އިތުރުވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުކޮޅުގެ ތެރޭގައި އަލެކްސިސް ސަންޗޭޒް ވައްދާލި ލަނޑާއެކު އިންޓަ މިލާނުން 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސަުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
މިއީ 2010 ވަނަ އަހަރުގެ ފަހުން އިންޓަ އިން ސުޕަ ކަޕް އުފުލާލި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ. އިންޓަ އަށްވުރެ ގިނަ އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވާދަވެރި އޭސީ މިލާނާއި ޔުވެންޓަސް އެވެ. މިލާނުން ހަތް ފަހަރު ކާމިޔާބުކުރިއިރު، ޔުވެންޓަސް އިން ވަނީ ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ.
ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ހުނަރުވެރި ވިންގާ ފެޑެރީކޯ ކިއޭސާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އަށް މެޗު ގެއްލުނީ ކޮވިޑްޖެހިގެންނެވެ.
ސެން ސީރޯގައި ރޭ ކުޅުނު މެޗު ފެށިގެން 25 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޔުވެންޓަސް އިންނެވެ. ސްޕެއިނުގެ ފޯވާޑް އަލްވާރޮ މޮރާޓާ ނަގައިދިން ހުރަހަކުން މި ލަނޑުޖަހައިދިނީ ވެސްޓަން މެކްކެނީ އެވެ. އެކަމަކު، އޭގެ 10 މިނެޓުފަހުން އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަގެ ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ އަށް ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ޑި ޝީލިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސް އަށް އަލުން ލީޑްނަގައިދޭން ފެޑެރީކޯ ބާނަޑެސްކީ އަށް ލިބުނު ދެ ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި އިންޓަގެ ޑެންޒެލް ޑަމްފްރީސް އާއި މާޓިނޭޒް ފޮނުވާލި ހަމަލާތައް ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން ހުއްޓުވިއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވުމުން ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އިންޓަ އަށް ގޯލެއްޖަހައިދޭން ސަންޗޭޒަށް ލިބުނު ފުރުޞަތު ވެސް ވީ ބޭކާރެވެ. އެކަމަކު، މެޗުގެ އިތުރުވަގުތުގެ ފަހު ހާފުގެ ކުޅުން ހަމަވުމުން ދެއްކި އިތުރުވަގުތުގައި ސަންޗޭޒް ވަނީ އިންޓަ އަށް މޮޅު ޔަގީންކޮށްދީފައެވެ. މިއީ އެ ޓީމުގެ ފުލްބެކް މަޓިއާ ޑަމިއާން ދިން ބޯޅައަކުން ސަންޗޭޒް ކާމިޔާބުކުރި ގޯލެކެވެ.
