އިނގިރޭސި ލީގު ކަޕްގެ ދެވަނަ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލުން 0-0 އިން ލިވަޕޫލާއި އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު އާސެނަލަށް އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުން މޮޅުވެ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. މިހާތަނަށްއައިއިރު އަންނަ މަހުގެ 27 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުން ޖާގަ ހޯދާފައިވަނީ ޗެލްސީންނެވެ. އެއީ ސެމީގެ ފުރަތަމަ މެޗުގެ ދެ ލެގުން 3-0ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްގެންނެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތްއިރު ކޮވިޑްޖެހިގެން ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑާއި އިނގިރޭސިވިލާތުގެ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް ވަނީ އައިސޮލޭޝަނަށް ދާން ޖެހިފައެވެ. މީގެއިތުރުން، މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ގޮސް ހުރުމުން ދެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ތިބީ ޓީމާ ދުރުގައެވެ. އެގޮތުން، ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އާއި ސެނެގޯލްގެ ސަޑިއޯ މާނޭ އަދި ގިނީގެ މިޑްފީލްޑަރު ނަބީ ކޭޓާގެ އިތުރުން އާސެނަލަށް ކުޅެމުން އަންނަ ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ނެތުމުން ދެ ޓީމަށް ވެސް ހީނަރުކަން އައިސްފައިވެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން 24 ވަނަ މިނެޓުގައި އާސެނަލްގެ ގްރޭނިޓް ޒާކާ އަށް ރަތް ކާޑު ދެއްކުމާއެކު އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ޒާކާ އަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. މި ހާފުގައި ލިވަޕޫލްގެ ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ފޮނުވާލި ހިލޭޖެހުމުން ވެސް ނުރައްކާކުރެވޭ ގޮތެއްނުވިއެވެ.

މި މެޗުގައި ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް އާސެނަލުން ފޮނުވާލި ފުރަތަމަ ހަމަލާގައި، 71 ވަނަ މިނެޓުގައި ބުކާޔޯ ސާކާ އަށް މާ ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކުރެވޭ ގޮތް ނުވުމުން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހުއްޓުވިއެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް ގޯލް ކުރިމަތިން ހުހަށްހުރެ ފޮނުވާލަން ލިބުނު ފުރުޞަތުގައި ލިވަޕޫލްގެ ޖަޕާން ފޯވާޑް ޓަކޫމީ މިނަމީނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.