ދެމިގެން ދިޔަ ލޮކް ޑައުންގެ ގިނަ ދުވަސްތައް، ޕަންވޭލްގައި ހުންނަ އޭނާގެ ފާރމް ހައުސްގައި ހޭދަކުރުމަށްފަހު، ޙާލަތު ރަގަޅު ވަމުން އަންނާތި ފިލްމީ މަސައްކަތްތައް ފެށުމަށް ސަލްމާން ޚާން ތައްޔާރު ވެއްޖެއެވެ. އެގޮތުން އޭނާގެ އެންމެ ފުރަތަމައަށް ފެށުމަށް ހަމަޖެހިފައިވާ ފިލްމު " ރާދޭ: ދަ މޯސްޓް ވޯންޓެޑް ބާއީ" ގެ މަސައްކަތްތައް ފެށޭ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.

އޮކްޓޯބަރު އެކެއްގައި ސަލްމާންގެ ރިއަލިޓީ ޝޯއެއްގެ ޝޫޓިންގ ނިންމުމަށްފަހު އޭނާ މުޅިން ހުސްވާނީ "ރާދޭ: ދަ މޯސްޓް ވޯންޓެޑް ބާއީ" ގެ މަސައްކަތަށެވެ. މި ފިލްމުގެ ޝޫޓިންގެ ތެރެއިން މުމްބައި ގެ ސްޓޫޑިއޯއެއްގައި 12-10 ދުވަހުގެ ޝޫޓް ކުރުމަށްވަނީ ހަމަ ޖެހިފައެވެ. މި މުއްދަތުގައި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދިޝާ ޕިޓާނީ އާއި އެކު ކުޅޭ ލަވައެއް ޝޫޓް ކުރެވޭނެއެވެ.

ފިލްމުގެ އެހެން ރޯލްތަކުން ރަންދީޕް ހޫޑާ އަދި ޖެކީ ޝްރޮފް ފެނިގެންދާ މި ފިލްމުގެ ޑައިރެކްޓަރަކީ ދެކުނު އިންޑިޔާގެ މަޝްހޫރު ނެށުންތެރިޔާ، ކްރިއޮގްރާފަރ އަދި ޑިރެކްޓަރ ޕްރަބޫ ދޭވާއެވެ. ލޮކްޑައުންގެ ތެރޭގައި ވެސް ސަލްމާން އަދި ޕްރަބޫ ދޭވާ ވަނީ ޝޫޓިންގެ ކުރިން ކުރަން ހުރި ކަންކަން ވަރަށް ބުރަކޮށް ކޮށްފައެވެ. ގަވާއިދުތައް ހުރިގޮތުން ފިލްމުގެ ޝޫޓިން ފެށުމަށް ޕްރަބޫ ދޭވާ މުމްބައި އަށް ގޮސް 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ.

މިއަހަރުގެ އީދުގައި ބެލުންތެރިންނާއި ހަމައަށް ގެންނަން ތައްޔާރުވި މި ފިލްމު ލަސްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އާންމު ކުރެވުނު ލޮކްޑައުންގެ ސަބަބުންނެވެ.