ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ރޭ ވާދަވެރި ބާސެލޯނާ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ރެއާލް މޮޅުވީ 3-2 އިންނެވެ.
މިއީ ބާސެލޯނާ އަތުން ރެއާލް ޖެހިޖެހިގެން މޮޅުވި ފަސްވަނަ ފަހަރެވެ. އަދި މިއީ އެލް ކްލެސިކޯ ތާރީޚުގައި ރެއާލް މޮޅުވި 100 ވަނަ މެޗެވެ.
ރޭގެ މެޗަކީ ބާސެލޯނާގެ އައު ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި އެ ޓީމާ ދާދިފަހުން ގުޅުނު ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒާއި ޑެނީ އަލްވޭސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
ސައުދީ އަރަބިއާގެ ރިޔާދުގައި ރޭ ކުޅުނު މި މެޗު ފެށިގެން 25 ވަނަ މިނެޓުގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ދިން ބޯޅައަކުން ވިނީޝަސް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ޙާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އެވެ. މިއީ ބާސެލޯނާގެ ވިންގާ އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހެއް ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑި ޔޯން ގައިގަ ޖެހިފައި ވަތް ގޯލެކެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑްނެގީ ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތް މިނެޓަށްވެފައިވަނިކޮށް ޖޯޑީ އަލްބާ ނެގި ހުރަހަކުން އަންސޫ ފާޓީ ބޮލުން ވައްދާލި ލަނޑާއެކު އަލުން ވަނީ އެއްވަރުކޮށްފައެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ރެއާލް މޮޅުވި ލަނޑުޖަހައިދިނީ އުރުގުއޭގެ އަރަމުން އަންނަ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އެވެ. މިއީ ބްރެޒިލްގެ ހަލުވި ވިންގާ ރޮޑްރީގޯ ދިން ބޯޅައަކުން ވަލްވާޑޭ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގެ ފައިނަލްގައި ރެއާލާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް އެތުލެޓިކް ބިލްބާއޯ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހު އެވެ. އެންމެ ފަހުން ކުޅެވުނު ސުޕަ ކަޕް ކާމިޔާބުކުރީ ބާސެލޯނާ ބަލިކޮށް ބިލްބާއޯ އިންނެވެ.
