ކޮންމެ ރެއަކު ނުވަތަ ކޮންމެ ދުވަހަކު ދުވަން ދާނަމޭ! ރޭގަނޑަކަށް ނުކާނަމޭ! ބަތެއް ރޮއްޓެއް ނުކާނަމޭ! ތަރުކާރީކޮޅެއް މަޑުކޮށްލައިގެން ނޫނީ ނުކާނަމޭ! ޖިމަކަށްވެސް ދާންވީއޭ! ތިމަންނާ މާ ފަލައޭ، ހިކެން ބޭނުމޭ! ބަރުވަނީއޭ، ލުއިވާން ވެއްޖެއޭ!..... މިއީ ވަރަށް އާންމުކޮށް އިވޭ އަޑުތަކެކެވެ. ނަމަވެސް މިއިން ކޮންމެ މީހަކުވެސް، އިސްވެ އެ ކީ ކަންކަމުން ކަމެއް ނުވަތަ ކަންތައްތަކެއް ކުރަން ފަށާފައި ހަފްތާއެއްވެސް ނުވާނެއެވެ. އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ހިނގައިދާނެއެވެ. މި ވަނީ ކީއްހެއްޔެވެ؟

އާދޭހެވެ! މިއީ އާންމު ކަމެކެވެ. މިއީ އާދައިގެ ކަމެކެވެ. މި ވާގޮތަކީ އިންސާނާގެ ސިކުނޑީގައި ހިނގާ ޖަޒުބާތީ އިހުސާސްތަކެއްގެ ތަރުތީބަކުން ވާ ގޮތެކެވެ. މި ތަރުތީބުގައި ތިން މަރުހަލާއެއް އިންސާނާ ކަޑައްތު ކުރާނެއެވެ. މި ލިޔުމުގައި މި މަރުހަލާތަކަށް އަލި އަޅުވާލާނަމެވެ.

ފުރަތަމަ މަރުހަލާއަށް އަހަރެމެން ދިވެހިންބަހުން "ގަބޫލުނުކުރުމުގެ" މަރުހަލާއޭ ކީ ދާނެއެވެ. މި މަރުހަލާގައި އިންސާނާއަށް ދިމައިވާ ކޮންމެވެސް ހާދިސާއެއްގެ ސަބަބުން އިވޭ ނުވަތަ ފެންނަ ނުވަތަ ދިމައިވާ ކަންކަމަކީ އެ އިންސާނަކަށް ގަބޫލުކުރަން އުނދަގޫ ކަމެއް ކަމުގައި ވެދެއެވެ. އެއާއި އެކު އެކަން ގަބޫލުނުކޮށް އެއީ ނުވާކަމެއް ކަމަށް ނުވަތަ އެކަން ބަދަލު ކުރުމަށް ވިސްނުންތަކެއް ވިސްނޭނެއެވެ. ގިނަފަހަރަށް މި ވިސްނުންތައް ވެގެންދަނީ ނައްސި ވިސްނުން ތަކަކަށެވެ. އިންސާނާއަށް ކުރިމަތިވާ ކޮންމެވެސް ހާދިސާއަކާއި ގުޅިގެން އޭނާގެ ހަށިގަނޑު ބޮޑުކަން ނުވަތަ ބަރުދަން އިތުރުކަމަށް އިހުސާސްކުރެވޭނެއެވެ. އެއާއިއެކު އޭނާ އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވާނެއެވެ. ނުވަތަ ގަބޫލެއް ނުކުރާނެއެވެ. އެހެންނަމަވެސް ކަން އޮތީ އެހެން ކަމުގައި ދެކޭނެއެވެ. އެހެންކަމުން ހިތުގައި ފިކުރުތަކާއި ހިޔާލުތައް އާވާނެއެވެ. ވަރުގަދަ އެކި އެކި އަޒުމުތައް ކަނޑައެޅޭނެއެވެ. ފެށުމުގައި ދެންނެވުނު މިސާލުތައް ފަދައިންނެވެ.

ދެވަނަ މަރުހަލާއަށް ދިވެހިބަހުން "އިސްލާހީ" މަރުހަލާއޭ ކީ ދާނެއެވެ. މި މަރުހަލާގައި އިންސާނާ އަމަލުކުރަން ފަށާނެއެވެ. "ގަބޫލުނުކުރުމުގެ" މަރުހަލާގައި ކަނޑައެޅި އަޒުމާއި އެއްގޮތައް މަސައްކަތް ކުރަން ފަށާނެއެވެ. އެ އަޒުމުގައި ދެމިހުންނަންވެސް މަސައްކަތް ކުރާނެއެވެ. ފެށުމުގައި ބަޔާންކުރެވުނު މިސާލުތައް ފަދައިން އޭނާގެ އުޅުން ބަދަލުކޮށްލާނެއެވެ. ނަމަވެސް ހާލަތާއި ކަން އެންމެނަށް އެއްގޮތަކަށް މިންވަރެއް ނުކުރާނެއެވެ. އެންމެންގެ މި ދެންނެވި ޖަޒުބާތީ އިހުސާސްތަކުގައި އެއް ވިންދެއް ނުޖަހާނެއެވެ. އެހެންކަމުން ގިނަ މީހުންނީ މި "އިސްލާހީ" މަރުހަލާގައި ދެމި ހުރެވޭ ބައެއްކަމުގައި ނުވެއެވެ. އެއާއެކު މި މަރުހަލާ ކަޑައްތުކޮށް ތިންވަނަ މަރުހަލާއަށް ގިނަ ބަޔަކު ދެއެވެ.

ތިންވަނަ މަރުހަލާއީ "ގަބޫލުކުރެވުމުގެ" މަރުހަލާއެވެ. މި މަރުހަލާގައި އިންސާނާއަށް ގަބޫލުކުރެވޭނީ (ގަބޫލުކުރާނީއެއް ނޫން) އޭނާގެ ހަށިގަނޑު ބޮޑެއް ނޫނޭ ނުވަތަ ބަރުދަން އިތުރެއްވެސް ނޫނޭ، މިފަދައިންނެވެ. އެހެނީ "އިސްލާހީ" މަރުހަލާގައި އޭނާ ކުރާ ކަންކަމުގެ ސަބަބުން އޭނާގެ އާންމު ދިރިއުޅުމުގެ ތަރުތީބަށް ބޮޑު ބަދަލެއް އަންނާތީއެވެ. އަދި އޭނާ ކުރާ ހިތްވާ އެތައް ކަމެއް ދޫކޮށްލަން ޖެހޭތީއެވެ. އެހިސާބުން އެކަންކަމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަންކަން ނޫންކަމުގައި އިހުސާސްކުރެވެން ފަށާނެއެވެ. ކުރިންވެސް ހަމަ އުޅުނީތާއޭ، ދެންވެސް ހަމަ އެގޮތަށް އުޅޭނީތާއޭ ހިތަށް އަރާނެއެވެ. އެއާއި އެކު "އިސްލާހީ" މަރުހަލާގައި ކުރަމުން އައި ކަންކަން ހުއްޓާލެވި، އިހު އުޅުނު ދިރިއުޅުމަށް ބަދަލުވެދެއެވެ.

މިކަންކަން އިންސާނާގެ ހަޔާތުގައި ދައުރުވަމުން ހިނގާނެއެވެ. ފެށުމުގައި ބުނެވުނު ކަންކަން ގަވައިދުން ނުކުރެވޭ ސަބަބަކީ މިދެންނެވި ނަފްސާނީ އިހުސާސްތަކާއި ޖަޒުވާބުތަކެވެ.