަށް ނެގި ނައިޖީރިއާގެ ސްކޮޑުގައި ނުހިމެނެއެވެ.
ކެމަރޫންގެ ގަރޫއާގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ނައިޖީރިއާގެ ލަނޑުޖަހައިދިނީ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ. މުޅި މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔަ ނައިޖީރިއާގެ ލީޑް ފުޅާކުރުމަށް ޓައިވޯ އަވޯނީޔީ އާއި ޝިޑޭރާ އެޖޫކޭ ފޮނުވާލި ހަމަލާތައް މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝަނާވީ ހުއްޓުވިއެވެ.
މި މެޗުގައި މިސްރުގެ ކެޕްޓަން އަދި ފޯވާޑް މުހައްމަދު ސަލާހަށް އެދެވޭ ކުޅުމެއްދެއްކިފައިނުވާއިރު، އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްވެސް ތަނަވަސްކުރެވިފައެއްނުވެއެވެ.
1996 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ ސިއެރަ ލިއޯނުން ރޭގެ މެޗުގައި 2019 ވަނަ އަހަރުގެ ޗެމްޕިއަން އަލްޖީރިއާގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ކަމާރާ އެވެ. އެގޮތުން، މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ރިޔާދް މާރޭޒް އާއި ޔާސީން ބްރަހިމީ އަދި އިތުރުވަގުތުގައި ރާމީ ބެންސެބާނީގެ އިތުރުން ބަގުދާދު ބޫނެޖާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކަމާރާ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި، ޓިއުނީޝިއާއާ ދެކޮޅަށް މާލީ ނިކުންނައިރު މޮރިޓޭނިއާ ނިކުންނާނީ ގެމްބިއާއާ ދެކޮޅަށެވެ. އަދި މިރޭގެ ފަހު މެޗުގައި އައިވަރީ ކޯސްޓް ބައްދަލުކުރާނީ އިކުއެޓޯރިއަލް ގިނީއާ އެވެ.
